އިނގިރޭސި ވަލީ އަހުދު، ޕްރިންސް ވިލިއަމްގެ އަނބިކަލުން ޕްރިންސަސް ކޭޓް މިޑްލްޓަން ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން ހާމަ ކުރައްވައިފިއެވެ.

ކޭޓް އިއްޔެގެ ވަގުތެއްގައި ވޭލްސްގެ ރޯޔަލިޓީއިން ޝާއިރު ކުރި ވިޑިއޯއެއްގައި ވާހަކަ ދައްކަމުން ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު އެކަމަނާ ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ވަނީ ކާމިޔާބު ވެފައިކަމަށެވެ. އެވަގުތު އެކަމަނާގެ މެޑިކަލް ޓީމުން ޓެސްޓުތަކެއް ހެދުމަށްފަހު ނިންމީ އެކަމަނާގެ އެއްވެސް ކަހަލަ ކެންސަރެއް ނެތް ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށް ނިމުމަށް ފަހު އެކަމަނާގެ ހަށިގަނޑުން ކެންސަރު ފެނިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޭޓް ވިދާޅުވިގޮތުގައި އެކަމަނާ މިހާރުވަނީ ކީމޯތެރަޕީގެ ޓްރީޓްމެންޓް ފަށްޓަވާފައެވެ. ކޭޓްގެ ހަށިގަނޑުން ފެނިފައިވަނީ ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެކަމަނާގެ އޮފީހުން ބުނެފައިވަނީ ކޭޓްގެ ކެންސަރާއި ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށެވެ. އެއީ ކޭޓްގެ މެޑިކަލް ޕްރައިވެސީގެ ސަބަބުން ކަމަށެވެ.