ލިޔުނީ: އަޒްހީން

ސީރިޔާގެ ދިމިޝްކުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން މިރޭ ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ)ގެ އިސް ދެ ކޮމާންޑަރުންނާއެކު ހަތް މީހަކު މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ ޒަހެދީ އާއި އޭނާގެ ޑެޕިއުޓީ ޖެނެރަލް މުހައްމަދު ހާދީ ހާޖްރިއާހިމީ ހިމެނެއެވެ. އީރާނުން ވަނީ މި ހަމަލާއަކީ ބައިނަލްއަގްވާމީ ޤާނޫނުތަކާ ހިލާފު ހަމަލާއެއް ކަމަށް ބުނެފައެވެ. ސީރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް މެކްދާދު ވަނީ މި ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއްކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން ރަޝިޔާއިންވެސް އެކަން ކުށްވެރިކޮށްފައިވާއިރު، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. އިސްރާއީލުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާ ދީފައި މިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކާއި، ސޫރިޔާގައި އީރާނަށް ތާއީދުކުރާ ޖަމާޢަތްތަކަށް އަމާޒުކޮށް ވައިގެ ހަމަލާތައް އިތުރުކުރުމާ ގުޅިގެން ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން މި އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް ފުޅާވެ، އީރާނާއެކު މިހާރަށް ވުރެ ފުޅާ ކުރިމަތިލުމަކަށް އިސްރޭލު ވެއްޓިދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.