އއ. ތޮއްޑޫގައި ޤާއިމު ކުރާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެގުމުގެ ދަށުން ބިޒްނެސް ސެންޓަރ ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ޤާއިމު ކުރަމުންދާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
މި ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ އޮންލައިން ފޯމް, ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކުރި އިއުލާނުން ލިބިގެންދާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އެވެ.
މި މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު ހޯދަން ބޭނުންވާނަމަ 3305555/ 7556561 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ލިބިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މި ފަދަ މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް އާއްމުންނާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ބާޒާރު ހޯދައިދީ، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.