ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 1-0 އިން މޮޅުވެ, ފައިނަލާ އެއް ފިޔަވަޅު ގާތަށް ޑޯޓްމަންޑު ޖެހިލައިފިއެވެ.
ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކް ސްޓޭޑިއަމްއަށް ދެ ޓީމުން ނިކުތްއިރު, މިއީ 2012-2013 ވަނަ ސީޒަނަށްފަހު މުބާރާތުގެ ގްރޫޕު ސްޓޭޖުގައި އެއް ގްރޫޕެއްގައި ވާދަކުރި ދެ ޓީމު ސެމީގައި ބައްދަލު ކުރާ ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ޑޯޓުމަންޑުން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ޑޯޓްމަންޑުގެ ޝްލޮޓާބެކް ފަހިކޮށްދިން ފުރުސަތަކުން ނިކޮލަސް ފޫލުކްރޫގް ކާމިޔާބު ކުރި ލަނޑެކެވެ.
ދެވަނަ ހާފުގައި ޕީއެސްޖީ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ, ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް ވަނީ ދަނޑިއަށް އަރާފައެވެ. އޭގެ އިރުކޮޅެއް ފަހުން އަޝްރަފް ހަކީމީ ފޮނުވާލި ބޯޅައެއް ވެސް ވަނީ ދަނޑިއަށް އަރާފައެވެ.
ނަތީޖާ ހަމަހަމަ ކުރަން ލިބިގެންދިޔަ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމާއެކު ޕީއެސްޖީ ވަނީ ސެމީގެ ފުރަތަމަ ލެގުގައި ޑޯޓްމަންޑުގެ ކުރިމަތީ ބަލި ގަބޫލު ކުރަން ޖެހިފައެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ކަށަވަރުކުރަން ޕީއެސްޖީއަށް ދެން ޖެހޭނީ އަމިއްލަ ދަނޑުގައި ކުޅޭ, ސެމީގެ ދެވަނަ ލެގުގައި ޑޯޓްމަންޑް ބަލިކުރާށެވެ. ދެ ޓީމުން ބައްދަލު ކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ, 8 މެއި ވާ ބުދަ ދުވަހުގެ 00:00 ގައެވެ.