ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މޮރޮކޯގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އިން ކަސަބްލާންކާގެ ދަޢުވަތަކަށް އެ ޔުވިވާސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އައިޔޫއެމްގެ ފަރާތުން ބައިވެރިވެލެއްވީ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރުއެވެ. އަދި ޔުނިވާސިޓީ އިން ކަސަބްލާންކާ ގެ ފަރާތުން ބައިވެރިވެލެއްވީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ހިއުމަނިޓީސްގެ ޑީން، ޕްރޮފެސަރ. ޑރ. އަބްދުލް އިލާހް ބްރިސްކީއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޔުނިވާސިޓީގެ މަތީ ތަޢުލީމު ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮއްފައިވެއެވެ.

ޔުނިވާސިޓީ އިން ކަސަބްލާންކާގައި ބޭއްވުނު މި ބައްދަލުވުމުގައި، އެކި ދާއިރާތަކާއި ގުޅުން ހުރި ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަށް ކުރިއަށް ގެންދިޔުމުގެ އިތުރުން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެހެނިހެން މަޝްރުޢޫތަށް ހިންގުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނީ ބައިނަލްއަޤްވާމީ އެތަށް ޔުނިވާސިޓީތަކަކާއި ގުޅިގެން ދަރިވަރުންނަށް ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްކުރަމުންނެވެ.