ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިފަހައްޓާނެ ވަކި އަސާސްތަކާއި މިންގަނޑުތައް ހުންނާނެ ކަމަށާއި، އަދި ރާއްޖޭގެ ގާނޫނީ ވެރިކަން އެމަނިކުފާނު ދަމަހައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް އިތުރަށް ވިދަޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ރައީސް އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާނެ ކަމަށާއި ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ރައީސް އަބަދުވެސް އިރުޝާދު ދެއްވާކަމަށެވެ.
މީގެއިތުރުން ރައީސްގެ މެނިފެސްޓޯގައި ހުރި ކަންކަން މި ދައުރުގެ ތެރޭގައި ހާސިލް ކުރެވޭނެކަންވެސް ފާހަގަކުރައްވާފައެވެ. އަދި މި ޒައާމަތުގައި ތަފާތު ދައްކަވައި، ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް މުއިއްޒު އިންތިހާބުވެވަޑައިގަންނަވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.