ލިޔުނީ: އަޒްހީން

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިސްރާއީލުގެ އިންޓެލިޖެންސަށް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ޕްރައިވެޓް ޑިޓެކްޓިވް އަކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފައެވެ.

ހޯމް މިނިސްޓަރު އަލީ ޔަރްލިކާޔާ ސޯޝަލް މީޑިއާގައި އެ މީހުން ހައްޔަރުކުރިކަން އިއުލާން ކުރައްވަމުން ވިދާޅުވީ ފުރަތަމަ 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަ މީހަކު ދޫކޮށްލާފައިވާއިރު އެ ދެމަފިރިންގެ މައްޗަށް ވަނީ ޖާސޫސް ކުރުމުގެ ދައުވާ އުފުލައިފައެވެ. އެ ދެ މީހުން ވަނީ އިސްރާއީލް ޝައުގުވެރިވާ ފަރާތްތަކާއި ކުންފުނިތަކުގެ މައުލޫމާތު އެއްކޮށް މާލީ މަންފާއެއް ހޯދުމަށް މޮސާޑަށް ދީފައެވެ.

ތުރުކީގެ އޮފިޝަލުން ބުނާ ގޮތުގައި މި ދެމަފިރިން 2011 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އޮޕަރޭޝަން ކުރީ ސިއްރު މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން އަދި ޔޫރަޕްގެ މޮސާޑް އެޖެންޓުންނާ ބައްދަލުކޮށްގެންނެވެ. މިއީ ތުރުކީގައި ދިރިއުޅޭ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން އިންޒާރު ދިނުމާ ގުޅިގެން ތުރުކީ އާއި އިސްރާއީލާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖެނުއަރީ މަހުން ފެށިގެން އިސްރާއީލުގެ މޮސާޑް އިންޓެލިޖެންސް އެޖެންސީއަށް ޖާސޫސްކުރި ކަމަށް ތުހުމަތުކުރެވޭ ގިނަ ޖަމާއަތްތަކެއް ހައްޔަރުކޮށްފައެވެ. ތުރުކީގެ މެދުއިރުމަތީގެ މުވައްސަސާތަކުގެ އިންޓެލް އެއްކުރި ކަމުގެ ތުހުމަތުގައި ކުރީގެ ސަރުކާރު މުވައްޒަފަކާ އެކު ހަތް މީހަކު މިދިޔަ މާޗް މަހު ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހު މޮސާޑްގެ ޖާސޫސުން ކަމަށް ޝައްކުކުރެވޭ 14 މީހުން އަދި ޖެނުއަރީ މަހު 33 މީހުން އަތުލައިގަތުމާ ގުޅިގެންނެވެ. ތުރުކީގެ އޮފިޝަލުން ބުނަނީ އެ ގައުމުގެ ތެރޭގައި ޖާސޫސީ ހަރަކާތްތައް ހުއްޓުވުމުގައި ދެމިތިބޭނެ ކަމަށެވެ.