ބިދޭސީން ކައްކަމުން ދިޔަ ތަނެއް ބަލާ ސައްހަ ވިސާ ނެތް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ވިނަރެސް ފްލެޓްގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި އިޖްތިމާއީ މިންގަޑާ ހިލާފަށް ކޭޓަރިންގް ވިޔަފާރިއެއް ކުރަމުން އަންނަ ކަމަށް ލިބުނު މައުލޫމާތާއި އެކު އިމިގްރޭޝަނުން އެތަން ބަލާ ފާސްކުރި ވަގުތު ސައްހަ ވިސާއެއް ނެތް ދެ ބިދޭސީއަކު މިހާރު ވަނީ ފެނިފައެވެ. ބިދޭސީން ކޭޓަރިންގް ވިޔަފާރި ކުރަމުން އައި ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިޖްތިމާއީ މިންގަޑާ މުޅިން ހިލާފަށް ހިންގަމުން ދިޔަ ތަނަކަށްވާތީ، މި މައްސަލަ ކަމާ ބެހޭފަރާތްތަކަށް ހުށައަޅައިފައި ވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވިދާލުވެފައިވެއެވެ.

މީގެއިތުރުން މިމަހުގެ 28ވަނަ ދުވަހުވެސް ހުޅުމާލެއިން 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.

އަދި އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިމައްސަލަ އިމިގްރޭޝަނުން ތަޙްޤީގު ކުރަމުންދާއިރު މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.