އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖޭން ބައިވެރިވުމާ ގުޅިގެން، ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އީޔޫން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ޔޫރަޕުގެ އިއްތިހާދާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

"އެގޮތުން ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ،" އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި "ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.