މިއަހަރު މެއި އަދި ޖޫންގައި ބޭއްވި ކޭމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވީ، މެއި އަދި ޖޫންމަހު ބޭއްވި ކެމްބުރިޖު އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާތައް ސެންޓަރުތަކުން މިއަދު 12:00 އިން ފެށިގެން ދޫކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން، މެއި އަދި ޖޫންގައި އަމިއްލަގޮތުން އިމްތިޙާން ހެދި ކެނޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގަވެސް ހެނދުނު 8.30 އިން 13.30 އަށް ކަމަށްވެސް އެ އިސާރާއިން ވިދާޅުވިއެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ޖުމްލަ 7,501 ދަރިވަރުން ބައިވެރިވިއެވެ. އަދި އައިޖީސީއެސްއީ ހެދި 7,155 ދަރިވަރުންނާއި އެސްއެސްސީ ހެދި 7،133 ދަރިވަރުން ހިމެނެއެވެ.

މި އިމްތިހާނުތައް ބޭއްވުނީ ދިވެހިރާއްޖޭގެ 257 އިމްތިހާނު މަރުކަޒެއްގައެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން އަންގާފައިވާ ގޮތުގައި، އިމްތިހާނުގެ ނަތީޖާ އަލުން ޗެކްކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް އެ ފުރުޞަތު ލިބިގެންދާނެއެވެ. މިކަމަށް އެދޭ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި މަރުކަޒަށް ހުށަހަޅައިގެން އެކަން ހަމަޖެއްސުމަށް ޑީޕީއީ އިން ވަނީ އިރުޝާދު ދީފައެވެ.