ލޭބަރ ރިލޭޝަންސް އޮތޯރިޓީ, މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގަމުންދާ ތަނަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު, ލޭބަރ ރިލޭޝަންސް އޮތޯރިޓީ, މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލުކުރީ, ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

މި އޮގަސްޓު މަހުގެ 6 ވަނަ ދުވަހުން ފެށިގެން މި ކަން އަމަލީ ގޮތުން ހަމަޖެއްސެވިކަން އަންގާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައެވެ.

ރައީސް ޑރ. މުއިއްޒު މި ގޮތަށް ހަމަޖެއްސެވީ, ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި, ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހޯމަލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީއެވެ.

ރައީސް ޑރ. މުއިއްޒު ލޭބަރ ރިލޭޝަންސް އޮތޯރިޓީ, މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލުކުރުމުގެ ކުރިން އެ ތަން ހިނގަމުން އައީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން, ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ ދަށުންނެވެ.