ސީ ޕްލޭންގެ ގޮތުގައި ތައްޔާރު ކޮށްފައިވާ އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނިގޮތުގައި, އިއްޔެ ކުރި ފުރަތަމަ ދަތުރުގައި ބަލި މީހަކު އުފުލާފައިވަނީ ދ. ކުޑަހުވަދޫއިން މާލެއަށެވެ.

އެއާ އެމްބިއުލާންސުގެ ހިދުމަތްދެނީ ޑޭސް-6 ޓްވިން އޮޓާ މަރުކާގެ ބޯޓެއް އެއާ އެމްބިއުލާންސަށް ބަދަލުކޮށްގެންނެވެ. އެ ބޯޓު އަވަސް ފަރުވާ ދެވޭނެ ހުރިހާ ވަސީލަތަތްކެއް ހުންނާނެ އެވެ.

މީގެއިތުރުން އެ ބޯޓުގައި އެއްފަހަރާ ދެ ބަލި މީހުން އުފުލޭއިރު އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސުގެ ހިދުމަތް ފެށީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ހިދުމަތަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ.