އަލްޖަޒީރާ: ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕަށް ސަހްޔޫނީ އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ދިން ހަމަލާ ހަތަރު ކުޑަ ކުދިން ޝަހީދުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހަމަލާގައި 10 ވަރަކަށް މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން އިޒްރޭލުގެ ފައިޓަރ ޖެޓްތަކުން ނޫސެއިރާތާއި ބުރެއިޖް އަދި އަލްމުޣްރާގާ ރެފިއުޖީ ކޭމްޕްތަކަށް ބޮން އަޅަމުން އަންނަ ކަމަށް ވެސް ޓީވީ ޗެނަލުން ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުން އަންނަ އުދުވާންތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުއެވެ. މިއުދުވާންތަކުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ސާޅިސް ހާހެއްހައި މީހުން މިހާތަނަށް ޝަހީދު ކޮށްލައި މުޅި ޣައްޒާގެ ސްޓްރިޕް ސުންނާފަތިކޮށްފައެވެ.
އިޒްރޭލުގެ އުދުވާންތައް ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް މިހާތަނަށް ކުރި ހުރިހާ މަސައްކަތަކަށް އެމެރިކާ އާއި އިނގިރޭސިން ހުރަސް އަޅާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލް އާންމު ހިންގުމަށް އިޒްރޭލަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީވަމުން ދަނީ އެމެރިކާ އާއި އިނގިރޭސިންނެވެ. މީގެ އިތުރުން އިންޑިޔާ އާއި ޖަރުމަނުން ދަނީ ފުޅާދާއިރާއެއްގައި އިޒްރޭލަށް ހަތިޔާރު ވިއްކަމުންކަން ފާހަގަ ކޮށްލެވެއެވެ.