الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މައްކާގެ މުޝްރިކުންގެ ކިބައިން ދިމާވި ހިތްދަތިކަމަށް ފަހުގައި، މައްކާގައި އިސްލާމްވި ބޭކަލުން ހިޖުރަކުރެއްވީ ގާތްތިމާގެ މީހުންނާއި އުފަންރަށާއި ގެދޮރާއި މުދަލާ ދޫކޮށް މުޅިން ބީރައްޓެހި ރަށަކަށެވެ. އެއީ މަދީނާގެ މާތް ބިމެވެ. ފަޤީރު ޙާލުގައި މަދީނާއަށް ހިޖުރަކުރަން ޖެހުނެއްކަމަކު، އެބިމުގައި އެބޭކަލުން ނިކަމެތިވާކަށް ނުޖެހުނެވެ. އެތަނުގައި ތިއްބެވި އަންޞާރިއްޔަ ބޭކަލުން، މުހާޖިރިއްޔަ ބޭކަލުންނާމެދު ބެހެއްޓެވީ އާދަޔާ ޚިލާފު ގާތްކަމެކެވެ. މިކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ ﴾ [سورة الحشر ٩]
މާނައީ: “އަދި އެބައިމީހުންގެ ކުރީގައި މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެބައިމީހުންގެ ގާތަށް ހިޖުރަކުރި މުހާޖިރުން ދެކެ ލޯބިވެއެވެ. އަދި އެބައިމީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެބައިމީހުންގެ (އެބަހީ: އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުން އެއަށް ޙާޖަތް ޖެހިފައިވާއިރުވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް (އެބަހީ: މުހާޖިރުންނަށް) އިސްކަންދެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނައެވެ!) ފަހެ، އެބައިމީހުންނީ ހަމަ ދިންނަވާނެ މީހުންނެވެ.”
މީސްތަކުންނަށް ހެޔޮ ފޯރުކޮށްދޭމީހާ، އޭނާ އެކަންކުރާ ކޮންމެ ފަހަރަކު އޭނާގެ ހިތާއި މޭ ތަނަވަސްވެއެވެ. އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.
“ޞަދަޤާތްކުރުމުގައި މިނޫން އެހެން ފައިދާއެއް ނުވި ނަމަވެސް، މިކަމަށްޓަކައި އަޅާ މިކަން ގިނަކުރުމާއި މިކަމަށް އަވަސްވެގަތުން ޙައްޤެވެ.” [الوابل الصيب (ص: 51)].
އަދި ޞަޙާބީ ބޭކަލުންގެ ޖީލަށް ފަހުގައި ވަޑައިގަތް ޖީލުތަކުގައިވެސް، ޞާލިޙު ބޭކަލުން، އެއް ބޭކަލަކު އަނެއް ބޭކަލެއް ދެކެ ލޯބިވުން އޮތީ ވަރަށް މަތީ ދަރަޖައެއްގައެވެ.
ސުފްޔާނުއްޘައުރީ رحمه الله ގެ އަރިހަށް ކަމަކަށް އެދި މީހަކު އަތުވެއްޖެނަމަ އެކަލޭގެފާނު އެމީހަކަށް މަރުހަބާ ކިޔުއްވައެވެ. އެއީ އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ފާފަތައް ފޮހެވިގެންދާނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީއެވެ. [موسوعة الأخلاق (1 / 263)].
މިއަދު ބައެއް މީހުން މަސައްކަތްކުރަނީ އެމީހުންގެ ގާތަށް މީހަކު އަތުވެއްޖެނަމަ އޮޅުވާލައިގެން ވިޔަސް ނުވަތަ ބިރުދައްކައިގެންވިޔަސް އެމީހަކު ލޫޓުވާލެވޭތޯއެވެ. ނުވަތަ އެހެން މީހުންނަށް ކުރިއެރުމެއް ލިބޭނަމަ އެކަމަށް ހުރަސްއެޅޭތޯއެވެ. އަދި މިކަންކަން ޙާޞިލުކުރުމުގައި އެކަކު އަނެކަކަށް ބޮޑެތި ގެއްލުންތައްދީ ގޯނާތައްކޮށްވެސް އުޅެއެވެ. ﷲ ތަޢާލާ ރަޙުމަތްލެއްވި މަދު ބަޔަކު މެނުވީ މީސްތަކުންނަށް ރަޙުމުކޮށް ހެޔޮ ފޯރުކޮށްދީ ނޫޅެއެވެ. ތިބާގެ ނަފްސަށް އެދޭ ހެޔޮ ގޮތް، ތިބާގެ މުސްލިމު އަޚާއަށް އެދުމަކީވެސް އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
(ލިޔުން: ޖަމިއްޔަތުއް ސަލަފް)