ރާއްޖެއަށް ކޮންމެ އަހަރަކު ޒިޔާރަތްކުރާ މޫސުމީ ދޫނިތައް ހިފައި ހައްޔަރު ކޮށްގެން އުޅޭ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދޫނިތަކުގެ ތެރެއިން ބައެއް ދޫނިތައް މިހާރުވެސް ރާއްޖޭގައި އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ބައެއް ދޫނިތައް ވަނީ އިންސާނުންގެ ޝިކާރައަކަށް ވެފައެވެ. އެފަދަ މީހުންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދޫނިތައް ހިފި މައްސަލައާ ގުޅިގެން އީޕީއޭއަށް ހުށަހަޅައިފައިވަނީ ކިތައް މައްސަލަ ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. "އެ މައްސަލަތައް މިދަނީ ބަލަމުން. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ދޫނިތައް ވަނީ ބައެއް މީހުންގެ ޝިކާރައަކަށްވެފައި. އަނެއްބައި ދޫނިތައް ވަނީ ރާއްޖެ ދޫކޮށް ގޮސްފައި. ބައެއް ދޫނި މިހާރުވެސް އެބައުޅޭ،" ނަޢީމް ވިދާޅުވިއެވެ.
ނަޢީމް ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ރާއްޖެއަށް ތަފާތު ވައްތަރުގެ ގިނަ ދޫނިތައް ޒިޔާރަތް ކުރި ކަމަށެވެ. އޭގެ ތެރޭގައި ސުލައިމާނުގެފާނަށް ޖާސޫސުކޮށްދިން ހުދުހުދު ޢާއިލާގެ ދޫނި ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޢީމް ވިދާޅުވީ ރާއްޖެ ވާންޖެހޭނީ ބޭރުން ހިޖުރަކުރާ ދޫނީސޫފާސޫފިތަކަށް ރައްކާތެރި އަމާން މާހައުލަކަށް ކަމަށެވެ. އެހެންނަމަވެސް ބައެއް މީހުން މިފަދަ ކަންކަމަށް ވިސްނާނުލާ ކަމަށް އޭނާ ވިދާޅުވިއެވެ. "މީހުން ދޫނި ހިފަނީ ވަރަށް ލޯބިން ގެންގުޅެން ކަމަށްބުނެ. އެހެންނަމަވެސް ގެންގުޅުމުގެ ތެރޭގައި އެތައް ދޫންޏެއް މަރުވެގެން އެބަދޭ. މިއީ ވަރަށް ދެރަކޮށް ދިމާވާ ކަމެއް،" ނަޢީމް ވިދާޅުވިއެވެ.