އެގޭ ދައްތަ ކުއްލިއަކަށް ނިޔާވުމަކީ، އަހަންނަށް ލިބުނު ކުއްލި ސިހުމެކެވެ. ކުރި ފުން އަސަރެކެވެ. އެގޭ ދައްތައަކީ، އެފަދަ ދެވަނައެއް ނެތް ހެޔޮ ދައްތައެކެވެ. އަހަރެމެންގެ މަންމަ ނިޔާވީ ފަހުން އެގޭ ދައްތަ ކުރިއްސުރެ ބާއްވަމުން ގެންދިޔަ ހެޔޮކަމަށްވަނީ، އެތައް ގުނައެއް އިތުރު ވެފައެވެ. އެގޭ ދައްތަ ކޮންމެ ދުވަހަކުވެސް ތިން އަހަރު ފަހަރު އަހަރެމެން ގެއަށް ވަންނާނެއެވެ. އަހަރެމެން ނަމާދު ކުރޭތޯ ސުވާލު ކުރާނެއެވެ. ކައިފިންތޯ އަހާނެއެވެ. ރޭގަނޑު 10 ޖަހާކަންހާއިރު އައިސް ދޮންބެ ކޮބައިތޯވެސް އަހާނެވެ. އަހަރެމެން 3 ކުދިން ބަސް އަހައިގެން ރީތިކޮށް އުޅޭތީ ވަރަށް އުފާވާކަމަށާއި އަހަރެންމެންނަށް ރަނގަޅުގޮތް ވުމަށް އެދޭ ވާހަކަ އަބަދުވެސް ދައްކާނެއެވެ.

އެގޭ ދައްތައަކީ ވެސް ކުޑަ އާއިލާގެ މަންމައެކެވެ. އެ ދައްތަގެ ހުންނަނީ އެންމެ ކުއްޖެކެވެ. އޭނާ ހުންނަނީ ޢުމުރުން 12 އަހަރުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާށެވެ. މިހާރު އޭނާގެ އުމުރުންވެސް 18 އަހަރު ވެއްޖެއެވެ. ރާއްޖެއަންނަނީ ވަރަށް މަދުންނެވެ. އަހަރެމެންގެ ހަނދާނުގައި އޭނާ އަދި ރާއްޖެއައީ، އެންމެ 3 ފަހަރުއެވެ. އެގޭ ދައްތަގެ ފިރިމީހާއަކީ، މާރުކޭޓުގައި ކުޑަގޮޅިއެއް ހިންގާ މީހެކެވެ. ދައްތަ ބުނާގޮތުން ފަތިސް ނަމާދުން ފައިބައިގެން ދާގޮތަށް އެނބުރި އަންނާނީ، ރޭގަނޑު ނުވައެއް، ދިހައެއް ޖަހައިދާ ފަހުންނެވެ. އެގޭ ބޭބެ ވަރަށް ބަލިވެގެން ގޭގައި އޮތް ދުވަހަކު ނޫނީ ދުށް ހަނދާނެއް ނުވެއެވެ. އެ ބޭބޭގެ މަސައްކަތުން ލިބޭހައި އެއްޗެއް ފޮނުވަނީ، އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު ރިސާލަށެވެ. އޭނާ ހުންނަނީ، އެ ބޭބެގެ ދުރުތާ ތިމާގެ މީހެއްގެ ކައިރީގައި މެލޭޝިޔާގައެވެ.

އެހެންކަމަށް ވުމާއެކު އެގޭ ދައްތަ އަހަރެމެންނާމެދު ދެކެނީ ދައްތަގެ ކުދީން ކަމުގައެވެ. އެގޭ އުނދުނުން ކެކޭ، އެގޭގައި ތައްޔާރުކުރެވޭ، އަދި އެގޭގެ ހަތަރު ފާރުން އެތެރެވާ ކޮންމެ އެއްޗަކުން ބައެއް އަހަރެމެންނަށް ލިބެއެވެ. ކޮޕީ ފަތެއް ލިބުނަސް އެއްފަޅި ގެނެސްދެއެވެ. އިއްޔެވެސް އެގޭ ދައްތަ ހެނދުނު ހެނދުނާ އައީ، އަނބެއް ފަޅައިލައިގެން އޭގެ އޮށްފަޅި ހިފައިގެންނެވެ. އަހަރެމެންނަށް ހުތްއަނބާ ރިހާކުރަކީ ވަރަށް މީރު އެއްޗެއްކަން އެނގޭތީ، އަނބެއް ލިބުމުން، އެއްފަޅި ގެނެސް ދިނީއެވެ. އަނބުފަޅިއެއް ގެނެސްދީފައި އެގޭދައްތަ ބުނެލިއެވެ.

” މިއީ ދައްތަ މުގުރިހަ ކާހިތުން ބުނީމާ ބޭބެ ގެނެސް ދިން ހުތް އަނބެއް، މުގުރިހަ ފޮދެއް ކައްކާލަން އަނބުފޮއްޗެއް ނަގާފައި، ތިކުދީން ހުތްއަނބު ކާހިތުން އުޅޭތީ މި އަނބުފަޅި ގެނެސްދިނީ”

ހިތާމަ ހުއްޓެވެ. އެއީ، އިއްޔެ އެވެ. މިހާރު މިއީ، މިއަދެވެ. އެގޭ ދައްތަގެ ފުރާނަނެތް މަސްގަނޑު މިއޮތީ އާ ސަހަރާގެ ހިނަވާއަށި މަތީގައެވެ. މަންމަގެ ލޯބިން މަޙުރޫމް ވީ ދުވަހުން ފެށިގެން މިވޭތުވެދިޔަ 3 އަހަރު މަންމައެއް ނޫން ނަމަވެސް މަންމައެއް ފަދައިން އަހަރެމެންދެކެ ލޯބިވީ، އަހަރެމެންވެސް އެމީހަކު ދެކެ ލޯބިވި ފަހުގެ މަންމައަކީ އެއީއެވެ.

މަންމައާއި ބައްޕަ ނިޔާވީ އިރު އަހަރެމެން 3 ބެއިން “ބޮޑުވެފައި” ތިބި ނަމަވެސް ޢާއިލީ މާ ގާތް ބަޔަކު މާލޭގައި ނެތުމުން އިޙްސާސްކުރަން ޖެހުނީ އެކަނިވެރިކަމެވެ. ސައިކަލު އެކްސިޑެންޓެއްވެ ބައްޕަގެ ކުއްލި ނިޔާވުމާއި ގުޅިގެން ޢާއިލާއަށް ލިބުނު ފުން ހިތާމައިގައި ހައެއްކަ މަސްވެސް ނުވަނީސް އެ ހިތްދަތިކަމުގެ ބަލީގައި މަންމަ ނިޔާ ވުމަކީ، 3 ކުދީންގެ ޒުވާން މި ޢާއިލާ އެކަނިވުމެވެ. އެންމެ ދޮށީ ދޮންބެއަށް 20 އަހަރު ވީނަމަވެސް އަހަރެންނަށް އަދި ކިރިޔާ 18 އަހަރު ވީއެވެ. ކޮއްކޮއަށް އަދިވީ 15 އަހަރެވެ. ޢާއިލާގައި އިސް މީހަކީ ޒުވާން ދޮންބެއެވެ. ދޮންބެއަށް ފުދޭ ވަރެއްގެ މުސާރައެއް ލިބުމަކީ، އަހަރެމެންގެ ނަސީބެވެ.

އަހަރެމެންގެ މަންމައަކީ، ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ރަށުގައި މަންމަގެ ޢާއިލާއިން މިހާރު ތިބީ މަންމައާއި ދެބެންގެ ދެދަރި 2 މީހަކާއި އެމީހުންގެ ކުދީންނެވެ. އެއިން މީހަކަށް މާލެއަށް އާދެވޭ ފަހަރަކު ގެއަށް ވަދެލުން ފިޔަވައި އެހެން ގުޅުމެއް ނޯވެއެވެ.

ބައްޕަގެ ޖަނާޒާއަށް އާ ސަހަރާގައި ތިބި އިރު މަންމައަށް ވަމުން ދިޔަގޮތް މިހާރުވެސް ލޮލަށް ފެންނަމުން ދެއެވެ. އަދި އޭގެ ފަހުން ހައެއްކަމަސް ވެސް ނުވަނީސް މަންމަ ނިޔާ ވުމުން، ކޮއްކޮއާއި ދޮންބެއަށް ވަމުންދިޔަ ގޮތްވެސް ހިތަކުން ނުފިލައެވެ. ދޮންބެއަކީ، މަންމަދެކެ އިންތިހާއަށް ލޯބިވީ ކުއްޖެކެވެ. އަހަރެންނަށް އެ ދެ ފަހަރު ވެސް ލިބުނު ކެތްތެރިކަމަށް ޓަކައި މާތްﷲ އަށް ޙަމްދު ކުރަމެވެ.

ނަމަވެސް، މިއަދު އަހަރެންނަށް މިކުރަނީ، ހާދަފުން އަސަރެކެވެ. އެގޭ ދައްތަ ނިޔާވުމުގެ އަސަރާއި ކުރީ ދެ ފަހަރު ލިބުނު ކެތްތެރިކަން ވެސް މިއަދު މިވަނީ ކޮޅުން ލައިފައެވެ. ބައްޕައާއި މަންމަގެ ނެތުމުގެ ހިތްދަތިކަން އިހުސާސުވަނީ އެވެ. އެގޭ ދައްތަގެ އޯގާތެރިކަން ހަނދާން ވަނީއެވެ.

މިއަދު، އެންމެ އަސަރާއެކު ގިސްލެވޭ ހާލުގައި ދޮންބެ ގާތުގައި ބުނެލެވުނީ، “ދޮންބޭ! ދެން އަހަރެން ސަހަރާއަކަށް، ނާންނާނަން! ދެން އަހަރެން ސަހަރާއަށް ގެންނަންވާނީ އެނބުރި ގެއަށް ނުދާ ގޮތަށް. މި ހިތާމަވެރި ހަނދާންތަކަކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެ.” މިހެންނެވެ.