ޣައްޒާގައި ޒަޔަނިސްޓް އިސްރާއީލުގެ ހަމަލާތަކެއްގައި ފަލަސްތީނު 5 ނޫސްވެރިން ޝަހީދުވެއްޖެކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މައުލޫމާތުދޭގޮތުގައި، މިއާއެކު ހަނގުރާމައިގައި މަރުވި ނޫސްވެރިންގެ ޖުމްލަ އަދަދު 158 އަށް ވަނީ އަރައިފައެވެ.

"ޣައްޒާ ސަރަހައްދުގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނީއްސުރެ، އިތުރު 5 ނޫސްވެރިން މަރުވުމާއެކު، ޝަހީދުވި ނޫސްވެރިންގެ އަދަދު 158 އަށް އަރައިފައި،" ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ހަނގުރާމަތަކުގެ ތެރެއިން އެއް ހަނގުރާމައަށްވެފައިވާ މި ހަނގުރާމައިގައި، ޒަޔަނިސްޓް އިސްރާއީލުން ދެއިރު އަލް-ބަލާހް އަދި އެކި ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދިނެވެ. އޭގެ ތެރެއިން ނުސައިރާތަކީ އެންމެ ވަރުގަދައަށް ހަމަލާތައް އަމާޒު ކުރެވުނު ސަރަހައްދެވެ.

މަރުވި ނޫސްވެރިންގެ ގޮތުގައި ފާހަގަކުރެވުނީ ސާދީ މަދޫކް، އަދީބް ސުއްކަރު، އަމްޖަދު އަލް-ޖަހްޖޫހް، ވަފާ އަބޫ ދަބާން، އަދި ރިޒްޤު އަބޫ ޝަކްޔާންއެވެ.

އިންސާނީ ހައްޤުތަކާއި މީޑިއާ ބަލަހައްޓާ ޖަމާއަތްތަކުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުން ކުށްވެރިކޮށްފައިވެއެވެ. ރިޕޯޓަރސް ވިތައުޓް ބޯޑަރސް (އާރްއެސްއެފް) އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސްއިން މީޑިއާގެ މީހުންނަށް ކުރިމަތިވާ ބޮޑެތި ހުރަސްތަކާއި ގަސްދުގައި ދެވޭ ހަމަލާތައް ފާހަގަކޮށްފައިވެއެވެ. އާރްއެސްއެފްއިން އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވެސްވެއެވެ.

ހަމަ އެއާއެކު، މިދިޔަ އަހަރު އޮކްޓޯބަރު މަހު 7 ވަނަ ދުވަހު ފެށުނު މި ގަތަލްއާންމުގައި ޝަހިދުވިމީހުންގެ އަދަދު 38،000 އަށް ނިމިދިޔަ ހޮނިހިރު ދުވަހަ އަރާފައިވެއެވެ.