ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަކީ މަޝްވަރާގެ ރިވެތި އުސޫލަށް ތަބާވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ކިތަންމެ ކުޑަކަމަކާ ގުޅިގެން ވިޔަސް އިސްބޭފުޅުންނާއި ވަޒީރުންގެ އިތުރުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާކަަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ އަބުރާއި އިއްޒަތަށް އަރައިގަނެ، އެމަނިކުފާނުގެ އަގުވައްޓާލައި،ހަސަދަވެރިވެ، ހިތު ހުރިހާ އެއްޗެއް ކިޔަމުން އަންނަކަން ފާހަގަކުރައްވާ އެކަން އެގޮތަށް ކުރަނީ ކީއްވެގެންތޯ ސަލީމް ސުވާލު އުފެއްދެވިއެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ ރަނގަޅަށް ކަންތައް ކުރާނަމަ މީހުންގެ ނުރުހުން އަމާޒުވާނެ ކަމަށާއި އެންމެން ރުއްސައިގެން ގައުމު ނުހިންގޭނެ ކަމަށެވެ.

އަދި ތެދުވެރިކަމާ އެކުގައި މަސައްކަތް ކުރުން ކަމަށާއި އެ މަގުން މަސައްކަތްކޮށް ގައުމު ހަމަމަގަށް އެޅުވުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށާއި މީހުން ދައްކާ ވާހަކަތަކަށާއި ނޫސްތަކުގައި ޖަހާ ތަކެއްޗަށާއި މީސް މީޑިއާގައި ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެއްވުމަށް ރައީސްއަށް ސަލީމް ވަނީ ގޮވާލައްވާފައެވެ.