ލ. މާބައިދޫގެ ސިއްހީ މަރުކަޒު ސައުވީސް ގަޑިއިރު ހިދުމަތްދޭ ތަނަކަށް ހަމަޖެއްސުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެ ރަށު ކައުންސިލުން އެދެފިއެވެ.

މާބައިދޫ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް، އެ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށު ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު ދަނބިދޫ ސްކޫލުގައެވެ.

އެ ކައުންސިލުން ވަނީ ރަށުގައި ބޭންކިންގ ހިދުމަތް ލިބުމާއި ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން ހިއްސާކުރައްވާފައިވެއެވެ. މީގެއިތުރުން ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާއަށާއި ލާމު އަތޮޅު މަދަރުސާއަށް އައު އިމާރާތެއް ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ

އަދި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށު ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ލ. މާބައިދޫ އ.ތ.މ. ކޮމިޓީގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި އ.ތ.މ. ކޮމިޓީ މެންބަރުންނަށް ދޭ އެލަވަންސް ބޮޑުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.