ކޮޅުމަޑުލު ގާދިއްފުއްޓަށް އިއްޔެ ދިމާވި ކަރަންޓް މައްސަލަ ހައްލުކޮށް މީގެ ކުޑައިރުކޮޅެއް ކުރިން މުޅި ރަށަށް ކަރަންޓް ދެވިއްޖެ ކަމަށް އެރަށު ފެނަކަ ސްޓޭޝަން މެނޭޖަރު އާދިލް އަބްދުﷲ ސާދިގް މައުލޫމާތު ދެއްވައިފިއެވެ.

"ހަލިނިއުސް" އަށް މައުލޫމާތު ދެއްވަމުން އާދިލް ފުރަތަމަވެސް ވިދާޅުވީ ފެނިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑުރަށެއް ކުޑަރަށެއް ތަފާތު ކުރުމެއްނެތި، ރައްޔިތުންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލު ކުރުމުގައި ގެންގުޅުއްވާ ހަލުވި ސްޕީޑް ކަމަށެވެ.

އާދިލް އިތުރަށް ވިދާޅުވީ ކަރަންޓް ނެތި ހޭދަކުރަން ޖެހުނު ތިރީހަކަށް ގަޑިއިރު ތެރޭގައި ރައްޔިތުން ދެއްވި އެއްބާރުލުމަށާއި ދެއްކެވި ކެތްތެރިކަމަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް އެންމެ ފުރަތަމަ ވަގުތުން ފެށިގެން ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ކުރެއްވި މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި ފެނަކަ ކޯޕަރޭޝަން ހިންގަވަން ތިއްބެވި އިސްވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދިޔަ ހަމައެކަނި ޖެންސެޓް ހަލާކުވީ މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު މަގާމާ [ގާދިއްފުށީ ފެނަކަ މެނޭޖަރު ކަމުގެ މަގާމް] ހަވާލުވިތާ އަދި މަހެއްވެސް ނުވާނެ. މަގާމާ ހަވާލުވެ އަޅުގަނޑު ފުރަތަމަވެސް ބެލީ ޖެންސެޓުތަކުގެ ހާލަތު. މިތަނުގައި ތިން ޖެންސެޓް އެބަހުރި. އެއީ 150 ކިލޯވޮޓުގެ ޖެންސެޓަކާއި 140 ކިލޯވޮޓް އަދި 350 ކިލޯވޮޓުގެ ޖެންސެޓެއް. މީގެ ތެރެއިން 150 ކިލޯވޮޓުގެ ހުރިހާ ގާސްކެޓްތަކެއް ހުރީ ހަލާކުވެފައި. ހުރިހާ ދިމާއަކުން އަޑީތެޔޮ ފައިބާ. 140 ކިލޯވޮޓުގެ ޖެންސެޓުގެ ޓެމްޕެރޭޗަރ އެއްގޮތަކަށްވެސް ނުހިފަހައްޓައޭ ބުނެވިދާނެ. ދެންހުރި 350 ކިލޯވޮޓުގެ ޖެންސެޓު ކިރިޔާވެސް ބޭނުން ކުރެވޭ ހާލަތުގައި ހުރީ. މިދިޔަ ދެއަހަރު ބޭނުން ކުރަމުން ގޮސްފައި ވަނީ މިދެންނެވި 350 ކިލޯވޮޓުގެ ޖެންސެޓް. އެމަކަކު އެއީވެސް ވަރަށް ހާލަތު ދަށްކޮށް. ފިއުލްޕަންޕް މައްްސަލަ އެހާބޮޑު. ބަރޯސާވާން ޖެހިފައި މިއޮތީ އެންމެ ޖެންސެޓަކަށް. ދެންވިސްނަވާ ކަރަންޓް ހާލަތު އޮންނާނެ ގޮތް" އާދިލް ވިދާޅުވިއެވެ.

އާދިއް ވިދާޅުވީ ކަރަންޓް މައްސަލަ ހައްލު ކުރުމުގައި ހޭދަވި ވަގުތުގައި، އެކުގައި މަސައްކަތް ކުރަން ތިބި ބައެއް މުވައްޒަފުންގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށާއި މިއީ ވަރަށް ހިތާމަކުރާ މައްސަލައެއް ކަމަށެވެ. "ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލައެއްގައި ބައެއް މުވައްޒަފުންގެ ފަރާތުން ފެނުނީ އެންމެ ދެކެން ބޭނުންވި މަންޒަރެއްނޫން. އެކަމަކު ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި މުވައްޒަފުންވެސް އެބަތިބި. މިކަމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވި ހުރިހާ މުވައްޒަފުންގެ މަސައްކަތް ބަލައިގަނެ އެމުވައްޒަފުންނަށް ޝުކުރު އަދާކުރަން" އާދިލް ވިދާޅުވިއެވެ.