ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގް ކޮމިޓީގެ ވައިސް ޗެއަރމަން، ހަރ އެކްސެލެންސީ ޒޫ ޗުންޝިއު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އެކަމަނާގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރިއާއި އިޤްތިޞާދީ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މި ދަތުރުފުޅުގެ ތެރޭގައި، ވައިސް ޗެއަރމަން ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި، ސަރުކާރުގެ އެކި ވަޒީރުންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން، ޗައިނާ (ސިޗުއާން) - މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްއެއް، 6 އޯގަސްޓްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ސިޗުއާން ޕްރޮވިންސްގެ އެކި ދާއިރާތަކުގެ ވިޔަފާރިތަކުން ބައިވެރިވެރިވާނެއެވެ. މީގެ ތެރޭގައި ދަނޑުވެރިކަމާއި، މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތަކާއި، ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސްކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާ ބެހޭ ވިޔަފާރިތަކާއި، ކޮންސިއުމަރ ގުޑްސް އަދި ހޯލްސޭލް ވިޔަފާރިތަކާއި، ފަތުރުވެރިކަމާ ބެހޭ ދާއިރާގެ ވިޔަފާރިތައް ހިމެނެއެވެ. ޢިޤްތިޞާދާ ވިޔަފާރިޔާބެހޭ ވުޒާރާއިންވަނީ މި ކޮންފަރެސްގައި ބައިވެރިވުމުމަށް އެދޭ ދިވެހި ވިޔަފާރިތަކަށް ކޮންފަރެންސްގައި ބައިވެރިވާން ހުށަހެޅުމަށް ނިމިދިޔަ ޖުލައިމަހުގެ 18 އާއި ހަމަޔަށް ފުރުޞަތު ދެއްވާފަވެ. މި ކޮންފަރެންސްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގެ އެކި ކުންފުނިތަކާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ފުރުޞަތު ލިބި، ވިޔަފާރިއަށް މަގުފަހިވެގެންދާނެއެވެ. މިއީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.