އަހަރެންގެ އަންހެނުން ސަލީމާއަކީ ވަރަށް ރީތި މީހެކެވެ. އިސްކޮޅުން ދިގު، އުޅުން ހުރި ރަނގަޅު މީހެކެވެ. މި ބުނަނީ އަހަރެން މިއީ ނުބައި މީހެއްކަމަށް އެއްބަސްވާ ވާހަކައެއް ނޫނެވެ. އަހަރެންނަކީ ވެސް ނުބައި މީހަކީމެއް ނޫނީމެވެ. ރީތި، ހުތުރުގެ ވާހަކަދައްކާކަށް ނޭނގެއެވެ. އެހެންނަމަވެސް ހަމަ ޔަގީނުން ވެސް އަހަރެން މިއީ ނުބައި މީހެއްކަމަކަށް ނުވާނެއެވެ.

ސަލީމާ އާއި އަހަރެންނާ ފުރަތަމަ ބައްދަލުވީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އަހަރެންނަށް އޭނާ ފެނުނީ ރެސްޓޯރަންޓެއްގައި ސަމުސަލަކުން ސްޕެގަޓީ ކާން މަސައްކަތްކުރަނިކޮށެވެ. މިއީ ދެ މީހަކު ބައްދަލުވެގެން ކާވެންޏަކާ ހަމައަށް ދާވަރުގެ ސަބަބެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ސްޕެގަޓީ ކާން އެންމެ ފަސޭހަވާނީ އުލަކުންނޭ އަހަރެން ބުނީމެވެ. އެ ނޫން ވާހަކައެއް ނުދައްކަމެވެ. ވާހަކަ ދައްކާނޭ ފުރުޞަތެއް ވެސް ނެތީ އެވެ.

އޭގެ ފަހުން ވަރަށް ގިނައިން ދެމީހުން ބައްދަލުވެއެވެ. އަހަރެން ފެނުމާއެކު އޭނާ ހިނިތުންވެލައެވެ. އެއީ އަހަރެންގެ މަތިން ހަނދާންވީމާ ކުރާ ކަމެއްކަމެއް، ނުވަތަ ސްޕެގަޓީ ކާން އުޅުނު ގޮތް ހަނދާންވީމާ ކުރާކަމެއްކަމެއް ނޭނގެއެވެ.

ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ރެސްޓޯރަންޓަކުން އޭނާޔާ ބައްދަލުވެއްޖެ އެވެ. މިފަހަރު ދިމާވީ ވާހަކަދެއްކޭ ކަހަލަ ގޮތަކަށެވެ. އޭނާ ވެސް ހުރީ އެކަންޏެވެ.

“މިއަދު ވެސް ތިޔަ އައީ ސްޕެގަޓީ ކާންތަ-؟” އަހަރެން އަހައިލީމެވެ.

އޭނާ ހީނގަތެވެ. “މިހާރު ކާން އެނގޭ- އެހެންވީމާ މައްސަލައެއް ނެތެއްނު؟”

އަހަރެން ބޯޖަހައިލީމެވެ.

މިއީ ވާހަކަ ފެށުނު ގޮތެވެ. ކުރީން ވެސް ބުނި ފަދައިން ފުރަތަމަ ބައްދަލުވީ އޭނާ ސްޕެގަޓީ ކާން އުޅެނިކޮށެވެ. މި ފަހަރު ވާހަކަދައްކާނޭ ދޮރުހުޅުވުނީ ސްޕެގަޓީންނެވެ. އެކަމަކު އަހަރެންގެ ދިރިއުޅުން ފަހުން، ސްޕެގަޓީ ގަނޑެއްކަހަލަ އޮޅުންބޮޅުންގަނޑަކަށް ވެދާނެއެކޭ އޭރަކު ހިތަކަށް ނާރައެވެ.

ދެ މީހުންގެ ވާހަކަ މަޑުމަޑުން ގޮސް އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާ ގުޅިއްޖެ އެވެ.

އޭނާއަކީ ބާ އަތޮޅު އޭދަފުށީ ކުއްޖެކެވެ. ވަރަށް ކުޑަ އިރު ބައްޕަ މަރުވެއްޖެ އެވެ. ބަލައި ބޮޑުކުރީ މަންމަ އެވެ. މަންމައަކީ މިހާރު ބަލި މީހެކެވެ. ސިކުނޑީގެ ކޮންމެވެސް ބައްޔަކަށް ބޭސްކުރާތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ. އޭނާގެ އެއްބަނޑު ނުވަތަ އެއްބަފާ އެއްވެސް މީހަކު ނުހުރެއެވެ. އެހެންވީމާ ދެމައިން އުޅެނީ މުޅީން އެކަންޏެވެ. އޭނާ މަސައްކަތްކުރަނީ ޢިމާރާތްކުރުމުގެ މަސައްކަތް ހިންގާ ކުންފުންޏެއްގައެވެ. ލިބޭ މުސާރައިން ދެމައިންގެ ޚަރަދުބަރަދު ކިރިޔާ ބެލެހެއްޓެނީ އެވެ. މާލޭގައި ތިބެނީ ކުލީ ކޮޓަރިއެއްގައެވެ. ގިނަ ފަހަރަށް މަންމައަށް ބޭސްކުރަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިގެން ލިބޭ އެހީގައެވެ.

އެ ދުވަހުގެ ވާހަކަ އެންމެ ފަހުން ގޮސް ބަދަލުވީ ކާވެނީގެ ވާހަކައަށެވެ. ސަލީމާ ދެކޭ ގޮތުގައި ކާވެންޏަކީ ބަނދެވުމެކެވެ. އެކަމަކު އެ ބަނދެވުމަކީ އޭނާ ދެކޮޅުހަދާނޭ ބަނދެވުމެއް ނޫން ކަމަށް ވެސް ބުންޏެވެ. އަހަރެން ދެކޭ ގޮތުގައި ކާވެންޏަކީ ދިރިއުޅުމުގެ ސަވާރީ ވަކި މިސްރާބަކަށް އަޅުވައި، މަންޒިލަކާ ހަމައަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސަލީމާ އަހަރެންގެ ޚިޔާލަކަށް ތާއީދެއް ނުކުރެއެވެ. އެކަމަކު އެ ޚިޔާލާ ދެކޮޅަށް މާ ގިނަ ވާހަކައެއް ވެސް ނުދައްކައެވެ.

އެ ދުވަހު ދެމީހުންގެ ބައްދަލުވުމުގެ ސިލްސިލާ ފެށުނީ އެވެ. އެ ސިލްސިލާ ނިމުނީ ކާވެނިންނެވެ. ކާވެނި ކުރެވުނު ދުވަހަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމުގައި ބުނެވިދާނެ އެވެ. ސަލީމާ ވެސް ހުރީ ވަރަށް އުފަލުންނެވެ. ދެ މީހުން އިނީ ލޯބިންނެވެ. އެކަކު އަނެކަކު ދެކެވަމުން އައީ އަމިއްލަ އެދުމެއް ނެތް ސާފުތާހިރު ލޯތްބެކެވެ.

* * *

ކާވެންޏަށް އަހަރެއް ފުރުނު އިރު ދެމީހުންނަށް ދަރިއަކު ލިބިއްޖެ އެވެ. އެޔާއެކު ދެމީހުންގެ ދެމެދުގައި އޮތް ލޯބި އިހަށް ވުރެ ވެސް ފުންވެގެން ހިނގައްޖެ އެވެ. ދެ މީހުންގެ ދިރިއުޅުން ވެފައިވަނީ ވަރަށް އުފާވެރި ދިރިއުޅުމަކަށެވެ.

ދެ މީހުންގެ މެދުގައި އެންމެ ފުރަތަމަ މައްސަލައެއް ޖެހުނީ އޭނާގެ މޯބައިލް ފޯނަށް އައި ލަވް ޔޫ ޖަހާފައި އޮތް އެސް އެމް އެސް މެސެޖެއް ލިބުނު ދުވަހު އެވެ. އެއީ ކާކު ފޮނުވި މެސެއްޖެއްތޯ އަހައިލީމާ އޭނާ ބުނީ ނޭނގޭ ކަމަށެވެ. އެ ދުވަހު އަހަރެން ވަރަށް ބޮޑަށް ރުޅި އައެވެ. އޭނާ ދެއްކި ވާހަކައެއް ގަބޫލެއް ނުކުރަމެވެ.

“ކަލޭ ނުދަންނަ މީހުން ވެސް ކަލެއަށް ތިޔަ ކަހަލަ މެސެޖް ފޮނުވާތަ-؟” އަހަރެން ރުޅިއައިސްފައި އަހައިލީމެވެ.

“މެސެޖް ފޮނުވުމަކީ އެނގިގެން ކުރެވޭ ކަމެއް ނޫން.. ނޭނގުނަސް މެސެޖެއް ފޮނުވިދާނެ. ޝާހިދަށް ވެސް ނުދަންނަ މީހަކަށް މެސެޖެއް ފޮނުވިދާނެ.” އޭނާ ހިނިތުންވެލި އެވެ.

އޭނާގެ ހިނިތުންވުމަކުން އަހަރެންގެ ރުޅިފިލާ ގޮތެއް ނުވި އެވެ.

“ނޭނގޭ މީހުންނަކަށް މީހުން ތިޔަ ކަހަލަ މެސެޖެއް ނުފޮނުވާނެ!”

އެ ދުވަހުގެ ޒުވާބު ވަރަށް ކުރުކޮށް ނިމިއްޖެ އެވެ. އެއީ އަހަރެން ނިންމައިލަންވެގެން ނިންމައިލީއެއް ނޫނެވެ. ސަލީމާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. އެހެންވީމާ ނިންމާލަން މަޖުބޫރުވީ އެވެ.

އެކަމަކު އެދުވަހުގެ ފަހުން އެކަހަލަ ކުދިކުދި މައްސަލަތައް ޖެހެންފަށައިފި އެވެ. އަންހެނުން ފޯނުކޮށްގެން މާ ގިނައިރު މީހަކާ ވާހަކަދައްކާ ކަމުގައި އަހަރެންނަށް އިހްސާސްކުރެވެން ފަށައިފި އެވެ. އަހަރެން ފެނުނީމާ އަވަސްއަވަހަށް ފޯނުކަނޑައިލާކަން ވެސް އެނގިއްޖެ އެވެ.

“ކަލޭ ސިއްރުން ވާހަކަދައްކަނީ ކާކާ؟” އަހަރެން އެއް ދުވަހަކު އަހައިލީމެވެ.

“އެއީ ތިމާގެ ކުއްޖެއް.” އޭނާ ވަރަށް އާދައިގެ ގޮތަކަށް ބުނެލި އެވެ.

އެކަމަކު އެ ވާހަކަ ވެސް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަހަރެންނަށް ނާންގައި، ސިއްރުން ކޮންމެވެސް ފިރިހެނަކާ ގުޅުން ހިންގަނީކަމަށް ޝައްކުކުރެވެން ފަށައިފި އެވެ. ދެ މީހުންގެ މެދުގައި ހިނގާ ހަމަނުޖެހުން ބޮޑުވެގެން ދިޔަ ހިސާބަކީ މިއީ އެވެ. އޭގެ ފަހުން އަހަރެންނަށް ކަމުދާ ކަހަލަ ގޮތަކަށް ސަލީމާއަކަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށްނުވެއެވެ. ކިތަންމެ ރަނގަޅަކަށް ކަމެއް ކޮށްދިނަސް އަހަރެން ޝަކުވާނުކުރާ ކަހަލަ ގޮތަކަށް ކަމެއްނުކުރެވެއެވެ.

އަހަރެން އެކަނި ހުރެގެން ބައެއް ފަހަރަށް ވިސްނަމެވެ. މި ވަނީ ކީއްބާވައެވެ؟ އަންހެނުން ދެކެ އަހަރެން ލޯބި ނުވަނީ ބާވައެވެ؟ ކުރިން ހިތުގައި އޮތް ލޯތްބަށް ވީ ކީއް ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބެއް އަހަރެންނަކަށް ލިބޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ޚިޔާލުގެ ދުނިޔެއަށް ވެރިވާން ފެށީ ރުޅިވެރިކަމުގެ އަސަރެވެ. އަހަރެން ރުޅި އައިސްގެން ސުވާލުކުރަން ފެށީމާ ސަލީމާ ހިނިތުންވެލަނީ އެވެ. ނުވަތަ ފިނި ރާގަކަށް ކޮންމެވެސް އެއްޗެކޭ ބުނެފައި ނިންމައިލަނީ އެވެ. އެހެން ހެދީމާ އަހަރެންގެ ރުޅި ދިޔައީ ހައްތާ ގަދަވަމުންނެވެ.

އެސް އެމް އެސްއަކުން ހުރިހައިކަމެއް ނިމުނީއެއް ނޫނެވެ. ފަހަކަށް އައިސް މާ ގިނައިން އޭނާގެ މޯބައިލް ފޯނަށް ގުޅަން ފަށައިފި އެވެ. އަހަރެން ވަގަށް ނަންބަރު ނަގައިގެން ވަކި މީހަކު ބަލައިފީމެވެ. އެ މީހަކީ އަހަރެން ވެސް ދަންނަ މީހެކެވެ.

އެ މީހާޔާ ސުވާލުކުރުމަކީ ބޭނުންކަމެއް ކަމަކަށް އަހަރެންނަކަށް ނުފެނުނެވެ. އެހެންވީމާ އަހަރެން ސުވާލުކުރީ ސަލީމާއާ އެވެ.

“ފަހުމީ ކަލެއަށް ފޯނު ކުރަނީ ކީއްކުރަން؟”

“އެކި ފަހަރު އެކި ކަންކަމު. ބައެއް ފަހަރަށް ގުޅަނީ އޭނާގެ ޝޮޕަށް ބޭނުންވާ އެއްޗެހި ފައްސަންވެގެން.” ސަލީމާ މަޑުމައިތިރިކަމާ އެކު ޖަވާބު ދިނެވެ.

“އެހައި ގިނައިން ފޯނުކުރަނީ ހަމަ އެއްޗެހި ފައްސަން ވެގެންތަ؟”

ސަލީމާ ކުރަންހުރި މަސައްކަތް ހުއްޓައިލައިފައި އަހަރެންނާ ދިމާއަށް ބަލައިލި އެވެ.

“ޝާހިދު އަހަރެންނަށް ޝައްކު ކުރަނީތަ؟ އަހަރެން އޭނާއާ ހިތާވެގެން އުޅެނީއޭ ހީވަނީތަ؟”

ކުއްލިއަކަށް އެހައި ސާފުކޮށް އޭނާ ސުވާލުކޮށްލީމާ އަހަރެންނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.

“އަހަރެން އެހެންނެއް ނުބުނަން.”

“އާނ! އެހެންނެއް ނުބުނޭ. އެކަމަކު އަހަރެން ދެއްކި ވާހަކަ ގަބޫލެއް ނުކުރެވޭ. އޭގެ މާނައަކީ އެހެން ހީކުރަނީއްޔޭ. ނޫންތަ؟”

އެ ދުވަހު ގިނަ ވާހަކަދެއްކީ ސަލީމާ އެވެ. އޭނާގެ ވަފާތެރިކަން އަހަރެންނަށް އަންގައިދޭން ވަރަށް ގިނަ ވާހަކަދެއްކި އެވެ. ބައެއް ވާހަކަ އަހަރެން ގަބޫލުކުރީމެވެ. އެކަމަކު ގިނަ ވާހަކަތައް އަހަރެންނަށް ފެނުނީ އަހަރެންގެ ލޮލުގައި އަނދުނެއް އަޅުވަންވެގެން ދެއްކި ވާހަކަތަކެއް ކަމުގައެވެ. އެހެންވީމާ ހިތުގައި އޮތް ރުޅިވެރިކަން ފިލައިގެން ދިޔުމުގެ ބަދަލުގައި ހައްތާ ގަދަވެގެން ދިޔައީ އެވެ.

* * *

ގިނަ ދުވަސްވާ ވަރަކަށް ހިތުގައި އުފެދިފައި ހުރި ފާރުގަނޑު ދިޔައީ ބޮޑުވަމުންނެވެ. ބޮލުގައި ރިއްސުން ދިޔައީ ގަދަވަމުންނެވެ. އެންމެ ފަހުން ހުރިހައި ކަމެއް ނިމުނީ ވަރިއާ ހަމައިންނެވެ. އޭނާ ވަރިކުރި ދުވަހަކީ އަހަރެންގެ ހުރިހައި މައްސަލައެއް ހައްލުވީ ދުވަސްކަމަށް އަހަރެން ހީކުރީމެވެ. އެކަމަކު މައްސަލަތައް ފެށުނު ދުވަހަކީ އެއީ އެވެ. އެ ކަން އަހަރެންނަށް އެނގުނީމާ ފަހުންނެވެ. އޭރު އޮތީ ވަގުތު ފާއިތުވެފައެވެ

* * *

އަހަރެން ވަރިކުރީމާ ސަލީމާ ދިޔައީ އޭނާގެ މަންމަގެ ގާތަށެވެ.

އޭގެ ފަހުން އެތައް އަހަރެއް ފާއިތުވެގެން ދިޔަ އިރު ވެސް ސަލީމާ މީހަކާ ނީނދެއެވެ. އަދި ފަހުމީއަކާ އޮތް ގުޅުމެއް ވެސް އަހަރެން ހީކުރި ވަރަކަށް ފުޅާވެގެންނެއް ނުދިޔަ އެވެ. އެންމެ ބޮޑަށް ޙައިރާންވީ ކަމަކީ ފަހުމީ އެހެން މީހަކާ އިނދެގެން ދަރިން ވެސް ލިބުނުކަމެވެ.

ސަލީމާއާ އަލުން އިންނަން އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު އޭނާ އެއްބަހެއް ނުވި އެވެ. އޭނާ ބުންޏެވެ.

“ޝައްކު ބައްޔަކީ ވަރަށް ބިރުވެރި ބައްޔެއް. ބޭހެއް ނެތް ބައްޔެއް. ޝާހިދަށް ތިޔަ ވަނީ ޝައްކުބަލި ޖެހިފައި.”

އަހަރެން ފަހުން ވިސްނައިލީމެވެ.

ޝައްކު ބައްޔަކީ ކޮބައިބާވައެވެ؟ އެ ބަލި ޖެހެނީ ކިހިނެއްބާވައެވެ؟

މި ސުވާލުތަކުގެ ޖަވާބަކަށް އުފެދުނީ ވެސް ސުވާލުތަކެކެވެ.

ސަލީމާއާ ފަހުމީ ނުގުޅި ނަމަ އަހަރެންގެ ހިތުގައި ޝައްކު އުފެދުނީސް ހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ޝައްކު އުފެދެނީ އެއްވެސް ސަބަބަކާ ނުލައި ހެއްޔެވެ؟

މި އިން ސުވާލަކަށް އެދެވޭ ޖަވާބެއް ލިބޭނޭ ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އެކަމަކު އެނގޭ ކަމަކީ ޝައްކު ބައްޔަކީ އަމިއްލައަށް އޭގެ ފަރުވާ ހޯދަންޖެހޭ ބައްޔެއްކަމެވެ. ފަރުވާއެއް ނުހޯދިއްޖެ ނަމަ ހަލާކުވެގެން ދާނީ އަމިއްލަ ދިރިއުޅުމެވެ. އަހަރެންނަށް ފަހުން ވިސްނުނު ގޮތުގައި ޝައްކު ބައްޔަށް އޮންނަ ހަމައެކަނި ފަރުވާއަކީ ވާހަކަދެއްކުމެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ މައްސަލަތަކުގެ ޙައްލު ހޯދަން މަޑުމައިތިރިކަމާއެކު ވާހަކަދެއްކުމެވެ. އަހަރެންގެ ދިރިއުޅުން މިހާރު މި އޮތް ގޮތަށް ބަދަލުވެގެން ދިޔައީ ޝައްކު ބަލީގެ ސަބަބުންނެވެ. ޝައްކު ބަލި އުފެދުނީ ވާހަކަދައްކަން ވާ ގޮތަށް ވާހަކަ ނުދެއްކުނީމައެވެ. ކުށްވެރިވަނީ ސަލީމާކަމަށް ވިޔަސް، ނުވަތަ އަހަރެންކަމަށް ވިޔަސް ޙަޤީޤީ ސަބަބަކީ ދެމަފިރިންގެ ދެމެދުގައި އޮންނަންވާ ވާހަކައިގެ ގުޅުން ނެތުމެވެ.