ފަހު ބައި
"ކޮންތާކަށް ފުރަން! ރާއްޖެއިން ބޭރަށް؟" ހަފީޒާގެ ހިތް ބިރުން ތުރުތުރު ލައިގަތެވެ. ދަރިފުޅު އެ ގޮތަށް ފުރަން ޖެހޭނީ ބޮޑުކަމެއް ވުމުންކަން ހަފީޒާއަށް ވެސް އެނގެއެވެ.
ނަވާރު މަޑުމަޑުން ބޯ ޖަހައިލިއެވެ.
"އެކޮޅަށް ގޮސް ބައެއް ޓެސްޓްތައް ހަދާލަން ޑަކްޓަރުން ލަފާ ދިނީ!.... މަންމަ ދާނަން ދޯ އަހަންނާ އެކު!" ނަވާރު ބުނަން އެންމެ ބޭނުންވި ވާހަކައަކީ އެއީއެވެ.
ހަފީޒާ ވިސްނައިލިއެވެ. ހަފީޒާ އެކަނި ނަވާރާ އެކު ދާނީ ކިހިނެއްހެއްޔެވެ! އެކަހަލަ ތަންތަނަށް ދާންވާނީ ބަސް އެނގޭ ކަންކަމަށް ލޯ ހުޅުވޭ މީހުންނެވެ. ދަރިފުޅާއެކު ދާން ހަފީޒާ ކިތަންމެ ބޭނުމަސް އިތުރު މީހަކު ނުގޮހެއް ހަފީޒާ އަކަށް އެކަންޏަކު ނަވާރު ގޮވައިގެން ނުދެވޭނެއެވެ. ދަރިފުޅު އެވަރު ނުވިސްނީ ކީއްވެހެއްޔެވެ! ކޮންމެ ގޮތެއްވިޔަސް ނަވާރު ކައިރީ އޭނަ ހުންނަން ނަވާރު ބޭނުންވާނެއެވެ. އެކަމަކު އައިޝާ... ހަފީޒާ ވިސްނައިލިއެވެ.
ދަރިފުޅާ!... މަންމަ ވަރަށް ބޭނުން ދަރިފުޅު ކައިރީ ހުންނަން! އެކަމު މަންމައަކަށް ބަހެއްވެސް ނޭނގޭނެނު! އަދި މަންމަ ދުވަހަކުވެސް ނުވެސްދާ ތަނަކަށް ދަރިފުޅު ބަލިވެ އޮތްވާ ގޮވައިގެން މަންމަ ގޮސް ކިހިނެއް އުޅޭނީ!" ހަފީޒާ ބޭނުންވީ ނަވާރަށް ވިސްނާދޭށެވެ! ނަވާރު ލޯ މަރައިލިއެވެ. އެވަރު ނަވާރަށް ވެސް އެނގެއެވެ. އެހެންނަނަމަވެސް އަސްލު މައްސަލަ މަންމަ ކައިރީ ނަވާރު ބުނާނީ ކިހިނެއްހެއްޔެވެ!
"ފާޒިލް ބުނީތަ މަންމަޔާ އެކު ދާށޭ!" ނަވާރު އެއްޗެކޭ ނުބުނުމުން އެންމެ ފަހުން ހަފީޒާއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ! އެހެންވެ އެ ސުވާލުކުރެވުނީ ވެސް ތަންކޮޅެއް ހަރުކަށިކޮށެވެ!
"ކޮންތާކަށް ދާވާހަކައެއް!" ހަފީޒާއަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. ނަވާރަށް ވެސް ދެލޯ ބޮޑުކޮށްގެން އެ ދިމާއަށް ބަލައިލެވުނެވެ.
ފާޒިލް އައިސް ހުއްޓިލީ ނަވާރު އޮތް އެނދުގެ ފައިލާ ކޮޅުގައެވެ.
"ދަރިފުޅަކަށް ނޭނގޭތަ!" ފާޒިލްއާ ދިމާއަށް ބަލަހައްޓައިގެން ހަފީޒާއަށް ހުރެވުނީ ހައިރާންވެފައެވެ.
"ކޮންކަމެއް!" އަނެއްކާވެސް ފާޒިލް ކުރީ ސުވާލެކެވެ. ދޮންމަންމައަށް އެއް ފަހަރު ނަވާރަށް އެއް ފަހަރު ބަލައިލަމުންނެވެ. އޭރު ނަވާރު އޮތީ މައްޗަށް ބަލަހައްޓައިގެންނެވެ.
ހަފީޒާ ޖަވާބެއް ނުދީ މަޑުކޮށްލިއެވެ. އަދި ވިސްނާލަމުން އެބަ އަންނަމޭ ބުނެފައި ބޭރަށް ހިނގައިގަތެވެ. ހަފިޒާ ބޭނުންވީ އެދެ ކުދިން ވާހަކަ ދައްކާލަން ފުރުސަތު ދިނުމެވެ. ހަފީޒާގެ ދުރުވަމުން ދިޔަ ފިޔަވަޅުތައް ގޮސް ގެއްލެންދެން ބަލަހައްޓައިގެން ހުރި ފާޒިލް ނަވާރާ ކައިރިވެލިއެވެ.
"ނަވާ! ކޮންކަމެއް އަހަންނަށް ސިއްރު ތިކުރަނީ! ބުނެބަލަ!" ފާޒިލްގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމާ އެކު ވެސް އޯގާތެރިކަމެވެ.
"ޑޮކްޓަރ އެންގީ!... ޑޮކްޓަރ!" ނަވާރަކަށް އެވާހަކަ ބުނުން ފަސޭހައެއް ނުވިއެވެ. އެންމެ ފަހުން ނަވާރު ދެލޯ މަރައިލިއެވެ. ފާޒިލްއަށް ހިފެހެއްޓުނީ ނަވާރުގެ އަތްތިލާގައެވެ. އަދި މަޑުމަޑުން އަތްތިލައިގެ ނުފުށުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
"ނަވާ! އަހަންނަކީ ނަވާގެ ހަލާލު ފިރިމީހާ! އަހަރެން ކައިރީ ނުބުނެވޭނެ އެއްވެސް ވާހަކައެއް ނަވާއަކަށް ނޯންނާނެ! އަމުދުން ބަލިވުމުން!" ނަވާރުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބާ ގަތެވެ. އަލީނާ ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ބުންޏަސް ފާޒިލްގެ ފަރާތުން ނަވާރަށް މި ފެންނަނީ މުޅިން ތަފާތު ކުލައެކެވެ. އަލީނާގެ ވާހަކަތައް އެއީ ތެދުކަމަށް ވިޔަސް ފާޒިލް އެބުނަނީ ރަނގަޅަށެވެެ. ފާޒިލް އަކީ މިއަދު އޭނަގެ ހަލާލު ފިރިމީހާއެވެ.
"ނަވާ! ނުރޮއެ ހުއްޓާލާ! އިރާދަ ކުރެއްވިއްޔާ މީކީ އެހާ ބޮޑުކަމެއް ނޫން! މިތަނުން ޑޮކްޓަރުން ނަވާ ދޫކޮށްލީމަ އަހަރެމެން ދާނީ ރާއްޖެެއިން ބޭރަށް! ރަނގަޅު ހޮސްޕިޓަލަކަށް ގޮސް އިތުރަށް ޓެސްޓްކޮށް ވީގޮތެއް ބަލާނީ!" ފާޒިލްގެ އަތްތިލަ ގެންގޮސް ނަވާރުގެ ބޯމަތީ ބާއްވައިލިއެވެ. އަދި މަޑުމަޑުން ނަވާރުގެ ބޮލުގައި ފިރުމަން ފެށިއެވެ.
ނަވާރަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ހިތް ފުރިގެން އައީ ހިތަށް ލިބުނު ހަމަޖެހުމުންނެވެ. އޭނަގެ ފިރިމީހާގެ އަޅާލުމާ އޯގާތެރި ބަސްތަކުން އޭނަގެ ހިތް ފަތަޙަ ކުރިއެވެ.
މަޑުމަޑުން ކަނާތް ހިއްލާލާ އޭނަގެ ބޯމަތީ އޮތް ފާޒިލްގެ އަތްތިލާގައި ހިފައިލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އެ އަތްތިލަ ދަމައިގަނެވުނެވެ. އަލީނާގެ ވިހަ ބަސްތަކުން އޭނަގެ މޭ ތޮރުފައިލިއެވެ. އިރުކޮޅެއް ކުރިން ފާޒިލްއާ މެދު އެ ހިތުގައި އުފެދުނު ޝުޢޫރުތައް ވިއްސި ވިހާލިވެގެން ހިނގައްޖެއެވެ. މޭ އަނދަންފެށީ ރުޅިއާ ނަފުރަތުންނެވެ. އެ ޖަޒުބާތުތައް ނަވާރު ކައްކައިލުމުން އެއްލިގެން އެއްފަރާތް ވެވުނެވެ. ފާޒިލް ވަގުތުން ނަވާރުގެ ބޯމަތީ އޮތް ފާޒިލްގެ އަތް ދުރަށް ޖައްސައިލިއެވެ. ދެން ޚުދު އަމިއްލަ މީހާވެސް ދުރަށް ޖެހިލިއެވެ. އަދި ޖިންސްގެ ދެޖީބަށް އަތް ކޮއްޕާލުމަށްފަހު ދުރަށް ނަޒަރު ހުއްޓައިލިއެވެ.
ނަވާރު ފުރޮޅިލާފަ ފާޒިލްއާ ދުރުފަރާތަށް އެނބުރިލިއެވެ.
އޭގެ ބައިގަޑިއެއްހާ އިރު ފަހެވެ. ޑޮކުޓަރުންގެ ޓީމް ނަވާރުގެ ބައްޔާ އަދި ދަތުރާބެހޭ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަން ނަވާރު އޮތް އެނދާ ކައިރީ މަޑުކޮށްލިއެވެ. އޭރު ނަވާރު އޮތީ ނިދިފައެވެ. ދެލޮލުން ފޭބި ކަރުނަތައް ކޮންމެވެސް ވަރަކަށް ކަނާތު ކޯތާފަތްމަތީ ހިކިފައި ހުއްޓެވެ.
ފާޒިލް ޑޮކުޓަރުންގެ އިސް ފަރާތާ ކައިރިވެލިއެވެ. އަދި ނަވާރުގެ މޫނަށް ބަލާލާފަ އަމިއްލައިން ތަޢާރަފްވެލީ ޑޮކްޓަރުންގެ މައުލޫމާތަށްޓަކައެވެ.
"ހީވާގޮތުން ނަވާރަށް ފްލައިޓުން ސީޓް ލިބޭނީ މާދަން ނޫން އަނެއް ދުވަހަށް! ކޮންބައެއްތޯ އެކުގައި ދަތުރުކުރާނީ!" އިސްކޮށް ޓީމުގައި ހުންނެވި ބޭފުޅާ ސުވާލުކުރުމުން ފާޒިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަން ފާޒިލްގެ މޫނުމަތިން ޑޮކްޓަރ ދެނެގެންފިއެވެ.
"މިސްޓަރ ފާޒިލް، އަޅުގަނޑުމެން ނަވާރު ޓްރާންސްފަރ މިކުރަނީ އިންޑިޔާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލަށް!" ޑޮކްޓަރ އިތުރު ތަފްސީލް ދީ ނިންމައިލިއިރު ފާޒިލްއަށް ހުރެވުނީ މައްސުނި ޚިޔާލުތަކެއްގައެވެ. އަނެއްކާ ނަވާރަށް ވީ ކީއްބާވައެވެ. އެއްވެސް މީހަކު ނަވާރު މިހާ ބަލިއިރު އެވާހަކަ ނުބުނީ ކީއްވެބާވައެވެ. ފާޒިލް އެއީ ނަވާރުގެ ފިރިމީހާ ކަމަށްވާއިރު އެކަން އެންމެ ފަހުން އެނގުނު މީހަކީ ފާޒިލްއަށް ވީ ކީއްވެހެއްޔެވެ! އަނެއްކާ ނަވާރުގެ ބަލި...
ޑޮކުޓަރުންގެ ޓީމް އެނބުރި ދިޔައިރުވެސް ޖެހިބުދެއްހެން ފާޒިލްއަށް ހުރެވުނީއެވެ. ހަމަ ހޭވެރިކަން ވުމުން ފާޒިލް އެނބުރިލީ އަނެއްކާވެސް ނަވާރާ ދިމާއަށެވެ. މައުސޫމު މޫނެކެވެ. މި އަދާހަމައަށް އައި އިރުވެސް ދައްކަމުން އައި ގޮތް ދޫނުކުރުމެއް މިހާރަކު އެ މޫނުމައްޗަކުން ނުފެނެއެވެ. އެ މޫނުވަނީ މިލާފައެވެ. ފެންނަނީ ވަރުބަލިކަމެވެ. ފިޔާތޮށިކުލަ އަބަދުވެސް ފެންނަ އެ ތުނި ތުނި ތުންފަތުގައި ލިޕްސްޓިކުގެ އަސަރެއް ނެތެވެ. އެކަމަކުވެސް އެ ދެ ތުންފަތުގައި ވަނީ މަޑު ފިޔާތޮށި ކުލައެވެ. ނޭފަތުގެ ކުރިއަށް ކުޑަކޮށް އޫވެލާފައި ހުރިއިރު މަތީ ތުންފަތުގެ އެއްފަރާތުގައި ހުރި ކަޅުތިލައަށް ފާޒިލްގެ ސަމާލުކަން ހުއްޓައިލެވުނެވެ. އެ ހިމަތޮޅި ހަށިގަނޑުގައި އެއްވެސް ބާރެއް ނެތްކަން އެނގެނީ އެ ހަށިގަނޑުމަތީގައި އަޅާލެވިފައިވާ ފޮތިގަނޑު ފަދައިން އެ ހަށިގަނޑު ހިމޭން ވެފައިވާތީއެވެ. މިއީ މިގޮތަށް ނަވާރަށް ބަލައިލާން ފާޒިލްއަށް ލިބުނު ފުރަތަމަ ފުރުސަތެވެ. ނުވަތަ މި ގޮތަށް ބަލައިލި ފުރަތަމަ ފަހަރެވެ.
ކޮންފަދަ މައުސޫމުކަމެއް ހެއްޔެވެ! ނަވާރަށްޓަކައި ފާޒިލްގެ ހިތުގައި ދުވަހަކުވެސް ނުއުފެދޭފަދަ އަސަރުތަކެއް އުފަންވެ އެ ހިތް ރަޙުމާ އޯގާތެރިކަމުން ފުރިގެން އައެވެ. އެކަމަކުވެސް ދެން ފާޒިލްއަށް ވިސްނައިލެވުނީ ނަވާރު އޭނައަށް ނަފުރަތު ކުރާ ސަބަބާމެދުގައެވެ. ވިސްނާ ވިސްނާ އެ ސަބަބެއް ފާޒިލްގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. ބައެއް ފަހަރު ވަރަށް ރީތިކޮށް ވެސް ވާހަކަ ދައްކަފާނެއެވެ. ހަމަ އެ ސިކުންތުގައި މުޅި މޫސުން ބަދަލްވެގެން ހިނގައިދާނެއެވެ. އިރުކޮޅެއް ކުރިންވެސް އެވީ އެފަދަ ގޮތެކެވެ.
އެރޭގެ ދަންވަރެވެ. ފާޒިލް އިނީ ނަވާރު ކައިރީ ހުރި ގޮނޑީގައި އިށީނދެގެންނެވެ. ދުވާލުވެސް ތަނެއްގައި ބުރަކަށި ޖައްސައި ނުލެވޭތީ އަދި އެކި ކަންކަމާމެދު ފިކުރުހިންގަން ޖެހުނުލެއް ބޮޑުކަމުން ފާޒިލް އިނީ ހުރިހާ ގޮތަކުންވެސް ވަރުބަލިވެފައެވެ. އެހެން އިންދާ ފާޒިލްއަށް ނިދިޖެހުނީއެވެ.
"ފާޒިލް، އަޅެ ފާޒިލް، އަހަންނަށް ތިހެން ނަހަދާ! ތިހެން ނަހަދާ! ... ފާޒިލް"! ފާޒިލްއަށް ސިއްސައިގެން ގޮސް ލޯ ހުޅުވައިލެވުނީ ނަވާރު ކުކުރާ އަޑަށެވެ. ނަވާރު ރޮނީއެވެ. ނިދީގައި ވާހަކަ ދައްކަނީއެވެ. ގިސްލަމުންނެވެ.
"ފާޒިލް، ޕްލީޒް...!" ފާޒި
ލް މަޑުކޮށްލިއެެވެ.
"ތިއީ އަނިޔާވެރިއެއް! ތިއީ މަކަރުވެރިއެއް!" މިފަހަރު ނަވާރުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. އޭގެ އިންތިހާއަށެވެ. ދަތްކުނޑި ވިކައިގެން ހުރެ ނަވާރު އޭނަގެ ހިތުގައިވާ އުދާސްތައް ބޭރުކުރަނީއެވެ.
އިވުނު އަޑުތަކާއެކު ވެސް ފާޒިލް ކެތްތެރިވިއެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ނަވާރަށް އޭނައާ މެދު ނުބައި މައުލޫމާތުތަކެއް ލިބުނީއެވެ. އެކަމަކު ކިހިނެއްހެއްޔެވެ! ފާޒިލްއަކަށް ނުވިސްނުނެވެ. ފާޒިލްގެ ޚިޔާލުގެ ވާފަށް ބުރިބުރިވެގެން އައީ ކުރިއަށްވުރެ ބާރަށް ނަވާރު ގިސްލަން ފެށުމުންނެވެ.
"ނަވާ! ނަވާ! ލޯހުޅުވަބަލަ!" ފާޒިލްއަކަށް ނުހުރެވުނެވެ.
ފާޒިލްގެ އަޑު އިވުމުން ނަވާރަށް ފުންމައިގެން ތެދުވެވުނެވެ. އަދި ކައިރީގައި ހުރި ފާޒިލްގެ މެދުހަށީގައި ބާރަކަށް ބައްދައިގަތެވެ. ފާޒިލްގެ މެއާ ހިސާބުގައި ނަވާރުގެ މޫނު ފޮރުވައިލިއެވެ. އެކަމަކު ގިސްލަނީއެވެ.
"ނަވާ! އަހަރެންގެ ގައިން ދޫކޮށްނުލާ ތިހެން އިނދެބަލަ! އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ! އެއް ފަހަރު ނަމަވެސް އަހަރެން ބުނާ އެއްޗެއް ގަބޫލުކޮށްބަލަ! މަންމައަށްޓަކައި ނަމަވެސް!" ފާޒިލްގެ ދެއަތް ގެންގޮސް ނަވާރު ވަށައިލަމުން ފާޒިލް ވާހަކަ ދެއްކިއެވެ. ފާޒިލް ހީކުރިގޮތާ ޚިލާފަށް ނަވާރު ހިރިވެސް ނުލާ އިންގޮތަށް އިނެވެ. އަމިއްލަ ހަށިގަނޑުގެ ބާރު ފާޒިލްއަށް ދޫކޮށްލައިގެންނެވެ.
"އަހަރެން... އަހަރެން މިދައްކާ ވާހަކަ އަޑު އަހާފަ އަހަރެމެން ދެމީހުން ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް ދަމާ!" ފާޒިލްގެ ކަނާތް ގެންގޮސް ނަވާރުގެ ދަތްދޮޅީގައި ހިފާ އުފުއްލައިލިއެވެ. އެހެންނަމަވެސް ނަވާރު ލޮލެއް ނުހުޅުވިއެވެ.
އަނެއް އަތުން ފާޒިލް ހިފެހެއްޓީ ނަވާރުގެ ކަނދުރާގައެވެ.
"ލުކް ނަވާ! އަހަންނަކީ ނަވާ ތި ހީކުރާކަހަލަ މީހެއްނޫން! އަހަރެން ނަވާއާ އިނީ ރީތި ދިރިއުޅުމެއް އުޅެން! އަހަންނަކަށް ހީނުވޭ އަހަރެން ދަންނަ އެއްވެސް މީހަކު އަހަންނަކީ ގޯސްމީހެކޭ ބުނާނެހެނެއް!" ފާޒިލް ދެއްކި ހުރިހާ ވާހަކައެއް ނަވާރު އިނީ އަޑުއަހައިގެންނެވެ. ތެދެކެވެ. ކަންކަން ހައްލުވާނީ ދެ ފަރާތުންވެސް ވާހަކަ ދައްކައިގެންނެވެ. އެހެންވެ ކެތްތެރިވެގެން އިނީއެވެ. އެހެންވިޔަސް ނަވާރު އެންމެ އެނގެން ބޭނުންވި ސުވާލުގެ ޖަވާބެއް އަދިވެސް ފާޒިލްގެ ފަރާތަކުންނުލިބެއެވެ.
"ނަވާ ބޭނުމިއްޔާ... ނަވާ ބޭނުމިއްޔާ ބޭރަށް ގޮސް ނަވާއަށް ފަރުވާ ކޮށްގެން އެނބުރި އައިސް... ނަވާ ބޭނުން ގޮތަކަށް މި ގުޅުން ނިންމައިދޭނަން! ނަވާ ބަލިވެ އުޅެއުޅެ ހުއްޓަކާ އަހަރެން ނަވާ ދޫކޮށެއް ނުލާނަން! ނަވާ ބޭނުމަސް!"
ނަވާރު ވަކި ޖަވާބެއް ނުދިނުމުން ފާޒިލް އެންމެ ފަހުން އޭނަގެ ނިންމުން ހާމަކުރިއެވެ.
"އާން އާން ތީ ހަމަ ގޯސް މީހެއް! އަހަރެން ކަހަލަ އަންހެން ކުދިން ހައްދާ މީހެއް! މަކަރު ހަދާ މީހެއް!" ނަވާރުގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ފާޒިލް ނަވާ ދޫކޮށްލާނެ ވާހަކަ ބުނުމުންނެވެ.
މަޑުމަޑުން ނަވާރު ދުރަށް ޖައްސައިލުމަށްފަހު ފާޒިލް ވެސް އެނދާ ދުރަށް ޖެހިލިއެވެ.
"އަހަންނަށް ހީވަނީ އަހަންނާބެހޭގޮތުން ވަރަށް ގިނަ މައުލޫމާތު ނަވާ ހޯދައިފިހެން! އެކަމަކު ބުނަންތަ ވާހަކައެއް! އަހަރެން ލަނޑުދިން އެއްވެސް އަންހެންކުއްޖަކު ނުހުންނާނެ! އަދި މަކަރު ހެދި ކުއްޖަކުވެސް ނުހުންނާނެ! މަކަރު ހެދުނީ އަދި އޮޅުވައިލެވުނީވެސް ޚުދު އަހަރެންގެ އަމިއްލަ ނަފުސަށް!" ފާޒިލްގެ އަޑުގައި ވަނީ ރިހުމެވެ. އެ އަޑު މަޑެެވެ. ނަމަވެސް އެ އަޑުގައި ވަނީ ސާބިތުކަމެވެ.
"ދެން އަލީނާ... އަލީނާ އޯ!" ނަވާރަށް އިންގޮތަށް އިނދެ ބުނެލެވުނެވެ.
"އަލީނާއާ އަހަންނާ ދެމެދު ތި ފަދަ އެއްވެސް ގުޅުމެއް ނެތް! އަހަރެންގެ ހިތުގައި އަލީނާއާ މެދު އޮތީ ކުލުނުވެރިކަން!" ފާޒިލް ހާމަކުރީ ތެދަށެވެ. ފާޒިލް ދެކެ އަލީނާ ލޯބިވިޔަސް ދުވަހަކުވެސް ފާޒިލްގެ ހިތުގައި އަންހެން ކުއްޖެއްގެ ސޫރަ ކުރެހުނު ނަމަ އެމީހަކީ ނަވާރު ފިޔަވައި އެހެން މީހެއް ނޫނެވެ. އެހެނެއްނޫނެވެ. އެ ދެމެދަށް ނަވާރު ނައިނަމަ ފާޒިލް ހުރީ އަލީނާ ހަޔާތުގެ ބައިވެރިއަކަށް ގެންނަން ނިންމައިގެންނެވެ. އެއީ އަންހެނަކަށް ފާޒިލް ބޭނުން ޖެހިފައިވާތީއެވެ. އައިޝާއަށްޓަކައެވެ.
ނަވާރު ޝައްކުގެ ނަޒަރަކުން ފާޒިލްއަށް ބަލައިލިއެވެ. އޭރުވެސް ފާޒިލްގެ ނަޒަރު ހުއްޓިފައި ހުރީ ކުޑަދޮރުން ބޭރަށެވެ. ނަވާރާ ދިމާއަށް އެނބުރިވެސް ނުލާ ހުރި ފާޒިލްގެ ފުރިހަމަ އިސްކޮޅާ ބައްޓަން ހެޔޮ ހަށިގަނޑަށް ބަލަހައްޓައިގެން ނަވާރު އިނެވެ.
"އެކަމަކު އަލީނާ ބުނި!... " ނަވާރު ޖުމުލަ ފުރިހަމައެއް ނުކުރިއެވެ. ފާޒިލް އެ ހާމަކުރީ ތެދުކަމަށް ހިތް ބުނަނީއެވެ.
"އަހަންނަށް އެނގޭ އަލީނާ ވަރަށް ގިނަ ވާހަކަ ދައްކައިފިކަން! ނަވާ ބޭނުމިއްޔާ އަލީނާއަށް އިތުބާރުކުރެވިދާނެ! ނުވަތަ ބޭނުމިއްޔާ އަހަންނަށް އިތުބާރު ކުރެވިދާނެ!" ފާޒިލް ހިނގައިގަތެވެ. އެތަނުން ނިކުންނާށެވެ!
ނަވާރު އިނީ ބަލަހައްޓައިގެންނެވެ. ވާހަކަ ދައްކަން އިތުރަށް ނުކުޅެދިފައެވެ. ކުރަން ބޭނުން ކިތަންމެ ސުވާލެއް އޮތަސް ދުލާހަމައަށް ގެނައުމުގެ ބާރެއް ދުލުކުރިއަކު ނެތެވެ. ފާޒިލް ދިޔައީ އެވެ. އަނެއްކާވެސް ނަވާރުގެ ދެލޯ ތެމިގެން އައެވެ. އިތުބާރު ކުރަންވީ ކާކަށް ކަމެއް ނުކުރަންވީ ކާކަށް ކަމެއް ނަވާރަކަށް އަދިވެސް ޔަގީނެއްނޫނެވެ.
ގަޑިން ދަންވަރު ބާރަ ޖެހުމުން ފާޒިލް އެނބުރި ނަވާރު ގާތަށް އައެވެ. ނަވާރަށް ބޭނުންވާނެހެން ހީވާތީ ކުރުބާ ފެންފުޅިއަކާ ހޫނު ސޭންޑްވިޗެއް ވެސް ގެނައެވެ. އެހެންނަމަވެސް އޭރު ނަވާރު ނިދައިފިއެވެ. ފާޒިލް ޖެހިލީ ނަވާރުގެ ބޮލާ ކައިރިއަށެވެ. އަދި ފަރުވާތެރިކަމާއެކު ނަވާރުގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ! އެ މޫނުން ފާޒިލް ދަސްކުރަނީ ކޯއްޗެއްކަމެއް ނޭނގެއެވެ. އެނގޭކަމަކީ އެ މޫނުމަތިން ފާޅުވަނީ އުފާވެރި ކުލައެއް ނޫންކަމެވެ. އެންމެ ފަހުން ފާޒިލް ގުދުވެ ނަވާރުގެ ނިތުގައި އަތުގެ ނުފުށް ޖައްސައިލިއެވެ. އަދި އެ އަތްތިލަ ގެންގޮސް ނަވާރުގެ ކޮލުގައިވެސް ޖައްސައިލިއެވެ. އެ ލުއި ލުއި ހަރަކާތުގައިވަނީ ލޯތްބެވެ. އޯގާތެރިކަމެވެ.
ހޫނުކަން އިޙުސާސްވުމުން ނަވާރު ކުޑަކޮށް ހަރަކާތްކޮށްލުމަށްފަހު ދެލޯ ހުޅުވައިލިއެވެ. އޭރުވެސް ފާޒިލް އޮތީ ނަވާރުގެ މޫނާ ދިމާއަށް ކުޑަކޮށް ގުދުވެލައިގެންނެވެ. އެހާ ކައިރިން ފާޒިލްގެ މޫނު ފެނުމުން ނަވާރަށް ލިބުނީ ސިހުމެވެ. ކުއްލިއަކަށް ނަވާރު ތެދުވަން އުޅެގަތެވެ.
"ނަވާއަށް ގޮވަން މިއުޅެނީ! ހިނގަ އެއްޗެއް ބޯން! ސޭންޑްވިޗްކޮޅެއް ވެސް އެބަހުރި! އަދި ހަމަ ހޫނު! ކެވޭނެ ދޯ!" ނަވާރުގެ އަތްތިލަ ފާޒިލްގެ އަތުގެ ތެރެއަށް ލަމުން އޯގާތެރިކަމާއެކު ފާޒިލް ބުންނެވެ. މީގެ ކުރިން އެ ދެމެދުގައި އޮތް ނުތަނަވަސްކަން ފާޒިލް ހަނދާން ނައްތައިލި ކަހަލައެވެ.
ނަވާރަށް ބަލއިލެވުނީ ފާޒިލްއަށެވެ. އަދި ފާޒިލްގެ އަތުގެ ތެރޭގައިވާ ނަވާރުގެ އަތްތިލައަށެވެ! ދެން މަޑުމަޑުން ކުޑަކުއްޖަކުފަދައިން ބޯޖަހައިލިއެވެ.
"ގުޑް ގާރލް!" ފާޒިލް އުޅެގަތީ ނަވާރު ތެދުވަން އެހީވުމަށެވެ. ނަވާރުގެ ބޯދަށަށް އަތް ލައްވާލައި ތެދު ކުރުމަށްފަހު ބުރަކަށީގައި އިތުރު ބާލީހެއް ޖައްސައިދިނެވެ. ނަވާރު އިނީ ފާޒިލްގެ ފަރާތުން މިފެންނަ އޯގާތެރިކަމާ ގާތްކަމާ ހެދި ވާންވީ އުފާކަމެއް އަންނަންވީ ރުޅިކަމެއް ނޭނގިފައެވެ. އެނގޭކަމަކީ އެ ގާތްކަމަށް ހިތް އެދޭކަމެވެ.
"އިށީންނަންވީނު ގޮނޑީގަ!" އެނދުގެ މެދުގައި ނަވާރު ބޭންދުމަށްފަހު ފާޒިލް ބުނެލިއެވެ. ނަވާރަށް ބަލައިލެވުނީ ފާޒިލްގެ މޫނަށެވެ! ގޮނޑީގައި ނަވާރު އިށީންނަން ފާޒިލް ބުނި ސަބަބެއް ނޭނގުމުންނެވެ.
"އޭރުން ނަވާއަކަށް ތީ ބަލި މީހެއްކަމެއް އިހުސާސެއް ނުވާނެ!" ހަމަ އެ ރާގުގައި ފާޒިލް އޮޅުން ފިލުވައިދިނެވެ. ފާޒިލްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހަރަކާތެއް ނެތި އިން ނަވާރު އުޅެގަތީ ފާޒިލް އެދުނުފަދައިން ގޮނޑީގައި އިށީނުމަށެވެ. ނަވާރު ދިއްކުރި އަތުގައި ހިފައި ނަވާރުއަށް އެހީވެދީގެން ގޮނޑީގައި ނަަވާރު ބައިންދައި ދިނީ ވެސް ފާޒިލްއެވެ. އެއަށްފަހު ކަބަޑުން ބިއްލޫރިތަށި ނަގައި ފާޒިލް ގެނައި ކުރުބާ ފެން ފުޅިން އެއަށް ކުރުނބާފެން އަޅަން ފެށިއެވެ.
"ފާޒިލް ބޭނުމެއް ނުވޭތަ އަހަރެން ބަލިވެ އުޅޭކަށް!" ނަވާރުގެ އަޑު އިވުމުން ފާޒިލްގެ އަތަށް ހުއްޓުމެއް އައެވެ. އެހެންނަމަވެސް އެނބުރި ބަލައި ނުލައި ހުރެ ފާޒިލް ޖަވާބުދިނެވެ. ކުރަން ހުރި ކަމުގައި މަޝްޣޫލުވެ ހުރެއެވެ.
"އެއްގޮތަކަށްވެސް!... ލޯބިވާ އަނބިމީހާ ބަލި އެނދުގައި އޮށޯވެ އޮންނަން އެއްވެސް ފިރިއަކު ނެދޭނެ!" ފާޒިލްގެ ޖުމުލަ ތަކުރާރުވެގެން ނަވާރުގެ ކަންފަތުގައި ގުގުމަންފެށިއެވެ. އަސްލުވެސް ފާޒިލް ނަވާރު ދެކެ ލޯބިވޭހެއްޔެވެ! އެއީ ކޮންއިރަކު ވީކަމެއްހެއްޔެވެ!
"ފާޒިލް!" ނަވާރަށް ފާޒިލްގެ ނަމުން ގޮވައިލެވުނެވެ. ފާޒިލް އެނބުރުނީ އެއް އަތުން ކުރުބާފެންތައްޓާއެކު އަނެއް އަތުން ސޭންޑްވިޗް ހިފައިގެންނެވެ. އަދި ނަވާރަށް ކުރުނބާތަށި ދިއްކޮށްލުމުން ނަވާރު އެއަށް ބަލަަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އިސްޖަހައިލިއެވެ. ފާޒިލް ވެސް އެ ހުރިގޮތަށް ނަވާރުގެ ކުރިމަތީ ހުއްޓެވެ. ހަރަކާތެއް ނުކޮށެވެ.
"އަހަންނަށް މަޢާފުކުރޭ!" ނަވާރުގެ އަޑު ތުރުތުރުލައެވެ. ނަވާރުގެ ދެލޮލުން ފޭދިގެން ވެއްޓެން ތައްޔާރުވި ކަރުނަ ތިއްކަށް ފާޒިލް ބަލަން ހުރީ ހިނިތުންވެހުރެއެވެ.
ފާޒިލްގެ ދެއަތުގައި ހުރި އެއްޗެހި އަލުން ކަބަޑުމަތީ ބެހެއްޓުމަށްފަހު ނަވާރާ ވީފަރާތަށް ފާޒިލް އެނބުރިލިއެވެ. އަދި މަޑުމަޑުން ނަވާރުގެ ދެއަތްތިލާގައި ފާޒިލްގެ ދެއަތުން ހިފަހައްޓައިލިއެވެ. ދެން ބަހެއް ނުބުނެ ހަމައެކަނި ނަވާރުގެ މޫނަށް ނަޒަރުހުއްޓާލިއެވެ.
"ނަވާ! އަހަރެން ވަރަށް އުފާވެއްޖެ! ނަވާއަށް ވިސްނުނީތީ! އަހަންނަށް އިތުބާރުކުރީތީ! އިރާދަކުރެއްވިއްޔާ ތިކުރި އިތުބާރުގެ ސަބަބުން ދުވަހަކުވެސް ނަވާ ދެރަވާކަށް ނުޖެހޭނެ!" ފާޒިލް ޖެހިލީ ނަވާރާ ކައިރިއަށެވެ. ނަވާރު މަޑުމަޑުން ފާޒިލްގެ ބަނޑުގައި ނަވާރުގެ ނިތްކުރި ޖައްސައިލިއެވެ.
އަހަންނަށް އެނގޭ ފާޒިލް އަހަންނަށް ދެރަގޮތެއް ނަހަދާނެކަން! އެކަމަކުވެސް އެހެންމީހެއްގެ ވާހަކައަށް ހެއްލެވުނީ! ސޮރީ ... ދެން ދުވަހަކުވެސް އެކަހަލަ ޝަކުވާއެއް ނުކުރާނަން!" ނަވާރު ބޭނުންވީ ފާޒިލްއާ އިތުރަށްވެސް ކައިރިވެލުމަށެވެ. އެހެންނަމަވެސް ހާލަތު އެކަމަކަށް ތަނެއް ނުދެއެވެ. ނަވާރު ލަދުގަތީއެވެ.
ނަވާރުގެ އަތުން ދޫކޮށްލުމަށްފަހު ނަވާރުގެ މޫނުގައި ދެއަތުން ހިފައި ކައިރިކޮށްލާ ނަވާރުގެ ނިތުގައި ފާޒިލްގެ ނޭފަތް ޖައްސައިލިއެވެ. އަދި ދެން މަޑުމަޑުން ނަވާރު ގަޔާލާ ބޮނޑިކޮށްލިއެވެ. ދުވަހަކުވެސް ފާޒިލްގެ ފަރާތުން ނުފެންނަ މި ގާތްކަން ނަވާރު ބަލައިގަތީ ހިއްސުތަކަށް ކުރި އާދަޔާޚިލާފު މީރުކަމުގެ ސަބަބުންނެވެ.
ހެނދުނުގެ އިރު ފެނުންތޮޅިލިއިރު ވެސް ވާރޭކަނި ޖަހައެވެ. އެއީ ތެތްފިނި ހެނދުނެކެވެ. އޭސީގެ ފިންޏާ މޫސުމުގެ ފިނިކަމުން ނަވާރަށް ލިބިފައިވަނީ ހަމަޖެހުމެވެ. ކައިރީގައި ނިދިޖެހިފައި އިން ލޯބިވާ ފިރިމީހާގެ ބޮލުގެ އިސްތަށިގަނޑުގައި މަޑުމަޑުން ނަވާރު ފިރުމައިލިއެވެ. އާ އުންމީދުތަކެއް އުފަންވެފައިވާ ނަވާރުގެ ހިތް އެދި ގޮވަމުން ދިޔައީ މި ވަގުތުވެސް ފާޒިލްގެ ހޫނު ބީހިލުމަކަށެވެ!
މިއަދު އިންޑިޔާއަށް ނަވާރުގެ ބޭސްފަރުވާއަށް އެމީހުން ފުރާއިރު ނަވާރާ ފާޒިލް ވެސް އެ ވަނީ އެ ދެދަތުރަކަށް ތައްޔާރުވެފައެވެ. ހިތާ ރޫޙުންނެވެ.
ނިމުނީ
ނިމުނީ ދޯ. މާއަވަހަށް ނިމުނީމަ ވަރަށް ދެރަވޭ. ވަރަށް ރީތި ވާހަކައެއް މީ. ޝާހީނަގެ އާވާހަކައަކަށް އިންތިޒާރުކުރަން.
ޙަމަބެސްޓް .. ވ ވ ރީތި