ބޭސްވެރިކަމުގެ ޤައުމީ ސިޔާސަތާއެކު ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުވާނެ ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލު މިހެން ވިދާޅުވީ ނޭޝަނަލް މެޑިސިން ޕޮލިސީ އިފްތިތާހުކޮށްދެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ނޭޝަނަލް މެޑިސިން ޕޮލިސީ" އަކީ 2018 ވަނައަހަރުން ފެށިގެން 2023 އަށް ތަންފީޒްކުރަމުން ދިޔަ ސިޔާސަތު މުރާޖައާކުރުމަށްފަހު އެކުލަވާލާފައިވާ އައު ޤައުމީ ސިޔާސަތެކެވެ.

ސިޔާސަތު މުރާޖައާ ކުރިއިރު މިހާރުގެ ހާލަތައް ފެތޭތޯ ބަލާފައިވާނެކަމަށާއި ބަދަލު ގެންނަންޖެހޭ ކަންކަން ދެނެގަތުމަށްފަހު ތަންފީޒްކުރުން ހަރުދަނާކުރެވިފައިވާ ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްހަތާއި ބެހޭ ވަޒީރު ޚަލީލް ވިދާޅުވީ، ބަލިމީހުން އަބަދުވެސް ރާއްޖެއިން ކޮލިޓީ ރަނގަޅު ބޭސް ނުލިބުމުގެ ޝަކުވާ ކުރާކަމަށެވެ. އެހެންކަމުން ރަނގަޅު ކޮލިޓީގެ ބޭސް ރާއްޖެއަށް ގެނައުމަށް މިސިޔާސަތުން މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސިޔާސަތާއެކު ބޭސް އެތެރެކުރަން ހުށައަޅަންޖެހޭނީ 2 ޑޮކިއުމަންޓަކާއި ބޭހުގެ ސާންޕަލްކަމަށެވެ. އަދި ހުށައަޅާ ޑޮކިއުމަންޓް ރިވިއުކުރަން ކުރިން 3 މަހެއްހާ ދުވަސް ހޭދަވާކަމަށާއި ނަމަވެސް މި ގެނެވުނު ބަދަލާއިއެކު ޑޮކިއުމަންޓްތައް ރިވިއުކުރުމަށް ގިނަވެގެންވެސް ހޭދަވާނީ 10 ނުވަތަ 15 ދުވަސްކަމަށް ވަޒީރު ވިދާޅުވިއެވެ.