ފުރަމެއަކީ އިންސާނާގެ ހަޖަމުކުރާ ނިޒާމުގައި އެންމެ މުހިއްމު ދައުރު އަދާ ކުރާ ގުނަވަނެވެ. އިނގިރޭސި ބަހުން "ލިވާ" ގެ ނަން ދެވިފައިވާ ފުރަމެއަކީ އިންސާނާގެ އެތެރެ ހަށީގައި ހިމެނޭ އެންމެ ބޮޑު ހަރު ގުނަވަނެވެ. އިންސާނާގެ ލޭގައި ހިމެނޭ ވިހަ މާއްދާތައް ނައްތާލައި, ހަށިގަނޑުގައި ހަކުރުގެ މިންވަރު ހެޔޮވަރުކޮށްދީ އަދި އެހެނިހެން ބައިވަރު ކަންކަން ކުރުމުގައި އެންމެ އިސްދައުރެއް އަދާ ކުރާ ގުނަވަނަކީ ފުރަމެއެވެ.
ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ޓަކައި މިހާ ގިނަ މަސައްކަތްތަކެއް ކުރާ ފުރަމޭ ސިއްހަތު ރަނގަޅު ކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފުރަމޭ ދުޅަހެޔޮ ކޮށް ބެހެއްޓުމަށް ޓަކައި ކެއުން އެންމެ ރަނގަޅު 5 ކާނާއަށް ބަލާލަމާތޯއެވެ.
1. ލޮނުމެދު:
ލޮނުމެދަކީ ސަލްފާ ކޮމްޕައުންޑް ތަކުން މުއްސަނދި ތަރުކާރީއެކެވެ. މި ސަލްފާ ކޮމްޕައުންޑްތަކަކީ ފުރަމޭގައި ވިހަ މާއްދާތައް ނައްތާލަން މަސައްކަތް ކުރާ އެންޒައިމްތައް ވަރުގަދަ ކުރަން ވަރަށް މުހިއްމު މާއްދާއެކެވެ. އޭގެ އިތުރުން ލޮނުމެދުގައި އަލިސިން އަދި ސެލީނިއަމް ހިމެނެއެވެ. މި ދެ މާއްދާއަކީ ފުރަމެއަށް ދިމާވާ ގެއްލުންތަކުން ރައްކާކޮށްދޭ ވަރަށް ބާރުގަދަ ދެ ނިއުޓްރިއެންޓެވެ.
2. ބީޓްރޫޓް:
ބީޓްރޫޓްއަކީ ބެޓަލިންސް ނަމަކަށް ކިޔުނު މާއްދާއަކުން ފުރިފައިވާ ތަރުކާރީއެކެވެ. ބެޓަލިންސްއަކީ ފުރަމެއިން ވިހަ ނައްތާލައި, ދުޅަވުން ކުޑަކޮށްދޭ މާއްދާއެކެވެ. "ނިއުޓްރިޝަން" ނަމަކަށް ކިޔުނު ޖާނަލް އަކުން ހާމަކުރާ ގޮތުގައި ބީޓްރޫޓް ޖޫހަކީ ފުރަމޭގެ ފަންކްޝަންސް އިތުރަށް ފުރިހަމަ ކޮށްދޭ އެއްޗެކެވެ.
3. ފެހި ސައި:
ފެހި ސަޔަކީ ކަޓެޗިންސް ނަމަކަށް ކިޔުނު އެންޓައިއޮކްސިޑަންޓްސް ހިމެނޭ ބުއިމެކެވެ. މި އެންޓައިއޮކްސިޑަންޓްސްއަކީ ފުރަމެއަށް ދިމާވާ ބަލިތަކުން ސަލާމަތް ކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ފެހި ސައި ބޯ ނަމަ ފުރަމޭގެ އެންޒައިމްތައް މަދުވެ, ފުރަމޭ އިތުރަށް ދުޅަހެޔޮ ވެއެވެ.
4. ވޯލްނަޓްސް:
ވޯލްނަޓްސްއަކީ އޮމެގާ-3 އަދި ގްލުޓަތިއޮންއިން މުއްސަނދި ކާނާއެކެވެ. މި ދެ މާއްދާއަކީ ފުރަމޭ ސާފު ކުރުމަށް މުހިއްމު ދައުރެއް އަދާ ކުރާ ދެ މާއްދާއެވެ. މީގެ އިތުރުން ވޯލްނަޓްސްއަކީ ފުރަމެއަށް ޖެހޭ އެކިއެކި ބަލިތަކުން ސަލާމަތް ކޮށްދޭ އެއްޗެކެވެ.
5. ސިޓްރަސް މޭވާ:
ސިޓްރަސް މޭވާގެ ތެރޭގައި ހިމެނެނީ އޮރެންޖް އަދި ލުނބޯ ފަދަ މޭވާތަކެވެ. މި މޭވާތަކަކީ ވައިޓަމިން-ސީ އަދި އެންޓައިއޮކްސިޑަންޓްސްއިން ފުރިފައިވާ ކާނާއެވެ. އެހެންކަމުން ސިޓްރަސް މޭވާ ކެއުމުން ވިހަ މާއްދާތައް ފެނަށް ބަދަލުކުރަން ފުރަމެއަށް ފަސޭހަވެގެންދެއެވެ.
ސިއްހަތު ރަނގަޅު ފައިދާހުރި ކާނާ ކެއުމަކީ މިހާރު އެހާ ބޮޑު އަހައްމިއްޔަތު ކަމެއް ދެވެމުން އަންނަ ކަމެއް ނޫނެވެ. ނަމަވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ޓަކައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކިތަންމެ ގިނަ ކަސްރަތެއް ކުރިކަމުގައިވިއަސް ފައިދާހުރި ކާނާ ކައިގެން އެތެރެ ހަށީގައި މުހިއްމު މަސައްކަތްތައް ކުރާ ފުރަމޭ ފަދަ ގުނަވަންތަކުގެ ސިއްހަތުގެ ދުޅަހެޔޮ ކަމަށް ސަމާލުނުވާނަމަ ފަހުން އެކަމާ ދެރަވާން ޖެހިދާނެއެވެ.