އާޖެންޓީނާގެ ގައުމީ ޓީމުގެ ކުޅުންތެރިން ފްރާންސްގެ ގައުމީ ޓީމުގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް މަލާމާތް ރައްދުވާ ގޮތަށް ލަވަކިޔުމުން, އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.
ކޮޕާ އެމެރިކާގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޓަކައި އާޖެންޓީނާގެ ކުޅުންތެރިން ބޭއްވި އުފާފާޅުކުރުމުގައި އެ ކުޅުންތެރިން ކި ލަވަ އާއްމުންނަށް ހާމަވެގެން ދިޔައީ އެ ޓީމުގެ މިޑްފީލްޑަރު އެންޒޯ ފާނަންޑޭސް އޭނާގެ ސޯޝަލް މީޑިއާއަށް އާއްމު ކުރި ވީޑިއޯ އަކުންނެވެ.
މި މައްސަލައާ ގުޅިގެން ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ވަނީ, އެ ގައުމުގެ ފުޓުބޯޅަ ޓީމުގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް މަލާމާތް ރައްދުވާ ގޮތަށް އާޖެންޓީނާގެ ކުޅުންތެރިން ހިންގި އަމަލު ކުށްވެރިކޮށްފައެވެ. އެ އަމަލުތަކާ ދެ ކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ފެޑެރޭޝަނުން ވަނީ ހާމަކޮށްފައެވެ.
"އިންސާނުންގެ ހައްގުތަކާ ކަރާމާތަށް އަރައިގަންނަ ގޮތަށް ހިންގި މި ބޭއަދަބީ އަމަލުތަކާ ދެ ކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މި ފެޑެރޭޝަނުން މި ވަނީ ނިންމާފަ. ފްރާންސްގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް ފުރައްސާރަ ރައްދުވާހެން އާޖެންޓީނާގެ ކުޅުންތެރިން ލަވަ ކިޔާ މަޖާކޮށް ހެދުމުގެ އަމަލު ވަރަށް ހަރުކަށު އިބާރާތުން ކުށްވެރިކުރަން" މި މައްސަލައާ ގުޅިގެން ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އާއްމު ކުރި ބަޔާނުގަައި އެ ފެޑެރޭޝަނުން ބުންޏެވެ.
އާޖެންޓީނާގެ ކުޅުންތެރިންގެ އުފާފާޅުކުރުންތަކުގެ ވީޑިއޯ އާއްމު ކުރި އެންޒޯ ފާނަންޑޭސްގެ އަމަލުތައް އޭނާއާއެކު ޗެލްސީގައި ކުޅެމުން އަންނަ ވެސްލީ ފޮފާނާ ވަނީ ކުށްވެރިކޮށް, އެކްސްގައި އެކަމާ ގުޅިގެން ޕޯސްޓެއް ކޮށްފައެވެ. ފޮފާނާގެ އިތުރުން އެކްސެލް ޑިސާސީ އަދި މާލޯ ގުސްޓޯ ވަނީ އެންޒޯގެ ސޯޝަލް މީޑިއާއިން އަންފޮލޯ ކޮށްފައެވެ.
އެންޒޯއާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަމުން އަންނަ ކަމުގައިވިއަސް ބައެއް ކުޅުންތެރިން ވަނީ އޭނާގެ ދިފާއުގައި ނިކުމެފައެވެ. އެ ގޮތުން އެންޒޯއާއެކު ޗެލްސީގައި ކުޅެމުން އަންނަ ނިކޮލަސް ޖެކްސަން ވަނީ އެންޒޯ ކަޅު ނަސްލުގެ ކުއްޖަކާއެކު ވަގުތު ހޭދަކުރަނިކޮށް ނަގާފަ އިން ވީޑިއޯއެއް ސޯޝަލް މީޑިއާއަށް އާއްމުކޮށްފައެވެ.
އެންޒޯ, އެ ވީޑިއޯ އާއްމު ކުރި ފަހުން ރައްދުވި ބަހުގެ ހަމަލާތަކުގެ ސަބަބުން އޭނާ ވަނީ އެކަމާ ގުޅިގެން މައާފަށް އެދިފައެވެ. މައާފު ކުރުމުގެ ގޮތުން އޭނާ ސޯޝަލް މީޑިއާގައި އާއްމު ކުރި ބަޔާނުގައި ވަނީ އޭނާގެ އަމަލުން ގެއްލުންވި ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދި, އެ ފަދަ އަމަލެއް ދެން ނުފެންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.