އަލްއަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ ފައްޅިއެއް އެޅުމަށް އިސްރާއީލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އަލްއަޤްޞާ މިސްކިތުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ އަލްއަޤްޞާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ދީނީގޮތުންނާއި ތާރީޚީ ގޮތުން ވަރަށް މުހިންމު މިސްކިތެކެއްކަމަށާއި އެއީ އިސްލާމީ ތަރިކައިގެ ރަމްޒެއްލަމަށެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލްއަޤްޞާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިޙުތިރާމުކުރުމަށް އިސްރާއީލް ސަރުކާރަށް ޚާރީޖީ ވުޒާރާއިން ގޮވާލާފައިވެއެވެެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އިސްރާއީލު ސަރުކާރުގެ އިސް ވެރިން ދައްކަވާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރައި، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުޞަތު ބޮޑެވެގެންދާކަމަށެވެ.
އަދި ޤުދުސްއާއި އެތަނުގެ މުޤައްދަސް ތަންތަނުގެ ޤާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭފަދަ އެއްވެސް އަމަލެއް ހިންގުން ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެ ވުޒާރާއިން ގޮވާލާފައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުންދިނުންމަތީ ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަންވެސް ޚާރިޖީ ވުޒާރާއިން ދެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.
އެ ވުޒާރާއިން މި ބަޔާން ނެރުނީ އިސްރާއީލުގެ އަސްކަރީ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރު މިހާރު އެންމެ ކުރާހިތްވާ ކަމަކީ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ޔަހޫދީންނަށް ފައްޅިއެއް އެޅުމަށް ބޭނުންވާކަމަށް ހާމަކުރުމާ ގުޅިގެންނެވެ.