ބިދޭސީން ދަތުރުކުރާއިރު "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމަވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިގޮތަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން "ޓްރެވަލް ހެލްތު ޑެކްލަރޭޝަން" ފޯމެއް ފުރަންޖެހޭގޮތަށް ކަނޑައެޅީ 15 ޖުލައި 2020 ގައެވެ. އަދި އެއަށްފަހު 14 މާޗު 2021 ގައި މި ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި "ޓްރެވެލަރ ޑެކްލަރޭޝަން"ގެ ނަމަށް ބަދަލުކޮށްފައެވެ.
ނަމަވެސް 20 ނޮވެމްބަރު 2023 ގައިވަނީ ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެއަށް އަނބުރާ އަންނަ ދިވެހިން ވެސް އެ ފޯމް ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ނިންމަވާފައެވެ.
އެހެންކަމުން މިހާރު ރާއްޖެއިން ބޭރަށް ދަތުރު ކުރާ އެއްވެސް ފަރާތަކުން ޓްރެވެލަރ ޑެކްލަރޭޝަން ފޯމް ފުރިހަމަ ކުރަން ނުޖެހޭނެއެވެ. ނަމަވެސް ރާއްޖެއަށް އަންނަ ބިދޭސީ ފަރާތްތަކުން ކުރިއެކޭ އެއްގޮތަށް ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ޓްރެވެލަރ ޑެކްލަރޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅަން ވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.