18 ވަނަ ބައި

ފެންވަރާ ތާޒާވެލީމާ ނަވާރުގެ ހައްޓަށް ލިބުނީ ހަމަޖެހުމެވެ. ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިއްޖެހެން ހީވެއެވެ. ތުވާލިން ބޯހިއްކަމުން އެތެރެއަށް ވަދެގެން އައި ނަވާރަށް އައިޝާ ކިޔަވާ މޭޒުމަތީ ހުރި ޕާރްސަލް ކޮތަޅު ފެނުނީވެސް އިރުކޮޅެއް ފަހުންނެވެ.

އިރުކޮޅަކު އެއަށް ބަލަހައްޓައިގެން ހުރުމަށްފަހު މަޑުމަޑުން ހިނގާލާފަ ގޮސް މޭޒު ކައިރީ ހުއްޓި ރަނގަޅަށް ބަލައިލިއެވެ.

އަދި ކޮތަޅު ހާވާލާ ހުރީ ކޯއްޗެއްތޯ ވެސް ބަލައިލިއެވެ. ނޭފަތް ފުރިގެން އައީ ފަރާޓާ އާއި ތަންދޫރީ ޗިކެންގެ މީރުވަހުންނެވެ. ނަވާރަކަށް މަޑަކުންނުހުރެވުނެވެ. ތުވާލި އަތުކޮޅަށް ހޫރައިލާ އެރީ އައިޝާގެ އެނދުމައްޗަށެވެ. ދެން އިށީނދެ ކާންފެށިއެވެ. އެއީ ކާކު ކީއްވެ ބަހައްޓާފަހުރި ކާއެއްޗެއް ކަމާމެދު ނަވާރަށް ޚިޔާލު ހިންގައިލެވުނީވެސް ދެ ފަރާޓާ ކައި ހުސްވި ފަހުންނެވެ. އެ ހިސާބުން ކެއުން މަޑު ޖައްސައިލާ ވިސްނައިލިއެވެ. މިއީ ފަހަރެއްގައި ފާޒިލް ކާން ގެނެއްސަ ހުރި ކާއެއްޗިއްސަށް ވެސް ވެދާނެއެވެ. އެކަމަކު ... އެކަމަކު ... ނަވާރު ވިސްނައިލިއެވެ. ކޮތަޅުތެރެއަށް ބާކީހުރި އެއްޗެހި އަޅަން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓުނު ކަރުދާސްކޮޅަށް ނަވާރުގެ ސަމާލުކަން ދެވުނެވެ. މަޑުމަޑުން ގުދުވެ ކަރުދާސްކޮޅު ނަގައި ހުޅުވައިލިއެވެ.

"ރަނގަޅަށް ސައި ބޯލާ! ... ނަވާރަށް ކަމުދާނެކަމަށް ހީކުރަން!" ލިޔުންކޮޅު ކިޔައި ނިންމައިލިއިރު ނަވާރުގެ ހިތް ކަފަކޮޅެއްހާ މަޑުވެގެން އައެވެ. އެކަމަކު ދެވަނަ ސިކުންތުގައި ދަތްކުނޑި ވިކައިގަނެވުނީ އަލީނާގެ ވާހަކަތައް ހަނދާންވުމުންނެވެ. ކުއްލިއަކަށް ތެދުވެ ބާކީ ހުރި ކާއްޗެހި ޑަސްބިނަށް ލުމަށްފަހު ހިނގައިގަތީ ޑްރެސިްނގޓޭބަލާ ދިމާއަށެވެ.

ފާޒިލް ގެއަށް އައީ އިރުއޮއްސުނުގަޑިއަށެެވެ. އޭރު ނަވާރު ކޮޓަރިއަކު ނެތެވެ. އާދައިގެ މަތިން ދޮންމަންމައަށް ގުޅާ އައިޝާ ފޮނުވައިދޭން އެދުނެވެ.

ފާޒިލްގެ ދޮންމަންއަށް ލިބުނީ ހައިރާންކަމެކެވެ. އައިޝާ ގޮވައިގެން ނަވާރު ބޭރަށް ދަނީކަމަށް ބުނެ ދިޔައިރު ފާޒިލްއަށް އެކަން އެނގިފައި ނެތީމައެވެ.

"އެހެންތަ! ނަވާ ހަނދާންނެތި ނުބުނެވުނީކަމަށް ވާނީ!" ފާޒިލް ވާހަކަ ހަމަޖައްސައިލަން ބޭނުންވިއެވެ.

"އެހެންނޫނަސް ދައްތަ ހީކުރީ ތި ދެކުދިން ކަމަށް އައިޝާ ގޮވައިގެން ދާނީ! ދަރިފުޅު ނެތިންތަ ނަވާރު މިބަޔަށް އައިއިރު!" ދޮންމަންމަގެ ސުވާލު ނުހުއްޓޭނެކަން އެނގުމުން ފާޒިލް ބުނީ ފާޒިލް އައީ ބޭރުން ކަމަށާ އޭރު ނަވާރު ކޮޓަރީގައި ނޫޅޭ ކަމަށެވެ. އަދި މިހާރު މި ގުޅަނީ ނަވާރަށް ކަމަށް ބުނެ ދޮންމަންމަގެ ހިތް ހަމަޖައްސައިދިނެވެ.

އެއް ދުވަސް ދެ ދުވަހަށް ދެ ދުވަސް ތިން ދުވަހަށް އަދި ހަފުތާ ދެ ހަފުތާއަށް ބަދަލުވެ މަސްދުވަސްވާން ކައިރިވަނީއެވެ. ފާޒިލްއާ ނަވާރުގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދެމީހުން ނިދަނީ ދެތާގައެވެ. އަނގައިން ބުނުމެއް ވާހަކަ ދެއްކުމެއް ނެތެވެ. ދޮންމަންމަ ކުރިމަތީ އެއީ ދެމަފިރިންނެވެ. އެހެން މީހުން ކުރިމަތީ އެއީ ކުރީގެ ވެސް ފާޒިލްއާ ނަވާރެވެ.

ފިނި ހެނދުނެކެވެ. ނަވާރަށް ހޭލެވުނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސައިގެންނެވެ. އޭރު ގަޑިން ވާނީ ނުވަގަޑި ބައި އެހާކަންހާއިރެވެ. ހީކުރީ ކުރީ ރޭ ޑިއުޓީ ނިންމާލާފަ އައިސް ރަނގަޅަށް ނުނިދުނީމާވީ ގޮތެއްކަމަށެވެ. އެހެންނަމަވެސް އިރެއް އިރަކަށް ބޮލުގެ ރިހުން ގަދަވެ މީހާގެ ހެއަށް ގޮތްވާހިސާބަށް ހިނގައްޖެއެވެ. ތެދުވަން އުޅުމުން މީހާ ހޫރިގެންފައި ވެއްޓޭހެން ހީވުމުން އެނދުގައި އިށީނދެވިއްޖެއެވެ. މަންމައަށް ގުޅަން އުޅެފައި ވެސް މަންމަ ކަންބޮޑުވާނެ ވަރު ހިތަށް އެރުމުން އިރުކޮޅަކަށް މަޑުކޮށްލިއެވެ. ރަނގަޅުވެލާނެ ކަމަށެވެ.

ދެވަނަފަހަރު މަންމައަށް ގުޅަން ނަވާރު ފޯނުނެގީ އިތުރަށް ރިހުން ގަދަވާތީއެވެ. އަދި އެއީ އާދައިގެ ބޯރިހުމަކަށް ނުވާނެހެން ހީވާން ފެށުމުންނެވެ.

"މަންމާ! އާދެބަލަ މި ކޮޓަރިއަށް ..." ނަވާރަށް ބުނެވުނީ އެހާ ވަރަށެވެ. ހޮޑު އައީ ކުއްލިއަކަށެވެ.

ކަމެއް ގޯސްވެއްޖެހެން ހަފީޒާއަށް ހީވެ އަވަސްވެގަތީ އެކޮޓަރިއަށް ދިއުމަށެވެ. އެގަޑީގައި ފާޒިލް އުޅޭނީ އޮފީހުގައިކަން ހަފީޒާއަށް އެނގެއެވެ. އެހެންވެ ފާޒިލްއަށް އުދަނގޫނުކުރަން ވެގެން ނަވާރު އޭނައަށް ގުޅީކަން ހަފީޒާއަށް ވިސްނުނެވެ.

ކޮޓަރީގެ ދޮރު ތަޅުލާފައި ހުރުމުން ހަފީޒާ ދެތިން ފަހަރަކު ނަވާރަށް ގޮވިއެވެ. އެހެންނަމަވެސް ނަވާރުގެ ހިލަމެއް ނުވިއެވެ. ދެން ނެގީ ފޯނެވެ. ނަވާރުގެ ފޯނު ރިންގްވާއަޑު މަޑުމަޑުން ހަފީޒާއަށް އިވެއެވެ. އެ ހިސާބުން ކަމެއް ގޯސްވެއްޖެކަން ހަފީޒާގެ ހަވަނަ ހިއްސު ބުނެދިނެވެ. އަވަސް އަވަހަށް ފާޒިލްއަށް ހަފީޒާ ގުޅިއެވެ. އޭނަގެ އިނގިލިތައް ތުރުތުރުލާވަރުން ފޯނު އަތުގައި ހައްޔަރުވަނީކީ ވެސް ނޫނެވެ. ފާޒިލްއަށް ގުޅަން އޭނަ ވަރަށް ހިތްވަރުކުރަން ޖެހުނެވެ. މޫނުމަތީގެ ކުލަ އޮއްސި މީހާ ކަަންބޮޑުވެގެން ހަލާކުވާވަރުވިއެވެ.

ފާޒިލްއަށް ގެއަށް އާދެވުނީ ހަފީޒާ ގުޅިތާ ދިހަވަރަކަށް މިނިޓް ފަހުންނެވެ. އެ ވަގުތުތެރޭ ވެސް ހަފީޒާ އެތައް ފަހަރަކު ދޮރުގައި ތެޅިއެވެ. އެތައް ފަހަރަކު ނަވާރުގެ ފޯނަށްގުޅިއެވެ. އެއްވެސް ހިލަމެއް ނެތެވެ.

ލިފްޓުން ނިކުތް ފާޒިލް ފެނުމާއެކު ހަފީޒާގެ ބަޑި ފަޅައިގެން ދިޔައެވެ.

"ދަރިފުޅާ! ނަވާރަށްވީ ކީއްކަމެއްވެސް ނޭނގެ! ނަވާރު ގުޅީ!... މާންމާއޭ އައިސްބަލާށޭ ބުނެވުނު... ދެން އިތުރަކަށް އެއްވެސް އަޑެއް ބަޑެއް ނީވުނު! ... މަންމަ ވަރަށް ބިރުގަނޭ އެބަ! ... ދަރިފުޅާ އަވަހަށް ދޮރު ހުޅުވަބަލަ!" ހަފީޒާއަށް ރޮވޭވަރުން ވާހަކަ ދައްކަންވެސް އުދަނގުލެވެ. ފާޒިލް ވެސް އަތްމަތި އަވަސްކޮށްލައިގެން ތަޅުދަނޑި ޖީބުން ނެގިއެވެ. ތަޅުވަޅާ ތަޅުދަނޑި ދިމާ ކުރެވުނީ ވެސް ދެތިން ފަހަރުންނެވެ.

ކޮޓަރީގެ ދޮރު ހުޅުވުމާއެކު ފާޒިލްއަށް ވުރެ ކުރިން ފާޒިލްގެ އަތްދަށުން ދެމިގަނެގެން ކޮޓަރިއަށް ވަނީ ހަފީޒާއެވެ.

"މަގޭދަރި! ދަރިފުޅާ! މަންމަގެ ދަރިފުޅާ! ހަފީޒާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެނެއް ނުހުރެވުނެވެ. އައިޝާގެ އެނދު ކައިރިއަށް ވެއްޓިފައި އޮތް ނަވާރު ފެނުމުން ހަފީޒާގެ ހެއަށް ވެސް ގޮތްވިއެވެ. ހޮޑުން ތަތްތެޅިފައިވާ ނަވާރުގެ މޫނުވަނީ މިލާފައެވެ. ހުދުވެފައެވެ.

ފާޒިލްއަށް ވެސް ދުވެގޮސް ނަވާރު ކައިރީ މަޑުކޮށްލެވުނެވެ. އަދި ދެ ކަކޫ ބިންމަތީ ޖަހައިގެން އިށީނދެ ނަވާރު ނަގާ އެނދުގައި ބޭއްވޭތޯ އަވަސްވެގަތެވެ. ހަފީޒާ އުޅުނީ ނަވާރުގެ ގައިގާ ހުރި ހޮޑުތައް ސާފުކުރެވޭތޯއެވެ.

"މަންމާ! ނަވާ ހޮސްޕިަޓަލަށް ގެންދަންވީ! އުޅޭ އެއްޗެހި ބަދަލުކުރެވޭތޯ! މިގުޅަނީ އެމްބިއުލަންސަށް!" ފާޒިލް ނެގީ ފޯނެވެ. ހަފީޒާ އުޅުނީ ނަވާރުގެ ހެދުން ބަދަލުކުރެވޭތޯއެވެ. އެމްބިއުލަންސަށް ގުޅުމަށްފަހު ފާޒިލް މަސައްކަތްކުރީ ނަވާރު ހޭއަރާތޯއެވެ.

ނަސީބަކުން އެމްބިއުލަންސް އައުމުގެ ކުރިން ނަވާރު ހޭއަރައިފިއެވެ. ވީކީއްތޯ ނޭހެނީސް ނަވާރު ފެށީ ރޯންށެވެ. އޭރު ފާޒިލްް އޮތީ ނަވާރާ ދިމާއަށް ގުދުވެއެވެ.

"ނަވާ! ނުރޮއެ، ހިތްވަރުކުރޭ! އެއްވެސް ކަމެއްނޫން! މިހާރު އެމްބިއުލަންސް އަންނާނެ! ހިތްވަރުކުރޭ!" އެއީ ފާޒިލްގެ ފަރާތުން ނަވާރު އެހި އެންމެ އޯގާތެރި ބަސްތަކެވެ. އެބަސްތަކުން ހިތަށް ހަމަޖެހުން ލިބުނަސް ނަވާރަށް ދިމާވެގެން އުޅެނީ ކުޑަކަމަކަށް ނުވެދާނެކަމުގެ ބިރު އޮތުމުން ނަވާރުގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

"މަންމާ!" ނަވާރު އަތް ދިއްކުރީ އެއްފަރާތުގައި ފާޒިލްގެ ކޮނޑުގައި އަތްބާއްވައިލައިގެން ނުރޮއެ ވޭތޯ ހިތްވަރުކުރަމުން ދިޔަ ހަފީޒާއާ ދިމާއަށެވެ. ނަވާރުގެ ހަރަކާތް ވިސްނުމުން ފާޒިލް ކުޑަކޮށް ދުރަށް ޖެހިލައި ހެދުން ބަދަލުކުރުވަން ހަފީޒާއަށް ވަގުތު ދިނުމަށްފަހު ގޮސް ދޮރުކައިރީ މަޑުކޮށްލިއެވެ. އަދި ނަވާރުގެ އަތްދަބަސް ނަގާ އެއިން ނަވާރުގެ އައިޑީކާޑު ފެނޭތޯ އުޅެގަތެވެ.

ދެވަނަ ފަހަރު ނަވާރުގެ ލޯމެރި ހެއަށް ގޮތްވީ އެމްބިއުލަންސްގެ ސައިރަންގެ އަޑު އިވިއިވި ހުއްޓައެވެ.

ހޮސްޕިޓަލަށް ނަވާރު ގޮވައިގެން ދިޔައީ ފާޒިލްއެވެ. އައިޝާ ހުރުމުން ނަވާރާއެކު ހަފީޒައަކަށް ނުދެވުނެވެ.

ޑޮކްޓަރުން ނަވާރު ބެއްލެވުމަށްފަހު ހޭއަރާތޯ ހޭއަރާތޯ މަސައްކަތް ކުރިޔަސް މިފަހަރުވެސް މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ. އެހެންނަމަވެސް ވަރަށް ގިނަ ޓެސްޓް ހަދަން ޖެހުނެވެ. އެ ހުރިހާ ވަގުތަކުވެސް ނަވާރުގެ އަތުގައި ހިފަހައްޓައިގެން ވަރަށް ކައިރީގައި ފާޒިލް ހުއްޓެވެ. ނަވާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދިނުމަށެވެ. ނަވާރަށް ހިތްވަރު ދިނުމަށެވެ. ޑޮކުޓަރުންތައް ދިޔުމުން މަޑުމަޑުން ނަވާރު ތެދުވެ އެނދުގެ މެދުގައި އިށީނެވެ. އިސްދަށަށް ޖަހާލައިގެންނެވެ.

"ނަވާ! އޮށޯވޭ! ތެދުވާނީ ގައިގާ ވަރުޖެހިލީމަ... ކޯއްޗެ

އްކާން ބޭނުމީ! ކޯއްޗެއް ކެވޭނީ!" ފާޒިލް ބޭނުންވީ އަވަހަށް ނަވާރު ރަނގަޅުވުމަށެވެ. ބަލިވިޔަސް ނުކަންޏާ އެބަލި އިތުރަށް ގޯސްވާނެކަން ފާޒިލްއަށް ވެސް ވިސްނެއެވެ.

ނަވާރު އޮށޯތެވެ. ފާޒިލްގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދީއެވެ. އަދި ލޯމަރާލަމުން މަޑުމަޑުން ފާޒިލްގެ އަތްތިލާގައި ހިިފައިލިއެވެ. އޭގެ ބަދަލުގައި ފާޒިލް އެއްވެސް އިޝާރާތެއް ނުކުރެއެވެ. އަތް ދަމައެއް ވެސް ނުގަނެއެވެ. ނަވާރުގެ އަތުތެރެއަށް އަތްތިލަ ދޫކޮށްލައިގެން ފާޒިލް އިނީއެވެ. ގެންނާނެ ކާއެއްޗެއް ނަވާރު ބުނޭތޯއެވެ. އެހެންނަމަވެސް ހަގީގަތަކީ ނަވާރުގެ ގައިގާ ފާޒިލް ބީހިލަން ވެސް ނާވަރު ބޭނުން ނޫން ވާހަކަ ބުނެފައި އޮތުމުން އެ ގޮތަށް އަތްތިލަ ދީގެން އިންނަން ފާޒިލްއަށް އުދަނގޫކަމެވެ. އެހެންވިޔަސް ހާލަތުގެ ގޮތުން ފާޒިލް މަޑުން އިނީއެވެ.

"ފާޒިލް!" ނަވާރު ގޮވައިލިއެވެ. އެ އަޑުގައިވަނީ ވަރުބަލިކަމެވެ. ޖަވާބުގައި މިފަހަރު ނަވާރުގެ އަތުގެ ނުފުށުގައި ފާޒިލް ފިރުމައިލިއެވެ.

"އަހަންނަށް މައާފުކުރޭ! ... ޕްލީޒް!" ނަވާރަށް ރޮވުނެވެ. ދެލޯ މަރައިގެން އޮތަސް އަޑުން އެކަން ފާޒިލްއަށް އެނގުނެވެ.

"ނަވާ!" ފާޒިލްގެ ހިތް ނަވާރަށްޓަކައި މަޑު ކަފަކޮޅަކަށްވެގެން އައެވެ.

"އަންނާނަން ކާނެ އެއްޗެއް ހިފައިގެން! ސޭންޑްވިޗެއް އޯކޭ ދޯ!" ނަވާރު ބޯ ޖަހައިލިއެވެ. އޮތްގޮތަށް އޮވެއެވެ. ފާޒިލް ތެދުވެގެން ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅައިލުމަށްފަހު ފާޒިލް އެނބުރި ބަލައިލިއެވެ. ނަވާރު އޮތީ އޮތްގޮތަށެވެ. އެހެންނަމަވެސް އެއް ކަމެއް ފާޒިލްއަށް ފާހަގަ ކުރެވުނެވެ. ނަވާރުގެ ލޮލުން ކަރުނަ އޮހެނީއެވެ.

އަމިއްލަ އަނބިމީހާގެ ހާލު ފެނުމުން ޚުދު ފާޒިލް ވެސް ހުރީ ކަންބޮޑުވެ ދެރަވެފައެވެ. ފިރިއެއްގެ ގޮތުގައި ނަވާރު، ފާޒިލް ބަލައިގަތީ ކަރުދާހުން އެކަނި ކަމަށް ވިޔަސް ކޮންމެވެސް އެއް ދުވަހަކުން އެއީ ލޯބިން ހަމަޖެހިގެން އުޅޭނެ ދެމަފިރިންނަށް ވުން... އެއީ ފާޒިލްގެ ހިތުގެ ކަނެއްގައި ފޮރުވާފައިވާ އުންމީދެކެވެ. އެހެންވީއިރު އެ އުންމީދުގެ ހުޅުކޮޅު ކުލަ ނުވެ ނިވިދާނެތީ މިއަދު ފާޒިލް އެހުރީ ދެރަވެފައެވެ. ނަވާރަށް ވިސްނިގެން ނަވާރު ފާޒިލް ބަލާގަންނާނެ ކަމުގެ އުންމީދު މިއަދު ފާޒިލްގެ ހިތުގައި އާލާވެގެން ދިއަޔަސް އެއީ ޔަގީންކަމެއް ނެތްކަމެއްކަން ވެސް ފާޒިލްއަށް ވިސްނެއެވެ.

ނަވާރުގެ ޓެސްޓް ތަކުގެ ނަތިޖާ ލިބުމުން ނަވާރުގެ ކައިރިއަށް ޑޮކްޓަރުންގެ ޓީމެއް އައެވެ. އެމީހުން ނަވާރަށް ނަސޭޙަތް ދިނީ ލަސްނުކޮށް ފުރުމަށެވެ. އިތުރު ޓެސްޓްތަކެއް ނަހަދާ ވެގެން އުޅެނީ ކީއްކަން ސީދާ ބުނަން ދަތިކަމަށް ވެސް އެމީހުން ބުންޏެވެ.

ފާޒިލްއަށް އެ ޚަބަރު ދޭން ނަވާރަށް ވަރަށް އުދަނގޫވިއެވެ. މައްސަލައަކީ ފައިސާއެއް ނޫނެވެ. ޚުދު ނަވާރު އަތުގައިވެސް ފައިސާ ހުންނާނެއެވެ. އެހެންނަމަވެސް ފާޒިލްއާ މެދު ކަންތައް ކުރެވިފައި އޮތްގޮތުން ނަވާރު ކަންބޮޑުވަނީއެވެ. މިއަދު ނަވާރު ބަލިވުމުން ނަވާރުގެ އެންމެހައި ކަމެއް ފާޒިލް ލައްވާ ކުރުވަން ނަވާރު ލަދުގަންނަނީއެވެ.

ހޮސްޕިޓަލުން ހަމަޖައްސަަންޖެހޭ ނަވާރުގެ ދަތުރުގެ ކަންކަން ހަމަޖައްސަމުން ދިޔައިރު ފާޒިލްހުރީ ވާނުވާ ނޭނގިފައެވެ. އެންމެ ފަހުން ހަދާނެ ގޮތެއް ނޭގިގެން ޑޮކްޓަރުން ނިންމި ގޮތުގެ ވާހަކަ ނަވާރު ބުނީ މަންމަ ކައިރީގައެވެ. އެވަގުތު ފާޒިލް ވީ ގޭގައެވެ.

ހަފީޒާ އައިޝާ ގޮވައިގެން ހޮސްޕިޓަލަށް އައީ އަސުރު ނަމާދުކޮށްގެން ނަވާރަށް ބޭނުންވާ ބައެއް އެއްޗެހިވެސް ހިފައިގެންނެވެ. އެރޭ ނަވާރު ގާތު އިންނަން ފާޒިލް ޖެހޭނެތީ ހަފީޒާ ބޭނުންވީ ފާޒިލް ގެއަށް ގޮސް ކޮންމެވެސް ވަރަކަށް އަރާމުކޮށްލުމަށެވެ. އޮފީހުގައިވެސް ކޮންމެެހެން ހަމަޖައްސަން ޖެހޭ ބައެއް ކަންކަން ހުރުމުން ފާޒިލް ދިޔައީ ގެއަށް ދިއުމުގެ ބަދަލުގައި އޮފީހަށެވެ.

"މަންމާ! ޑަކްޓަރުން އަންގަނީ ވީ އެންމެ އަވަހަކަށް ފުރަން!" މަންމަގެ އަތުގައި އެއް އަތުން ހިފަައްޓަމުން ނަވާރު ބުނެލީ ވަރުބަލި ގޮތަކަށެވެ!

"ކޮންތާކަށް ފުރަން! ރާއްޖެއިން ބޭރަށް؟" ހަފީޒާގެ ހިތް ބިރުން ތުރުތުރު ލައިގަތެވެ. ދަރިފުޅު އެ ގޮތަށް ފުރަން ޖެހޭނީ ބޮޑުކަމެއް ވުމުންކަން ހަފީޒާއަށް ވެސް އެނގެއެވެ.

ނަވާރު މަޑުމަޑުން ބޯ ޖަހައިލިއެވެ.

"އެކޮޅަށް ގޮސް ބައެއް ޓެސްޓްތައް ހަދާލަން ޑަކްޓަރުން ލަފާ ދިނީ!.... މަންމަ ދާނަން ދޯ އަހަންނާ އެކު!" ނަވާރު ބުނަން އެންމެ ބޭނުންވި ވާހަކައަކީ އެއީއެވެ.

-ނުނިމޭ-