ނ. ހޮޅުދޫގެ ގެއަކުން ދިވެހި އަންހެނެއް ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި މިއަދު ހެނދުނު 10:10 ގައި ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކާއެކު އަންހެނެއްގެ ހަށިގަނޑު އޮތް ކަމުގެ މަޢުލޫމާތު ލިބުނެވެ. މި މަޢުލޫމާތާ ގުޅިގެން ފުލުހުން ވަނީ އެ ގެއަށް ގޮސް އެ މީހާ ރަށުގެ ޞިއްޙީ މަރުކަޒަށް ގެންގޮސްފައެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި، މަރުވެފައިވަނީ ނ. ހޮޅުދޫ / މާރަނގަ، ޒަކިއްޔާ މޫސާ މަނިކު (50 އަހަރު) ކަމަށް ދެނެގަނެވުނެވެ. އަދި ޞިއްޙީ މަރުކަޒާ ހަވާލާދީ އެ ފަރާތް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

މި ހާދިސާއާ ގުޅޭ ތަޙުޤީޤު މިހާރު ކުރިއަށްދާއިރު، އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.