ލިޔުނީ: ޝެއިޚް ޢަބްދުއްރަހީމް މުޙައްމަދު (ޅޮހި)
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:
ރަމަޟާންމަހަކީ ހަމައެކަނި ރޯދަހިފުމުގެ މައްސަރެއްނޫނެވެ. އެއީ ޤުރުއާން ކިޔަވައި ހޭދަކޮށް އުޅުމުގެ މައްސަރެވެ. އެމައްސަރުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެން މަސްތަކާއި ޚިލާފަށް ދީލަތިވެ ވަޑައިގަންނަވައެވެ. އެގޮތުން އެމަސް އުގަންނައިދެނީ ފަޤީރުންނާއި އަދި މިސްކީނުންނާއި އަދިވެސް ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކުރުމެވެ. އެހެނީ މިހުރިހާ ކަމަކުން އޯގާވެރި ގުޅުންހުރި މުޖުތަމަޢެއް ބިނާވެގެންދާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއްނޫނެވެ.
އެގޮތުން ރޯދަމަހުގައި އެންމެ މަތިވެރި އެއްކަމަކީ މީސްތަކުންނަށް ރޯދަވީއްލަން ދިނުމެވެ. އެކަމުގެ ސަބަބުން މަތިވެރިވެގެންވާ އަޖުރު ލިބިގެންދެއެވެ. އަދި އިޖުތިމާޢީ ގުޅުން އާލާވެ ނަފުރަތު ނެތި ގުޅުން ގާއިމުވެގެން ދެއެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘކުރައްވާފައިވެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا) رواه الترمذي (807) و صححه الألباني.
މާނައީ: "ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފިމީހަކަށް ރޯދަވެރިޔާއަށް ލިބުނު ސަވާބު ލިބިގެންވެއެވެ. އެޔާއެކު ރޯދަވެރިޔާގެ ރޯދައިން އެއްވެސް ސަވާބެއް އުނިވުމެއްނެތިއެވެ."
ސަލަފުންގެ ބޭކަލުން އެހެން މީހުންނާއި ރޯދަ ވީއްލުމަށް ލޯބިކުރައްވައެވެ. އަދި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ ފަޤީރުންނާއި އަދި މިސްކީނުންނާއި އެކު ރޯދަވީއްލަވައެވެ.
މިއާދައަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސްވާ ވަރަށް ރީތި އާދައެކެވެ. މާލޭގައި މިސްކިތްތަކުގައި ރޯދަވިއްލުމަށް ވަރަށް ގިނަ ފަރާތްތަކުން ހޭދަކޮށް އެކަމަށް ވަރަށް ބުރަ މަސައްކަތްތައް ކުރައްވައެވެ. އެޔާއެކުވެސް މި އާދަ އިތުރަށް ދިރުވާ އަޅުގަނޑުމެން ތެރޭގައި ފަތުރަން ޖެހެއެވެ. އޭރުން ގާތްކަމާއި އެކުވެރިކަން އާލާވެ މުސްލިމު އަޚުވަންތަކަން އިތުރުވެގެން ދާނެއެވެ. އަދި ރޯދަ ވީއްލުން ދޭ ފަރާތަށް އެކަމުގެ ސަބަބުން އަޖުރު ލިބި އަދި ފަޤީރުންނާއި މިސްކީނުންގެ ހިތްތަކުގައި އެފަރާތްތަކާއި ލޯތްބާއި ހަމްދަރުދީ އުފެދިގެންދާނެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
( لا تدخلوا الجنة حتى تؤمنوا ولا تؤمنوا حتى تحابوا) رواه مسلم في صحيحه.
މާނައީ: "ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ލޯބިވެއްޖައުމަށް ދާންދެން އީމާން ނުވާ ހުއްޓެވެ."
ވީމާ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވުމަކީ އީމާންކަން ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ނަމަވެސް ހިތާމައަކީ ވަރަށް ގިނަ ފަހަރަށް އަހަރެމެން މުސްލިމުން އެކިބައިތަކަށް ނިސްބަތްވެ ޢަދާވަތްތެރިކަން ގެނެސްގަންނާތީއެވެ. މިއީ އިސްލާމްދީން މަނާކުރާ ޝައިތާނާގެ ޢަމަލެކެވެ. އެފަދަކަންކަމުން ދުރުވާން ޖެހޭނެއެވެ. މުސްލިމުން އެއްވެސް ހާލެއްގައި ބައިބައިވެގެން ނުވާނެއެވެ. އޭރުން އެބަޔަކު ހަލާކުވެ އީމާންނުވާ މީހުންގެ ތެރެއިން ވެދާނެއެވެ. އަދި ބައެއް ފަހަރަށް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ފަޤީރު މަސައްކަތްމީހުންނަށް އިހާނެތިކޮށް ކަންތައްތައް ކުރެވެއެވެ. އެއީ އެހެން ޤައުމަކަށް ނިސްބަތްވާ ބައެއްކަމުގައި ވިޔަސް އެފަދައިން ކަންތައްތައް ކުރުން ހުއްދަނުވާނެއެވެ. ވީމާ އެފަދަ ކަންކަމުން ދުރުވެ ހުރިހާ މީސްތަކުން ދެކެ ލޯބިވާ ރަޙުމްކުރާ ބައެއްކަމުގައި ލެއްވުން އެދި ދުޢާކުރަމެވެ.
وصلى الله وسلم على نبينا محمد و آله وصحبه أجمعين. آمين.