ލިޔުއްވީ: ޝެއިޚް އަބްދުއްރަހީމް މުހައްމަދު (ޅޮހި)
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:
ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިން ޒިކުރުކުރުމަކީ އެއިލާހަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވާ އެއްޢަމަލެވެ. އަދި ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެއީ ކުރަން ވަރަށް ފަސޭހަ އަދި އެޔާއެކު ތަކުލީފުކުޑަ އަދި އެޔާއެކު އެކަމުގެ ސަވާބު ވަރަށް ބޮޑުވެގެންވާ ޢަމަލެކެވެ. އަދި މުނާފިޤުންނަށް އެޢަމަލެއް ކުރުމަށް ވަރަށް އުނދަގޫ ޢަމަލެކެވެ. އެހެންކަމުން ޒިކުރުކުރުމަކީ ކޮބައިކަމާއި އަދި އެކަންކުރުމުގެ މާތްކަން އަޅުގަނޑުމެންނަށް އެނގެން ޖެހެއެވެ.
ޒިކުރުކުރުމަކީ ﷲގެ މަތިން ހަނދުމަކޮށް ތަސްބީޙަ ކިޔާ ޒިކުރުކޮށް ތަކުބީރުކިޔާ ދުޢާކޮށް ހެދުމެވެ. އެގޮތުން ހެނދުނާއި ހަވީރުގެ ދުޢާތަކާއި އަދި ނިދާއިރުއާ އަދި މިސްކިތަށް ވަންނަ އިރުއާ އަދި ނުކުންނައިރުއާ ކާއިރުގަޔާއި އަދިވެސް އެނޫން ވަޤުތުތަކުގައި ﷲގެ މަތިން ޒިކުރުކުރުމަށް އަޅުގަނޑުމެންނަށް ވަނީ މިއުއްމަތުގެ މާތްވެގެންވާ ނަމޫނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ޒިކުރުކުރުމާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّـهِ وَاذْكُرُوا اللَّـهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ) سورة الجمعة: 10
މާނައީ: " ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. (އެބަހީ: ޙަޔާތު ގެ މައިދާނަށް ނުކުންނާށެވެ) އަދި ތިޔަބައިމީހުން اللَّه ގެ ފަޟުލު ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ. އަދި ތިޔަބައިމީހުން ގިނަގިނައިން اللَّه ހަނދުމަކުރާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. "
މިއާޔަތުގައި ﷲ ސުބޫޙާނަހޫ ވަތަޢާލާ ވަނީ ނަމާދުކޮށް އަވަދިވުމުން ﷲއަށް އެއިލާހުގެ ފަޟުލުވަންތަކަން ދެއްވުން އެދިދުޢާކޮށް ޒިކުރުކުރުމަށް އަމުރުކުރައްވާފައެވެ. އެއީ ކާމިޔާބުވުމަށްޓަކައި ކަމުގައި އެއިލާހު އަންގަވާފައިވެއެވެ. އެހެންކަމުން ނަމާދުކުރުމާއި ދުޢާކުރުމާއި އަދި ޒިކުރުކުރުމަކީ ﷲ ގެ ފަރާތުން ކާމިޔާބު ލިބެނިވި ކަމެއްކަން އެނގިގެންދެއެވެ.
އަދި ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޒިކުރުކުރުމަކީ ހިތްތަކަށް ހިތްހަމަ ޖެހުން ލިބޭކަމެއްކަމުގައި ބަޔާންކުރައްވާފައެވެ. އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
(الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ) سورة الرعد: 28
މާނައީ: " އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ "
އެހެނީ ހިތްތަކަށް ހިތްހަމަ ޖެހުމުގެ އަޞްލެއްކަމުގައި ﷲގެ މަތިން ޒިކުރުކުރުން ހިމެނޭކަމަށް މިއާޔަތުގައި އެއިލާހު އަންގަވާފައިވެއެވެ. އެހެންކަމުން މިޢަމަލަކީ ހިތްހަމަ ޖެހުން ލިބުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަތިވެރި ވެގެންވާ އަޅުކަމެކެވެ. ރަމަޟާން މަހަކި އެކަމަށް އެންމެ އެކަށީގެންވާ އެއްމަހެވެ.
އަދި ﷲގެ މަތިން ޒިކުރުކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޒިކުރުކުރާ މީސްތަކުންގެ މަތިން ހަނދުމަކުރައްވާކަމެކެވެ. އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
(فَاذْكُرُونِي أَذْكُرْكُمْ) سورة البقرة: 152
މާނައީ: " ތިމަންއިލާހުގެ މަތިން ޒިކުރުކުރާށެވެ. ތިމަންއިލާހު ތިޔަބައިމީހުންގެ މަތިން ހަނދުކުރައްވާހުށީމެވެ."
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(يقول الله عزَّ وجلَّ: أنا عند ظن عبدي بي، وأنا معه حين يذكرني، فإن ذكرني في نفسه ذكرته في نفسي، وإن ذكرني في ملأ ذكرته في ملأٍ هُمْ خير منهم) رواه البخاري ومسلم.
މާނައީ: " ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވައެވެ. ތިމަންއިލާހުވަނީ ތިމަންއިލާހުގެ އަޅާ ހީކުރާ ހީކުރުމާއި އެކުގައެވެ. އަދި ތިމަންއިލާހު އެއަޅާ ތިމަންއިލާހުގެ މަތިން ޒިކުރުކޮށްފިނަމަ ވަނީ އެއަޅާއާއި އެކުގައެވެ. އެއަޅާ އޭނާގެ ނަފުސަށް ހީކޮށްފިނަމަ ތިމަންﷲގެ ނަފުސަށް އެއަޅާގެ މަތިން ހަނދުމަކުރައްވަމެވެ. އަދި ގިނަމީހުންތަކަކާއި އެކު ތިމަންﷲގެ މަތިން ޛިކުރުކޮށްފިނަމަ، ތިމަންﷲ އެބައިމީހުންނަށްވުރެ ހެޔޮވެގެންވާ ބައެއްކައިރީގައި އޭނާގެ މަތިން ޛިކުރުކުރައްވަމެވެ."
މި ޙަދީޘްއާ މެދު އިމާމު އިބުނު ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ﷲގެ މަތިން ޛިކުރުކުރުމާއި މެދު އެއްވެސް މާތްކަމެއް ނެތި މިކަން އެކަނި ވީ ކަމުގައި ވިޔަސް އެކަމުގެ މާތްކަމާއި ޝަރަފަކަށް ފުދެއެވެ."
އަދި ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ޒިކުރުކުރުން ހިތަށް (ވާ)ކަމުގެ މިސާލަކީ މަހާއި ފެނުގެ މިސާލެވެ. ފެނާއި ނުލައި މަހުގެ ހާލުވަނީ ކޮންފަދައަކުން ހެއްޔެވެ؟"
އެހެންކަމުން އަޅުގަނޑުމެން އެއިލާހުގެ މަތިން ގިނަގިނައިން ޒިކުރުކޮށް މިމަތިވެރިވެގެންވާ އަޅުކަން ގިނައިން ކޮށް ﷲއާއި ކުއްތަންވާ ޞާލިޙު ބައެއްކަމުގައި ލައްވާށިއެވެ.
والله أعلم وصلى الله وسلم على نبينا محمد وآله وصحبه أجمعين. آمين.