ރާއްޖެ އާއި އިންޑިޔާއާ ދެމެދު ދަތުރުކުރާ އެއަރލައިންސްތަކުގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ދާދިފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިންޑިޔާއާ ދެމެދު ދަތުރުކުރާ އެއަރލައިންތައް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވާފައިވާނެ ކަމަށެވެ.

"ވަރަށް ބޮޑަށް ވާހަކަދެކެވުނު، ރާއްޖެއާއި އިންޑިއާއާ ދެމެދު ކަނެކްޓިވިޓީ އިތުރުކުރުމަށް. ވައިގެ ދަތުރު އިތުރުކުރެވޭނެ ގޮތަކަށް. ވިދާޅުވީ ވަރަށް ބޮޑަށް އިސްކަން ދެއްވާނެކަމަށް. ތިކޮޅަށް ފާހަގަވާ އެއަރލައިންތަކުގެ ލިސްޓެއް ފޮނުވާ އެބޭފުޅުންގެ މެނޭޖްމަންޓްތަކާއި ޓޫރިޒަމް މިނިސްޓްރީ ނުވަތަ އެމްއެމްޕީއާރްސީއާއި ގުޅުވާދެއްވުމަށް. ހަމައެކަނި މީޓިންގ އެއް ބާއްވައިގެން ނިންމާލާކަށް ނޫން އަޅުގަނޑުމެން މިތިބީ." ވަޒީރު ފައިސަލް ރޭ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވިއެވެ.

ވަޒީރު ފައިސަލް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިވާ އެއަރލައިންތަކާއެކު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންނާއެކުވެސް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމުގައި ފައިސަލް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ލޯސީޒަނަށް މިހާރު ތައްޔާރުވާން ފަށާފައިވާ ކަމަށާއި އަމާޒަކީ މިއަހަރާއި އަޅާބަލާއިރު އަންނަ އަހަރުގެ ލޯސީޒަނުގައި %15 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށެވެ. "އޭރުން އަޅުގަނޑުމެންނަށް ޖުމްލަކޮށް ލޯސިޒަނުގައިވެސް ރަނގަޅު ރެވެނިއުއެއް (އާމްދަނީ) އެއް ލިބޭނެ" ވަޒީރު ފައިސަލް ވިދާޅުވިއެވެ.