ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ކަންކަމަކީ ހާސިލު ކުރެވޭނެ ކަންކަން ކަމަށާއި، މި ސަރުކާރަކީ ތަފާތު ދައްކާނެ ސަރުކާރެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ ވިންދާއި އިހުސާސް ހުރި ގޮތް ދެނެގަތުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވާ ކަމަށާއި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށެވެ.

އަދި ރައީސް އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާ ކަމެއް ކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވައިލެއްވީ ވެސް ރައްޔިތުން އެދޭ ކަންކަން ހިމަނުއްވައިގެން ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސް މުއިއްޒު އަކީ ރައްޔިތުންގެ އަޑު އެއްސެވުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމުގެ ހެއްކެއްގެ ގޮތުން ޔުނިވަރސިޓީގެ ކަންތައްތަކުގައި، އާއްމުންގެ ހިޔާލާ އެއްގޮތަށް ކަންކަން ބައްޓަން ކުރެއްވިކަން ވަނީ ފާހަގަކުރަށްވާފައެވެ.