ދިވެހިރާއްޖޭގައި އެތައް އަހަރެއް ވަންދެން ރެފްރީކަން ކުރެއްވި މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު, ސޯޝަލް މީޑިއާއަށް އާއްމު ކުރި ޕޯސްޓެއްގައި ވަނީ ރާއްޖެއަށް އެތައް ދުވަހެއް ވަންދެން ހިދުމަތް ކުރެއްވި މައްލާ ޅަތުއްތު ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު އުނިކަމެއްކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ, ރާއްޖޭގައި ފުޓުބޯޅައިގެ ރެފްރީކަން 50 އަހަރަށްވުރެ ގިނަ ދުވަސް ކޮށް, ރެފްރީއިން ތަމްރީނު ކުރުމަށް ޓަކައި އެތައް ބުރަ މަސައްކަތެއް ކޮށްފައިވާ މައްލާ ޅަތުއްތުގެ އާއިލާއަށް ތައުޒިޔާ ދަންނަވައި, އެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުއާ ކުރައްވާފައެވެ.

ރައީސްގެ ޕޯސްޓު ނިންމާލައިފައި ވަނީ, މައްލާ ޅަތުއްތުއަށް ސުވަރުގޭގެ ދާއިމީ ރަހުމަތް ލެއްވުން އެދި ދުއާކުރައްވަމުންނެވެ.