މަގު ބައްތިތައް އިޞްލާޙުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު 2025 ވަނަ އަހަރު ފެބުރުވަރީ މާހާ ހަމައަށް އިތުރުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންއިން ވިދާޅުވީ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަގު ބައްތިތައް ހަރުކުރުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ޚާއްޞަ މިންގަނޑާއި އެއްގޮތަށް މަގު ބައްތިތައް އިޞްލާޙު ކުރުމަށް ރަށްރަށުގެ ކައުންސިލަށް އަންގާފައިވާކަމަށެވެ.

އެގޮތުން، މީގެ ކުރިން ފެނަކައިން ވާނީ، އެ މިންގަނޑަށް ފެތޭނެ ފަދައިން މަގުބައްތިތައް އިޞްލާހު ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި އެކަން އިޞްލާޙު ނުކޮށްފިނަމަ އެރަށެއްގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަން ކައުންސިލްތަކަށް އަންގާފައެވެ. މިގޮތުން ފެނަކައިން ވަނީ މިހާތަނަށް 3 ފަހަރެއްގެ މަތިން ކައުންސިލްތަކަށް މުއްދަތު އިތުރުކޮށްދީފައެވެ. އެންމެ ފަހުން ފެނަކައިން މަގު ބައްތިތައް އިޞްލާޙުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު މިމަހު 21 ވަނަ ދުވަހު ހަމަވާނެއެވެ.

އެހެންނަމަވެސް، ކައުންސިލްތަކުން މިކަން ކުރުމަށް ގިނަ ދަތިތަކެއް ހުރިކަން ފާހަގަ ކޮށްފައިވާކަމަށް ފެނަކައިން ހާމަކުރިއެވެ. އެހެންކަމުން، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ދީފައިވާ ލަފާގެ މަތިން، ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތަށް މަގު ބައްތިތައް އިޞްލާޙު ކުރުމަށް 25 ފެބްރުވަރީ 2025 އާއި ހަމައަށް މުއްދަތު އިތުރުކުރުމަށް ޔޫއާރުއޭ އިން ވަނީ އަންގާފައިކަމަށް ފެނަކައިން ވިދާޅުވިއެވެ.

މިދިޔަ މެއި މަހު ރ. އުނގޫފާރުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަކަށް ކަރަންޓު ލީކުވެ ކުޑަކުއްޖަކު ކަރަންޓުގައި ޖެހުމުން އެ ކުއްޖާ ސަލާމަތްކުރަން އުޅުނު 18 އަހަރުގެ ޒުވާނަކު ވަނީ ހާލުދެރަވެ ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން ފެނަކައިން ހިންގި އިންސްޕެކްޝަނެއްގައި 144 ރަށެއްގައި ހުރި މަގު ބައްތިތައް ޔޫއާރުއޭގެ ސަލާމަތީ މިންގަނޑަށް ނުފެތޭ ކަމަށް ދެނެގަނެފައިވެއެވެ. އަދި އެ މިންގަނޑުތަކަށް ފެއްތުމަށް ކަައުންސިތަކަށް އަންގައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.