"ހޯޕް އައިލެންޑް" ވެގެންދާނީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިންގާނެ ސެންޓަރަށް ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 8 ވަނަ ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ހޯޕް އައިލެންޑް ޤާއިމް ކުރުމުގެ މަސައްކަތް މިވަގުތު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުންދާ ކަމަށާއި މިރަށުގެ މަސައްކަތްނިމި މި ރަށަކީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިނގަމުންދާނެ ސެންޓަރަކަށް ވެގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫންކަމަށެވެ. އަދި ކަންކަން އިސްލާހުކުރުމަށް ތަފާތު ނިޒާމުތައް ބަލައިގަނެ އަމަލުކުރަން ފެށިނަމަވެސް އޭގައި ރަނގަޅުކުރަންޖެހިފައި ހުންނަ ކުދިކުދި ކަންކަން ހޯދައި އޭގެ ބޭނުން ނަހަމަ ގޮތުގައިހިފާ މީހުން އުޅޭ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެކަންކަމަށް ސަމާލުވެ، ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިފަދަ ތަނެއް ގާއިމް ކުރުމުގެ މަގްސަދަކީ ކުދިން ޖަލަކަށް ލައިގެން އަދަބުދިނުން ނޫންކަމަށާއި އޭގެ ބަދަލުގައި ޤާނޫނުގެ ތެރެއިން ކުދިންނަށް ބޭނުންވާ ތަޢުލީމާއި އެހެނިހެން ޕްރޮގްރާމުތައް ފުރިހަމަކުރާ ޢަޚުލާގު ރަނގަޅު ދަރިންތަކެއް މުޖުތަމަޢަށް ނެރުމަށް އިސްކަންދެއްވާ ކަމަށެވެ.

ރާއްޖޭގައި ކުށަށް ޒިންމާވާ އުމުރު 12 އަހަރަށް ދަށް ކުރަނީވެސް ކުދިންނަށް ވީހާ އަވަހަށް ނިޒާމުގެ ތެރެއިން ޕްރޮގްރާމުތައް ހިންގައި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިހުސާން ވިދާޅުވީ މިހާރު ރާއްޖޭގެ ކުށުގެ ވެއްޓަށް ބަލާއިރު ކުށަށް އަރައިގަންނަ 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިން ގިނަ ވަމުންދާކަމީ ފެންނަން ހުރި ހަޤީޤަތެއް ކަމަށެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން އަވަސް ހައްލުތައް ގެނައުމަކީ މުހިއްމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.