މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ވިއްސާރާގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް އެކްސްގައި ޕޯސްޓް ކުރެއްވި ވަގުތަކީ މުޅިރާއްޖެއަށް ވަރަށް ބޯކޮށް ވާރެހި ގެދޮރަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދިޔަ ވަގުތެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށްވެސް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގިއެވެ. މިގޮތުން ބޯކޮށް ވާރޭވެހި ހއ.ކެލާގައި ވަރަށް ބޮޑަށް ފެންބޮޑުވެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުވެސް މުޅިރާއްޖެއަށް މޫސުން ގޯސްވާނެއެވެ. ކަނޑުދަތުރު ފަތުރު ކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދެއްވައިގެން ދަތުރު ކުރެއްވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރަައްވައެވެ.