ގައްޒާގެ ރަފާހުގައި ކުރިއަށް ގެންދާ ހުރިހާ މިލިޓަރީ އޮޕްރޭޝަނެއް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ދާދި ފަހުން އަމުރު ކުރި ކަމުގައިވިއަސް, އިޒްރޭލުން އަނެއްކާ ވެސް ރަފާހަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.
އިޒްރޭލުން މި ފަހަރު ބޮން އެޅީ ރަފާހުގެ ހުޅަނގު ފަރާތުގައި އޮތް ކޭމްޕަކަށެވެ. މި ކޭމްޕަކީ ސޭފް ޒޯނެއްގެ ގޮތުގައި ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށް ވާތީ އެތައް އާއްމު ރައްޔިތުންނެއް އަންނަނީ މި ކޭމްޕުގައި ދިރިއުޅެމުންނެވެ. އިޒްރޭލުން ދިން މި ހަމަލާގައި ވަނީ ޖުމްލަ 21 މީހަކު ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.
އިޒްރޭލުން ގައްޒާގެ ރަފާހަށް އެރުމުގެ ސަބަބުން ގައްޒާގެ ރައްޔިތުންނަށް ވަނީ މި ހަނގުރާމައިގައި ދިމާވެފައިވާ އެންމެ އަނިޔާވެރި ދުވަސްތަކާ ކުރިމަތިލާން ޖެހިފައެވެ. ގައްޒާގައި ބަނޑުހައިހޫނު ކަމުން ޝަހީދުވާ ރައްޔިތުންގެ އަދަދު ދުވަހަކުން ދުވަހަކަށް ގިނަވަމުންދާ އިރު, ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ހާމަކުރާ ގޮތުގައި ގައްޒާގެ ރައްޔިތުންނަށް ދުވާލެއްގެ މައްޗަށް 500 ޓްރަކުގެ އެއިޑު ބޭނުންވެއެވެ. ނަމަވެސް ޔޫއެންއަށް މި ދިޔަ ތިން ހަފްތާ ތެރޭގައި ޖުމްލަކޮށް ލިބިފައިވަނީ އެންމެ 170 ޓްރަކުގެ އެއިޑެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށިގެން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 36,171 ރައްޔިތުން ވަނީ ޝަހީދުވެފައިވާ އިރު 81,420 ރައްޔިތުން ވަނީ ހަނގުރާމައިގައި ޒަހަމްވެފައެވެ.