ތިލަދުންމަތީ އުތުރުބުރި (ހއ.އަތޮޅު) އިން ފެށިގެން މާޅޮސްމަޑުލު އުތުރުބުރިއާ (އދ.އަތޮޅު) ދެމެދަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ތިލަދުންމަތީ އުތުރުބުރި (ހއ.އަތޮޅު) އިން ފެށިގެން މާޅޮސްމަޑުލު އުތުރުބުރިއާ (އދ.އަތޮޅު) ދެމެދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދުގެ 13:00 އިން 17:00 އަށެވެ. މިވަގުތު ތަކުގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ހާމަ ކުރައްވައެވެ. އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުންް ހާމަކުރައްވައެވެ.

މީގެ އިތުރުން ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށް މެޓު އޮފީހުން ބުނެ އެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.