ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަނު ކުރަންޖެހޭ ދެ މެންބަރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންނަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާނެ ކަމަށެވެ.

އެހެންކަމުން އެ މަގާމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު 22 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިދެއްވުން އެދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕޮލިސް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ މިއަދަކީ 8 ފެބްރުއަރީކަން ފާހަގަކޮށް ރައިސް ނަޝީދު ވިދާޅުވީ، މީގެ 9 އަހަރު ކުރިން 8 ފެބްރުއަރީ 2012 ގައި ފުލުހުްނ ޖަޒުބާތުގައި ޖެހިކަމަށްބުނެ އާންމުންގެ ތެރެއިން އެތައްބަޔަކަށް ލާއީންސާނީ ބޮޑެތި އަނިޔާތައް ދީފައިވާކަމަށެވެ. އަދި ބަގާވާތް ނުވަތަ މިޔުޓިނީގެ މަސައްކަތް ފުލުހުންގެ ތެރޭގައި ހިންގި މީހުންނަށް ފިޔަވަޅު އެޅިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތަކީ ޕްރޮފެޝަނަލް، ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ލިބިގެންވާ މަސައްކަތަކަށް ހަދަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.