އިސްރާއީލުގެ ޢުދުވާނަށް އީރާނުން ދިން ޙަމަލާއަށް ރައްދު ދިނުމަށް އިސްރާއީލުގެ ވޯ ކެބިނެޓުން ރޭ ނިންމައިފިއެވެ.

އީރާނުން އިސްރާއީލަށް ޙަމަލާ ދޭން ޖެހުނީ ސީރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް މި މަހުގެ 1 ވަނަ ދުވަހު އިސްރާއީލުން ދިން ޙަމަލާއަށް ރައްދު ދިނުމުގެ ގޮތުންނެވެ. އީރާނުން، އިސްރާއީލަށް މި ޙަމަލާ ދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި ޙަމަލާއާ ގުޅިގެން އިސްރާއީލުން ގޮތެއް ނުނިންމި ދިގުލައިގެން ދިޔައީ އެ ޤައުމުގެ ވޯ ކެބިނެޓުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ. އެކެބިނެޓްގެ ބައްދަލުވުމެއް ބޭއްވުމަށް އާދީއްތަ ދުވަހު ހަޖެއްސި ނަމަވެސް އެ ބައްދަލުވުން ބޭއްވިފައި ނުވެއެވެ. އޭގެބަދަލުގައި އެ ބައްދަލުވުން ބޭއްވުނީ ރޭގެ ވަގުތެއްގައެވެ.

މި ބައްދަލުވުމުން ވަކިގޮތަކަށް ނިންމުމެއް ނިންމިފައި ނުވެއެވެ. ނަމަވެސް އިސްރާއީލުގައި މިހާރު އޮންނަ ހަރުކަށި ސިޔާސަތު ގެންގުޅޭ ސަރުކާރުގެ މެޖޯރިޓީ އޮންނަނީ ޔަހޫދީންގެ ހަރުކަށި ފިކުރުގެ މީހުންނަށެވެ. އެ މީހުން އެ ބައްދަލުވުމުގައި ވެސް ޙަމަލާ ދިނުމަށް ބާރު އަޅަމުން ދިޔަ ކަމުގައި މީޑިއާގައި ޚަބަރު ފެތުރިފައި ވެއެވެ.

އީރާނަށް ޙަމަލާ ދޭން ނިންމާފައިވާކަން އިސްރާއީލުގެ ސިފައއިންގެ ތަރުޖަމާނާއި، ޖާސޫސީ އަދާރާގެ އިސް ބޭފުޅަކު ޔަޤިންކަން ދީފައިވެއެވެ. ނަމަވެސް ޙަމަލާގެ ބާވަތާއި، ވަގުތު ފަދަ މަޢުލޫމާތު މީޑިއާ އަށް ހާމަކުރުމުން އޭގެ ނުރަނގަޅު ނަތީޖާ ނިކުންނާނެތީ އެ މަޢުލޫމާތު ހާމަކުރެވެން ނެތްކަމަށް ބުނެފައިވެއެވެ. އިސްރާއީލުން އީރާނަށް ޙަމަލަ ދޭން މަސައްކަތް ކުރަމުން ދާއިރު އެޤަމުގެ މަދަދުގާރުން ކަމުގައިވާ އެމެރިކާ އާއި، އިންގިރޭސިންނާއި، ޔޫރަޕުގެ ބައެއް ޤައުމުތަކުން މިފަދަ ޙަމަލާއެއް ނު ދިނުމަށް ބާރު އަޅަމުން ގެންދާ ކަން ފާހަގަ ކުރެވެއެވެ.

މި މަހުގެ އެއްވަނަ ދުވަހު އިސްރާއީލުން ސީރިޔާގައި ހުންނަ އީރާނުގެ ކޮންސިލޭޓަށް ދިން ޙަމަލާގައި އީރާނުގެ އެއްމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅަކާ އެކު ޖުމްލަ، ސިފައިންގެ 7 ބޭފުޅަކު ޝަހީދު ވެފައި ވެއެވެ. މި ކަމުގެ ރައްދެއްގެ ގޮތުގައި އީރާނުން ދިން ވަރުގަދަ ޙަމަލާގައި، ޑުރޯން އާއި، މިސައިލުގެ 331 އަށް ވުރެ ގިނަ އާލަތް ބޭނުން ކޮށްފައި ވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މީގެތެރެއިން 99 އިން ސައްތަ ވަނީ ލަނޑުދަނޑިއަށް ފޯރުމުގެ ކުރިން ހުއްޓުވާފައެވެ.

އެހެން ނަމަވެސް އިސްރާއީލުގެ ބައެއް ތަންތަނަށް ޙަމަލާ އަރައި އަލިފާން ރޯވެފައިވާ ތަންތަނުގެ ވީޑިއޯ އާއި، ފޮޓޯ އަލްޖަޒީރާ ފަދަ ބައިނަލްއަޤްވާމީ ޓީވީ ޗެނަލްތަކުން ދައްކާފައިވެއެވެ. މީގެތެރޭގައި އިސްރާއީލުން ބޭނުން ކުރާ އަސްކަރީ ވައިގެ ބަނދަރެއްގައި ބޮޑެތި ގޮވުންތައް ގޮވައި އަލިފާން ރޯވެފައި ވެއެވެ. އަދި އިސްރާއީލުން ވެސް ވަނީ އެތަނަށް ގެއްލުން ވި ކަމަށް އެބަސް ވެފައެވެ. މި ޙަމަލާގައި ބޭނުންކުރެވުނު ހަތިޔާރު ޓަގެޓަށް ވާބިލްވުމުގެ ކުރިން ހުއްޓުވުމަށް އެމެރިކާ އާއި، އިނގިރޭސިންނާއި، ފުރާންސްގެ އިތުރުން ޢަރަބި އިސްލާމީ ދެ ޤައުމުކަމުގައިވާ ސަޢުދީ ޢަރަބިއްޔާ އާއި، އުރުދުނުން އިސްރައީލަށް އެއްބަރުލުން ދީފައިވާ ކަމުގައި އެ ދެ ޤައުމުގެ އޮފިޝަލުން ވެސް ވަނީ އެއްބަސް ވެފައެވެ. މި ހަމަލާ ދިނުމަށް ފަހު އީރާނުން ބުނެފައި ވަނީ އެ ޤައުމުން ދިން އެ ޙަމަލާއަކީ ހަމައެކަނި އިސްރާއީލުގެ އަސްކަރީ ޓާގެޓްތަކަށް ދިން ޙަމަލާއެއް ކަމަށާއި، މަދަނީންނާއި، އިޤްތިޞާދީ ތަންތަނަށް ގެއްލުން ދިނުން މި ޙަމަލާގެ މަޤްޞަދުގައި ނުހިމަނާ ކަމުގައެވެ. އަދި ޙަމަލާ ދިނުމުގެ 72 ގަޑިއިރު ކުރިން އެމެރިކާ އަށް މި ޙަމަލާ އާ ގުޅޭގޮތުން މަޢުލޫމާތު ދީފައި ވާނެކަމަށެވެ.