އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އަދި އިނގިރޭސްވިލާތުގެ މިލިޓަރީ އިންޓެލިޖެންސް ސެކްޝަން 6 (އެމްއައި 6) ގެ ވެރިން އެކުގައި ނެރުނު ބަޔާނެއްގައި، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ސުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައިފިއެވެ.

ފައިނޭންޝަލް ޓައިމްސްގައި ޝާއިޢުކުރި ލިޔުމެއްގައި، ސީއައޭގެ ޑިރެކްޓަރ ވިލިއަމް ބާންސް އާއި އެމްއައި 6 ގެ ޗީފް، ރިޗަރޑް މޫރ ވަނީ، އެ ސަރަަޙައްދުގައި ހަރުކަށި ފިޔަވަޅުތައް މަޑުޖައްސާލުމަށާއި އަނިޔާވެރިކަން ހުއްޓުމަކަށް ގެނައުމަށް އިންޓެލިޖެންސް ޗެނަލްތައް މެދުވެރިކޮށް މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ. މި ދެ އިންޓެލިޖެންސް އިދާރާގެ ވެރިން ވިދާޅުވެފައިވަނީ، ހަނގުރާމަ ހުއްޓާލުމުން ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރެވި، 11 މަސްދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ރަހީނުން ދޫކޮށްލެވިދާނެ ކަމަށެވެ. ސުލްޙައިގެ މަޝްވަރާތަކުގައި އަބަދުވެސް ބައިވެރިވަމުންދާ ބާންސް ދާދި ފަހުން ވަނީ މިސްރަށް ދަތުރެއް ކޮށް، ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާއި ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ކުރިއެރުމެއް ނުލިބުނު ނަމަވެސް، އެމެރިކާގެ އިސްވެރިން ބުނެފައިވަނީ ޙައްލަކާއި ކައިރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ކުރިއެރުމެއް ލިބިފައިވާކަމުގެ ޚަބަރުތައް ދޮގުކޮށްފައެވެ.

އިސްރާއީލަށް އެއްބާރުލުން ދިނުމުގައި ދެމިއޮތް ނަމަވެސް، ޔޫކޭ އިން ވަނީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށް، ބައެއް ހަތިޔާރުގެ އެކްސްޕޯޓްތައް ހުއްޓުވާފައެވެ.