ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން, 29 ޖޫން ވީ ދުވަހު ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި ރެއިޑް އޮޕަރޭޝަނަކީ މި އަހަރު މިހާ ތަނަށް އިމިގްރޭޝަނުން ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ. އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި މި އޮޕަރޭޝަނުގައި ވަނީ މާލެ ސަރަހައްދުގައި މާރުކޭޓު ގޮތުގައި ހިންގަމުން ދާ 4 ތަނެއް ބަލާ ފާސްކޮށް, ޖުމްލަ 83 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް ބަޔާން ނަގާފައެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ފުރުވާލުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެ ގޮތުން މިހާތަނަށް އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 1,800 ބިދޭސީންނެއް ފުރުވާލާފައެވެ.