ގްރީސްގެ ޑިފެންސް މިނިސްޓަރު ނިކޯސް ޑެންޑިއާސް، ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ ރުސްޓެމް އުމެރޯވް އާއި ޔޫކްރޭންގެ ކޮމާންޑަރ އިން ޗީފް އެލެގްޒެންޑަރ ސިރސްކީއާ ސީރިއަސް މަޝްވަރާތަކެއް ކުރައްވައިފިއެވެ.

'މިއަދު އަޅުގަނޑު ޔޫކްރޭންގެ ޑިފެންސް މިނިސްޓަރު ރުސްޓެމް އުމެރޯވް އަދި އެގައުމުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް އާއި ސީރިއަސް މަޝްވަރާ ތަކެއް ކޮށްފިން،' ގްރީސްގެ މިނިސްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔޫކްރެއިންގެ މިނިސްޓަރު އެ ގައުމުގެ ސަލާމަތީ ހާލަތާއި މެދު މުހިއްމު މައުލޫމާތު ތަކެއް ވެސް ދެއްވާފައި ވާ ކަމަށެވެ.

ގްރީސްގެ ވަފުދެއް މިހާރު ދަނީ ޔޫކްރޭނަށް ޒިޔާރަތް ކުރަމުންނެވެ. މި ވަފުދުގެ އިސްވެރިޔަކަށް ހުންނަވާނީ ގްރީސްގެ ބޮޑުވަޒީރު ކިރިއަކޯސް މިޓްސޮޓާކިސް އެވެ. ގްރީސްގެ ނޫހެއް ކަމަށްވާ ޕްރޮޓޯ ތީމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގްރީސްގެ ވަފުދާއި 150 މީޓަރު ދުރުގައި އޮތް ޔޫކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ މޮޓޯކޭޑަށް މެންދުރު ފަހު އޮޑެސާގައި ޑްރޯނެއް ހަމަލާދީފައިވެ އެވެ. އެއީ މިސައިލް ގޮވުމެއް ކަމަށް ފަހުން އެ ނޫހުން ވަނީ ބުނެފައެވެ.