މިޒަމާނުގައި ހިނގާފައި ތަންތަނަށް ދިއުމަށްވުރެ ބޮޑަށް އާދަވެފައިވަނީ ސައިކަލުގައި ނުވަތަ ކާރުގައި ދަތުރު ކުރުމެވެ. މިއަދު ގެކައިރީ މިސްކިތަށް ވެސް ގިނަ މީހުންދަނީ ކޮންމެސް ކަހަލަ އުޅަދެއްގައެވެ. ނަމަވެސް ހިނގުމަކީއޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ކަމެކެވެ. ިމގޮތުން ދުވާލަކު މަދުވެގެން 30 މިނެޓު ނުވަތަ 20 މިނެޓު ހިނގާލުމަކީވެސް އެއާއި އެކު ބޮޑެތި ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ.
މިއަދުގެ ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު އެންމެ 30 މިނެޓު ހިނގާލުމަކީ އިންސާނާގެ ހިތަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. އެއީ އިންސާނާ ހިނގަމުންދާއިރު އޭނާގެ ހިތްދާނީ ވަރަށް ސްޓޭބްލް ރޭޓްއެއްގައި މުޅި ހަށިގަނޑަށް ލޭ ޕަންޕުކުރަމުންނެވެ. މީގެ ސަބަބުން ހަށިގަނޑު އެކި ހިސާބުތަކަށް ތާޒާ އޮކްސިޖެން ލިބިދެއެވެ. އަދި ހަށިގަނޑުގައި ހުންނަ މެޓަބޮލިކް ވޭސްޓު ބޭރުކޮށްދެއެވެ. އަދި މުޅި ހަށިގަނޑަށް ތާޒާ އޮކްސިޖެން ފޯރުވުމުގެ ސަބަބުން މީހާ ހޭލައްވާލައެވެ. މިއީ ހިނގުމުން ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ.
ހިނގުމަކީ އޭގެސަބަބުން އިންސާނާގެ ކަށިތަށްވެސް ދުޅަހެޔޮކޮށް ދަމަހައްޓައިދޭ ކަމެކެވެ. މިއަދު އެތަށް ބައެއް ޒުވާން އުމުރުގައި ކަށްޓާއި ހުޅުތަކުގައި ރިއްސަން ފަށަނީވެސް ހިނގާލެއް މަދުވުމުންނެވެ. ހިނގުމަކީ އޭގެ ސަބަބުން ކަށިތަކަށް ބޭނުންވާ ވަރުގެ ސްޓޭބަލް ލޯޑެއް ފޯރުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ކަށިތަށް ވަރުގަދަވެ ޒުވާން ކަންމަތީ ގިނަ ދުވަހު ދެމިހުންނާނެއެވެ. މީގެއިތުރުން އިންސާނާގެ ހަށިގަނޑޫގައި ހުންނަ މަސްތަކާއި ޓިޝޫތަށް ވެސް ޒުވާންކަމަތީގައި ދަމަހައްޓައިދެއެވެ.
ހިނގުމުގެ ސަބަބުން މީހާގެ ބަރުދަން ދުޅަހެޔޮ މިންގަނޑެއްގައި ދެމެހެއްޓޭނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ހިނގުމުގެ ސަބަބުން އިންސާނާގެ މެޓަބޮލިޒަމް 12 ގަޑިއިރު ވަންދެން ބޫސްޓުކޮއްދެއެވެ. ހާއްސަކޮށް އަންހެނުން މެދު އުމުރުފުރާއަށް އަރައިގެންއަންނަ އިރު އަންހެން މީހާގައިގައި ހުންނަ އެސްޓްރޮޖިން ލެވެލް ދައްވުމަކީ ފަލަވުމަށް މެދުވެރިވާ ކަމަކަށްވާއިރު، ހިނގުމުން މިކަން ހައްލުވެއެވެ. އެހެންކަމުން ބަރުދަން ދުޅަހެޔޮ މިންގަނޑެއްގައި ދެމެހެއްޓުމައްޓަކައި ވެސް ހިނގުމަކީ ކުރެވިދާނެ އެންމެ ރަނގަޅުއެއް ކަމެވެ.
ދުވާލަކު އެންމެ 30 މިނެޓުން ހިނގުމަކީ ދުނިޔޭގެ ހުރިހާ ޑޮކުޓަރުން ނަސޭހަތްތެރި ވާކަމެކެވެ. އެއީ ހިނގުމަކީ އިންސާނާގެ ހަށިގަނޑަށް ގިނަ ފައިދާތަކެއް ފޯރު ކޮށްދޭ ކަމަކަށް ވާތީއެވެ. މިއަދު ގިނަ މީހުންގެ ދިރިއުޅުން ބައްޓަން ކުރަން ޖެހިފައިވާ ގޮތުން އަމިއްލަ ނަފްސާއި މެދު ގިނަ މީހުންވަނީ ވަރަށް ބޮޑަށް ފަރުވާ ކުޑަވެފައެވެ. ދަރިފުޅު ގޮވައިގެން ހަވީރު ދުއްވާލަން ދިއުމުގެ ބަދަލުގައި ހިނގާލަން ދިއުމަކީ އެކަމުގައި ޖިސްމާނީގޮތުން ވެސް އަދި ނަފްސާނީ ގޮތުންވެސް މާ ފައިދާހުރި ކަމެކެވެ. ހިނގުމާއި ގުޅިގެން މޮޑާން މެޑިސިންގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައިވާ ގްރީކް ފިޒިޝަން، ހިޕޮކްރެޓީސް ވިދާޅުވެފައިވަނީ އެންމެ މޮޅު ބޭހަކީ ހިނގުން ކަމުގައެވެ.
(މައުލޫމާތު: ޑރ. އެންތޮނީ ބަލްޑޫޒީ)