ޗެލްސީގެ ޒުވާން މިޑްފީލްޑަރު, އެންޒޯ ފާނަންޑޭސްއާ އެ ކްލަބުގެ އެހެން ކުޅުންތެރިންނާ ދެމެދު އެއް ވެސް މައްސަލައެއް ނޯންނާނެ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
މަރެސްކާ މިހެން ބުނެފައި މި ވަނީ, ދާދި ފަހުން އެންޒޯ ފާނަންޑޭސް ކަޅު ނަސްލުގެ ފަރާތްތަކަށް މަލާމާތް ރައްދުވާ ގޮތަށް ކި ލަވައެއްގެ ސަބަބުން ޗެލްސީގެ ތެރޭގައި މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މަރެސްކާ ހާމަކުރި ގޮތުގައި މިހާރު އެ މައްސަލަ މާޒީއަށް ލައި އައު ފެށުމަކުން ފެށުމަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށެވެ.
"ޗުއްޓީ ނިންމާލުމަށް ފަހު އެންޒޯ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވާއިރު އެހެން ކުޅުންތެރިޔަކާ އެއް ވެސް މައްސަލައެއް ޖެހޭނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެންޒޯގެ އިތުރުން ޗެލްސީގެ އެހެން ކުޅުންތެރިންނާ ވެސް އަހަރެން ވާހަކަދައްކައިފިން. އެންޒޯ އެ ލަވަ ކީ އެއް ވެސް ހާލަތެއްގައި ބަޔަކު ދަށްކޮށްލުމުގެ ނިޔަތުގައެއް ނޫން" އެންޒޯގެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަމުން މަރެސްކާ ބުންޏެވެ.
ފްރާންސްގެ ފުޓުބޯޅަ ގައުމީ ޓީމުގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް އަމާޒުވާ ގޮތަށް އެންޒޯ ކި ލަވައިގެ ސަބަބުން އެތައް ބަޔަކު ވަނީ އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އެ ގޮތުން އޭނާގެ އަމިއްލަ ކްލަބު (ޗެލްސީ) ގެ ކުޅުންތެރިން ވެސް ވަނީ އޭނާގެ އަމަލު ކުށްވެރިކޮށް, ސޯޝަލް މީޑިއާއިން އޭނާއަށް އަންފޮލޯ ކޮށްފައެވެ.
އާޖެންޓީނާ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމުގެ އުފާފާޅުކުރުންތަކުގައި ކި ލަވައިގެ ސަބަބުން މީހުންގެ ފާޑުކިޔުންތައް އަމާޒުވުމުން އެންޒޯ ވަނީ އެ ކަމަށް ޓަކައި އާއްމުންގެ ކިބައިން މައާފަށް އެދިފައެވެ. އޭނާ އެ ލަވަ ކީ ބަޔަކަށް ދެރައެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށާއި ދެން އެ ފަދަ އަމަލެއް އޭނާގެ ކިބައިން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.