ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(މިއީ 2004 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އިންޓަރނެޓްގައި ދައުރު ވަމުންދާ ލިޔުމެކެވެ. އެންމެ ފުރަތަމަ މި ލިޔުން ފެނުނު ކަމަށް ވަނީ މެލޭޝިއާގެ ނިވްސްގްރޫޕަކަށެވެ. އެ ގްރޫޕަށް ލިޔުން ލިބުނީ އީމެއިލްގެ ޒަރީޢާއިންނެވެ. އެކަމަކު ލިޔުނީ ކާކު ކަމެއް އެނގޭކަށް ނެތެވެ. ލިޔުނު މީހެއްގެ ނަމެއް އަދިވެސް ނޭނގެއެވެ. މިއީ އެ ލިޔުމުގެ އަވަސް ތަރުޖަމާއެކެވެ.)

އެއް ރެޔަކު ގެއަށް އައިސް ރޭގަނޑު ކާން ތިބެފައި، އަހަރެން އަނބިމީހާޔާ ދިމާއަށް ބުނެލީމެވެ. “އަހަރެން ބޭނުމީ ވަރި ވާން-” އަހަރެންގެ ވާހަކައިން އޭނާ ރުޅި އައި ކަމެއް ނޭނގެއެވެ. އޭނާ ކުރިހައިވެސް ކަމަކީ ވަރަށް މަޑުމަޑުން ކީއްވެގެން ހެއްޔޭ އަހައިލުމެވެ. އަހަރެން އެ ސުވާލު ނީވޭ ކަމަށް ހަދައިލީމާ އޭނާގެ ގާތަށް ރުޅި އަތުވެއްޖެއެވެ. އޭނާ ކާން އިން ދަނޑިކޮޅު (ޗޮޕްސްޓިކް) އެއްލައިލުމަށް ފަހު ބުންޏެވެ. “ކަލެއަކީ ފިރިހެނެއް ނޫން-!” އެ ރޭ އޭގެ ފަހުން އަހަރެމެން ދެ މީހުން ވާހަކައެއް ނުދައްކަމެވެ. އޭނާ ރުއީއެވެ. އަހަރެމެންގެ ކާވެނި ރޫޅެން މެދުވެރިވީ ސަބަބަކީ ކޮބައިކަން އޮޅުން ފިލުވާން އޭނާ ބޭނުން ކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން އޭނާއަކަށް އެދެވޭ ޖަވާބެއް ނުދެމެވެ. މިހާރަކު އަހަރެން އޭނާ ދެކެ ލޯތްބެއް ނުވަމެވެ. އަހަރެންގެ ހިތުގައި އޮތީ ހަމައެކަނި ހަމްދަރްދީއެވެ. އަހަރެންގެ ހިތް މިހާރު ވަނީ ޖޭން އަށް ދެވިފައެވެ.

ކުށެއް ކުރެވުމުގެ އިޙްސާސެއްގައި ހުރެގެން އަހަރެން ވަރީގެ އެއްބަސްވުން ލިޔެފީމެވެ. އެއްބަސްވުމުގައި އަހަރެން ލިޔުނީ ގެއާއި ކާރާއި، އަހަރެންގެ ކުންފުނީގެ ތިރީސް އިންސައްތަ އޭނާއަށް ލިބޭ ގޮތަށެވެ. އޭނާ އެ އެއްބަސްވުން ބަލައިލައިފައި ވީދައިލިއެވެ. އަހަންނާއެކު ދިހަ އަހަރު ހޭދަ ކުރި އަންހެންމީހާ މިހާރު ވަނީ ބީރައްޓެއްސަކަށް ވެފައެވެ. އަހަންނާއެކު އޭނާ ހޭދަ ކުރި ދިހަ އަހަރަކީ އޭނާގެ ވަގުތާއި، ވަސީލަތްތަކާއި، ހަކަތަ ބޭކާރު ކޮށްލުމޭ ހިތަށް އެރީމާ އަހަރެން ދެރަ ވިއެވެ. އެކަމަކު އަހަރެން ދެއްކި ވާހަކަ އަނބުރައި ގެނައުމަކީ އަހަނަންކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާ އެންމެ ފަހުން އަހަރެންގެ ކުރިމަތީގައި އަޑުން އަޑު ނަގައި ރޯން ފަށައިފިއެވެ. އެއީ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައިވެސް ވެދާނޭ ކަމެއް ކަމަށް އަހަރެން ހީކޮށްގެން ހުރި ކަމެކެވެ. ވަރީގެ ވާހަކައަކީ ޙަޤީޤަތެއް ކަމުގައި އިޙްސާސް ކުރެވެން ފެށްޓީ އަދި ކިރިޔާއެވެ.

އެ ދުވަހު އަހަރެން މަސައްކަތް ނިމިގެން ގެއަށް އައީ ވަރަށް ތަންކޮޅެއް ފަހުންނެވެ. އަހަރެން އައި އިރު އޭނާ މޭޒު ދޮށުގައި ކޮންމެވެސް އެއްޗެއް ލިޔާން އިނެވެ. އަހަރެން އެރެޔަކު ނުކަމެވެ. އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ، އޮށޯވެ، ނިދީއެވެ.

ވަރިވާން އޭނާ ގަބޫލު ކުރާ ޝަރުޠުތައް އަނެއް ދުވަހު ހެނދުނު އަހަންނަށް ހުށަހަޅައިފިއެވެ. އަހަރެންގެ އަތުން އެއްވެސް އެއްޗެއް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވީ ކުރިއަށް އޮތް އެއް މަސް ދުވަހު ދެ މީހުން އެކީގައި އާދައިގެ ދިރިއުޅުމެއް އުޅޭށެވެ. ސަބަބު ވަރަށް ސާފުކޮށް ބުނެ ދިނެވެ. ދެ މީހުންގެ ކުޑަ ފިރިހެން ދަރިފުޅުގެ އިމްތިޙާނު ފަށްޓާން މަސް ދުވަހަށް ވެއްޖެއެވެ. އެހެންވީމާ ދެމަފިރިން ވަކިވުމުގެ ސަބަބުން ދަރިފުޅަށް އޭގެ އަސަރެއް ކުރާ ގޮތް ވާން އޭނާ ބޭނުން ނުވީއެވެ.

އަހަރެމެންގެ ކާވެނި ކުރި ދުވަހު އޭނާ އަތްދަނޑި މައްޗަށް ނަގައިގަނެގެން އަހަރެން ކޮޓަރިއަށް ގެންދިޔަ ގޮތް ހަނދާނަށް ގެންނާން އޭނާ އެދުނެވެ. ދެން އޭނާ އެދުނީ ކުރިއަށް އޮތް މަސް ދުވަހު، ކޮންމެ ދުވަހަކު ހެނދުނު ތެދުވާ ގޮތަށް އެ ގޮތަށް އޭނާ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގޭ މައި ދޮރާ ހަމަޔަށް ގެންގޮސް ދޭށެވެ. އޭނާގެ ބުއްދި ފަސްވީއޭވެސް އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު އެކީގައި އުޅޭން އޮތް އެންމެ ފަހު ދުވަސްކޮޅު ދެ މީހުންނަށްވެސް ހަމަޖެހިލައިގެން އުޅެވޭނީ އެގޮތާ ރުހުނީމައޭ ހިތަށް އަރައިފައި، އެއްބަސް ވެއްޖައީމެވެ.

ފުރަތަމަ ދުވަހު އޭނާ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގެންދާން ވީމާ އުނދަގޫ އިޙްސާސްތަކެއް ކުރެވުނެވެ. އެ އިޙްސާސްތައް އޭނާއަށްވެސް ކުރެވޭނޭކަން ގައިމެވެ. އެކަމަކު އަހަރެމެން ދެމީހުންގެ ކުޑަ ދަރިފުޅަށް އެކަން ވެގެން ދިޔައީ އުފާވެރި ކަމަކަށެވެ. އޭނާ އަތްތިލަބަޑި ޖަހަމުން، ރާގަކަށް ކިޔަމުން ދިޔައެވެ. “މަންމަ އުރައިލައިގެން ބައްޕަ ދަނީ…” ދަރިފުޅުގެ ގޮވެލިފަތީގެ ސަބަބުން އަހަރެންގެ ހިތުގައި ހިތާމައިގެ ރާޅެއް ނެގިއެވެ. އަހަރެން އަނބިމީހާ އަތްދަނޑި މައްޗަށް ނަގައިގަނެގެން ނިދާ ކޮޓަރީން ނުކުމެގެން، ބޮޑު ކޮޓަރި ތެރެއިން ލައިފައި، ބޭރު ދޮރާ ހަމައަށް އަތުވެއްޖައީމެވެ. ދޮރާ އަރައި ހަމަވީ ވަގުތު އޭނާ ލޯ މަރައިލައިފައި މަޑުމަޑުން ބުނެލިއެވެ. “ވަރީގެ ވާހަކަ ދަރިފުޅު ގާތު ނުބުނާތި-!” އަހަރެން ބޯ ޖަހައިލައިފައި، އޭނާ ބިންމަތީގައި ބަހައްޓައިފީމެވެ.

ވިދިގެން އައި ދުވަހު ކުރީ ދުވަހު ކުރެވުނު ކަހަލަ އުނދަގޫ އިޙްސާސްތަކެއް ދެ މީހުންކުރެ މީހަކަށް ނުކުރެވެއެވެ. އޭނާ އަހަރެންގެ މޭމަތީގައި އޭނާގެ ބޯ ޖައްސައިލިއެވެ. އޭނާގެ ހެދުމުން އަރާ ވަސް އަހަރެންގެ ނޭފަތުގައި ޖެހުނެވެ. އަހަރެން އޭނާޔާ ދިމާއަށް ބަލައި ނުލާތާ ވަރަށް ގިނަ ދުވަސް ވެއްޖެއޭ އެ ވަގުތު ހިތަށް އެރިއެވެ. އެއީ މިހާރަކު ޒުވާނެއް ނޫނެވެ. މޫނުމަތީގައި ކުދި ރޫ ޖެހިފައި އެބަހުއްޓެވެ. ބޮލުގައި ނުރަ ޖަހައިފިއެވެ. އެއީ ހައްތަހާވެސް އަހަރެމެންގެ ކައިވެނީގެ ފަހުން ވެފައި ހުރި ކަންތައްތަކެވެ. އަހަރެން އޭނާއަށް ޖައްސާފައި މިހިރީ ކޮން ފަދަ ހާލެއް ބާވައޭ ހިތަށް އެރިއެވެ.

ހަތަރު ވަނަ ދުވަހު އަހަރެން އޭނާ އަތްދަނޑި މައްޗަށް އުފުލައިލުމާއެކު ގާތްކަން އެނބުރި އަންނަ ކަމުގެ އިޙްސާސް ކުރެވިގެން ދިޔައެވެ. މިއީ ދިރިއުޅުމުގެ ދިހަ އަހަރު އަހަންނަށް ވަގުފު ކުރި އަންހެން މީހާއެވެ. (އަހަރެންގެ ހިތަށް އެރިއެވެ.) ފަސްވަނަ ދުވަހާއި، ހަވަނަ ދުވަހު މި ދެންނެވުނު ގާތްކަން ބޮޑު ވެގެން ދިޔައެވެ. ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް އޭނާ ނަގައިގަނެގެން ގެންދިއުން ފަސޭހަ ވަމުން ދިޔައެވެ. ކުއްލިއަކަށް އަހަންނަށް އިޙްސާސް ކުރެވުނު ގޮތުގައި އޭނާ މިހާރު ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަ ވެފައެވެ.

އެއް ދުވަހަކު ހެނދުނު އަހަރެންގެ ހިތަށް އެރިއެވެ. މާ ބޮޑު ފިކުރަކާ ނުލައި، އޭނާގެ ހިތުގައި ހާދަހާ ބޮޑެތި ހިތާމަތަކެއް ފޮރުވައިގެން އެބަ ގެންގުޅެއެވެ. އަހަރެން މަޑުމަޑުން އޭނާގެ ބޮލުގައި އަތް ޖައްސައިލީމެވެ. އެ ވަގުތު އަހަރެމެންގެ ދަރިފުޅު އެތަނަށް ވަދެފައި ބުންޏެވެ. “ބައްޕާ- މަންމަ އުރައިލާ ގަޑި ޖެހިއްޖެ-” ބައްޕަ އޭނާގެ މަންމަ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގޭގެ މައި ދޮރާ ހަމައަށް ގެންދާ މަންޒަރަކީ އޭނާ އާދަކޮށް ކޮންމެ ދުވަހަކު ހެނދުނު ދެކޭ މަންޒަރަކަށް ވަނީ ވެފައެވެ. އަހަރެންގެ އަނބިމީހާ އަތުގެ އިޝާރާތުން ދަރިފުޅު ގާތަށް ގެނެސް ގަޔާ ކައިރިކޮށް ފިއްތައިލިއެވެ. އަހަރެން ދުރަށް ބަލަން ފަށައިފީމެވެ. އެއީ ޚިޔާލު ބަދަލު ވެގެން ހިނގައިދާނެތީ ކުޅަ ކަމެކެވެ. އަހަރެން އޭނާ އަތްދަނޑި މައްޗަށް ނަގައިގަނެގެން ހިނގައިގެންފީމެވެ. އޭނާ ކޮންމެ ދުވަހަކުގެ އާދައިގެ މަތީން އަހަރެންގެ ކަރުގައި ދެއަތް އަޅުވައިލިއެވެ. އަހަރެން އޭނާގެ ގައިގައި ތަންކޮޅެއް ބާރަށް ހިފަހައްޓައިލީމެވެ. އަހަރެމެންގެ ކާވެނީގެ ދުވަހު ކަންތައް ކުރި ގޮތަށެވެ.

އެންމެ ފަހު ދުވަހު އޭނާ އަތްދަނޑިމައްޗަށް ނަގައިގަނެގެން ހިނގައިގަތުން އަހަންނަށް ވީ ތަންކޮޅެއް ދަތި ކަމަކަށެވެ. އަހަރެން ކަންތައް ކުރަންވީ ގޮތް އޭރު އޮތީ ވިސްނި ނިމިފައެވެ. އެ ދުވަހު އަހަރެންގެ ޖޭންގެ ގެއަށް ގޮސް އޭނާޔާ ބައްދަލު ކޮށްފައި ބުނީމެވެ. “ވަރަށް ބޮޑަށް މަޢާފު ކުރޭ- އަހަރެންގެ އަނބިމީހާ ވަރި ކުރާކަށް ބޭނުމެއް ނޫން-“

އަހަންނަށް ހުރިހައި ކަމެއް ސާފު ވެއްޖެއެވެ. ކާވެނި ކުރި ދުވަހު އަހަރެން އަނބިމީހާ ގެއަށް ވެއްދީ އަތްދަނޑިމަތީގައެވެ. އަހަންނަށް ޖެހޭނީ މަރު އައިސް ބައްދަލު ކުރުމުގެ ސަބަބުން ދެ މީހުން ވަކިވާންދެން އޭނާ އުފުލާށެވެ. އެނބުރި ގެއަށް އައި މަގުމަތީގައި އަހަރެން އަނބިމީހާއަށް ދޭން މާބޮނޑިއެއް ގަނެފީމެވެ. މާބޮނޑީގައި ލިޔާނީ ކީކޭތޯ އެހީމާ އަހަރެން ހިނިތުން ވެލައިފައި ބުނެލީމެވެ. “މަރު އައިސް ބައްދަލު ކުރުމުގެ ސަބަބުން ދެ މީހުން ވަކިވާންދެން، ކޮންމެ ދުވަހަކު ހެނދުނު އަހަރެން ކަލާ އަތްދަނޑިމަތީގައި އުފުލާނަމެވެ.”

އަހަރެން ގެއަށް އަތުވެއްޖައީމެވެ. ހެސްކިޔާފައި ހިނިތުން ވަމުންނެވެ. އެކަމަކު އޭރު މާ ލަސްވެއްޖެއެވެ. އަހަރެން ބޭރުގައި އުޅެނިކޮށް އަންހެނުން މި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. ފަހުން އެނގުނު ގޮތުގައި ކެންސަރުގެ ބަލީގައި އޭނާ އުޅޭތާ ދެތިން މަސް ދުވަސް ވެއްޖެއެވެ. އެކަމަކު އަހަންނަކަށް އެކަމެއް ނޭނގެއެވެ. އަހަރެން އަވަދި ނެތި އުޅުނީ ޖޭން އާ އެކުގައެވެ. ވަރަށް އަވަހަށް މަރު ވާނޭކަން އޭނާއަށް އެނގެއެވެ. އެކަމަކު ވަރިއާއި، ބަލީގެ ސަބަބުން ދަރިފުޅަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ އޭނާ އެކަން ސިއްރު ކޮށްގެން ހުރީއެވެ. އަހަރެމެންގެ ދަރިފުޅު ދެކޭ ގޮތުގައި އަހަންނަކީ އަނބިމީހާ ދެކެ ނިހާޔަތަށް ލޯބިވީ ފިރިއެކެވެ. އެންމެ ފަހު ދުވަހުވެސް އަނބިމީހާ އަތްދަނޑިމައްޗަށް ނަގައިގަނެގެން ގެންދިޔަ މަންޒަރު އޭނާ ދެކޭނެއެވެ.

އިހަށް އަހަރެން ދެކެމުން އައި ގޮތާ ޚިލާފަށް، މިހާރު ގަބޫލު ކުރެވޭ ގޮތުގައި ދިރިއުޅުމުގައި ހިނގާ ކުދިކުދި ކަންތައްތަކަކީ ވަރަށް މާނަ ފުން، ބޮޑެތި ކަންތައްތަކެވެ. އިހަށް އަހަރެން ދެކޭ ގޮތުގައި އެއީ ފޫހިކުރިވަނިވި، އާދައިގެ ކަންކަމެވެ. ޙަޤީޤަތުގައި ކާރާއި، ބޮޑެތި ގެއާއި، މުދަލާއި، ބޭންކުގައި ރައްކާ ކޮށްފައި ހުރި ފައިސާއަށްވުރެ އެފަދަ ކުދިކުދި ކަންތައްތައް މާ މުހިއްމެވެ. މާއްދީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން އުފާވެރި މާއްދީ މާޙަވްލެއް ގާއިމު ކުރެވިދާނެއެވެ. އެކަމަކު އެއީ އުފާވެރިކަން ލިބިގަނެވޭނޭ ވަސީލަތްތަކެއް ނޫނެވެ.

އެހެންވީމާ ލޯބިވެރިޔާގެ ރަޙްމަތްތެރިއަކަށް ވާން ވަގުތުކޮޅެއް ހޯދާށެވެ. ގާތްކަން އުފެދި ހަރުދަނާ ވަމުންދާ ކަހަލަ ކުދިކުދި ކަންތައްތައް ކޮށްލާނޭ ވަގުތުވެސް ހޯދާށެވެ.

ބައެއް ކަހަލަ ކަންތައްތައް ދޫކޮށްލީމާ ލިބޭ ކާމިޔާބީގެ ބޮޑުކަން ބައެއް މީހުންނަކަށް ނުވިސްނެއެވެ.