ރާއްޖޭ ގަޑިން ރޭ މެންދަމުން ފެށިގެން އިރާނުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އިޒްރޭލަށް 300 މިސައިލް ފޮނުވާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ސަހްޔޫނީ ދައުލަތް އިޒްރޭލާ ދެކޮޅަށް އިރާނުން ހަމަލާ ދޭން ފެށީ މިދިޔަ ހަފްތާގައި ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އިރާނުގެ އެމްބަސީއަށް އިޒްރޭލުން ހަމަލާދީ އިރާން އަސްކަރިއްޔާގެ ޖެނެރަލަކާއި މަތީފަންތީގެ 3 އޮފިސަރުން މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އިރާނުން ފޮނުވާލި 300 މިސައިލްގެ ތެރޭގައި ބެލިސްޓް 100 މިސަލައިލްވެސް ހިމެނޭ ކަމަށެވެ. އިރާނުން ފޮނުވާލާ ބެލަސްޓިކް މިސައިލެއް އިޒްރޭލާ ހަމައަށް ފޯރަން ނަގަނީ އެންމެ 12 މިނެޓެވެ. އިޒްރޭލަށް ހަމަލާ ދިނުމަށް އިޒްރޭލުން ފަޚްރުވެރިވާ އަޔަންޑޯމް ސިސްޓަމްގެ ރާޑަރަށް ނާރާހައި ތިރިން ދަތުރުކުރާ ޑްރޯންތައްވެސް ގިނަ އަދަކަށް ބޭނުން ކުރިއެވެ. މިބާވަތުގެ ޑްރޯންތަކަކީ ބޭނުންވާ އަމާޒަށް ވެއްޓިގަނެގެން ހަމަލާދޭ ޑްރޯންތަކެވެ.

https://fb.watch/rr5_Yo5laQ/?mibextid=UyTHkb

އިރާނުގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ދިފާއީ ވުޒާރާއިން ބުނެފައި ވަނީ އިރާނުން ދިން ހަމަލާތަކުގައި އިޒްރޭލުގެ އަސްކަރިއްޔާގެ އެއްވެސް ތަނަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ. އެކަމަކު އިރާނުން އިޒްރޭލުގެ މިވާހަކަތައް ދޮގު ކުރެއެވެ.