ރައްކާތެރިކަމަށް ނުފެތޭ ގޮތަށް ރަށްރަށުގައި ހުރި މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަން ފެނަކަ ކޯޕަރޭޝަނުން ކައުންސިލްތަކަށް އިތުރު މުއްދަތެއް ދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަ ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރ. އުނގޫފާރުގައި މިދިޔަ މޭ މަހުގެ ފަހުކޮޅު މަގު ބައްތި އަކުން މަގުމަތީގައި ހެދިފައި އޮތް ފެންގަނޑަކަށް ކަރަންޓު ލީކުވެ، ހިނގި ހާދިސާއެއްގައި އެރަށު ޒުވާނަކު ނިޔާވުމާ ގުޅިގެން، ރަށްރަށުގެ މަގު ބައްތިތައް ހުރީ ރައްކާތެރިކޮށްތޯ ބެލުމަށް ފެނަކައިން ވަނީ އިންސްޕެކްޝަނެއް ފަށާފައެވެ.

އިންސްޕެކްޝަނަށް ފަހު ގިނަ ރަށްތަކުގެ މަގު ބައްތިތައް ހުރީ ޔޫއާރުއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ނޫންކަން ފާހަގަކޮށް ފެނަކައިން ވަނީ އެކުންފުނިން ހިދުމަތް ދޭނީ މިންގަނޑުތަކަށް ފެތޭގޮތަށް ހުރި ބައްތިތަކަށް އެކަނި ކަމަށް ރަށްރަށުގެ ކައުންސިލުތަކަށް އަންގާފަ އެވެ.

ޖޫން މަހުގެ ކުރީކޮޅު ފެނަކައިން ކައުންސިލްތަކަށް އަންގާފައި ވަނީ، އެ މަހުގެ 27 ވަނަ ދުވަހުގެ ކުރިން މަގު ބައްތިތައް ރައްކާތެރިކަމުގެ މިންގަނޑާ އެގޮތަށް ބަދަލު ކުރަން ވާނެ ކަމަށެވެ.

ނަމަވެސް މަގުބައްތިތައް ރަނގަޅު ކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ކައުންސިލްތަކުން ބުނެފައި ވާތީ، އެކަން ރަނގަޅު ކުރަން ފެނަކައިން ދިން މަސް ދުވަހުގެ މުހުލަތު ހަމަވެ، އަނެއްކާވެސް ފެނަކައިން ވަނީ ދުވަސް އިތުރުކޮށްދީފައެވެ.

އެ މުއްދަތު ހަމަވާނީ މި މަހުގެ 21 ވަނަ ދުވަހަށެވެ.

144 ރަށުގައި ރަށްރަށުގައި ހުރި މަގު ބައްތިތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ސަލާމަތީ މިންގަނޑަށް ނުފެތޭ ކަމަށާއި އެ މިންގަނޑުތަކަށް ފެއްތުމަށް އަންގައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.